ހަބަރު

ދައުވާތަކުގެ ސަބަބުން ދަތި ކުރުމުގެ ފިޔަވަޅު އަޅާފާނެ: ގާސިމް

Mar 1, 2015
1

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކާނަލް މުހައްމަދު ނާޒިމް އަދި ސިޔާސީ މީހުންގެ މައްޗަށް ކުރާ ދައުވާތަކުގެ ސަބަބުން ރާއްޖެއަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ބިރު އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ކަންތައްތަކުގެ މައުލޫމާތު ދިނުމަށް ސްރީލަންކާ އަށް ކުރެއްވި ދަތުރުފުޅަށްފަހު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ގާސިމް ވިދާޅުވީ ތިން ޑިފެންސް މިނިސްޓަރާއި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާތައް ބޭރުގެ ގައުމުތަކުން ދެކެނީ "ބޮޑު ޖޯކެއް" ގެ ގޮތުގައި ކަމަށެވެ.

" މިހާރު ކުރަވަމުންދާ ޝަރިއްޔަތް، ތިން ޑިފެންސް މިނިސްޓަރު މައްޗަށް ކުރާ ދައުވާއަކީ ވަރަށް ސީރިއަސް މައްސަލަތަކެއް. މުޅި ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ދެކެނީ ޖޯކެއްގެ ގޮތުގައި،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދައުވާތަކުގެ ސަބަބުން ރާއްޖެއަށް ޓޫރިސްޓުން އައުންމަނާކޮށް "ޓްރެވަލް ބޭނެއް" އަތުވެދާނެތީ ކަންބޮޑުވާ ކަމަށެވެ.

" މާގިނަ ދުވަސްވާން ވެއްޖެނަމަ އިކޮނޮމިކް ސެންޝަންތަކެއް ނެރިފާނެ ކަމުގެ ބިއު އެބައޮތް. އެހެން ވެއްޖިއްޔާ ރައްޔިތުން ބަނޑަށް ޖެހޭނީ، މީގެން އެއްވެސް މައްސަލައަކުން ލިބޭނެ ފައިދާއެއް ނެތް. މިކަމުން ދިމާވެދާނެ މައްސަލަތައް ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް މި ކުރަނީ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވަނީ ތަކުރާރުކޮށް މި ދައުވާތައް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލާފަ އެވެ.