ހަބަރު

އދ.އިން ނިންމިއަސް ނަޝީދަށް ކުރިމައްޗެއް ނުލެވޭނެ: އަލްހާން

އދ.ގެ ކޮމެޓީއަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެއްކޮޅަށް މައްސަލައެއް ނިންމި ނަމަވެސް އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދުގެ ކިބައިން ސިޔާސީ އަދި މަދަނީ ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށް ބުނެ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއަށް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ.

އެ މައްސަލަ ރައީސް ނަޝީދާ އެއްކޮޅަށް ނިމުން ގާތް ކަމަށާއި އެހެންވެއްޖެނަމަ، އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މިއަދު އަލްހާންގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، ރައީސް ނަޝީދަށް އިންސާފު ހޯދުމަށް އެމްޑީޕީއިން މަސައްކަތްކުރަން ޖެހޭނެ ކަމަށާއި އެހެންނަމަވެސް އެމްޑީޕީ އާއި ރައީސް ނަޝީދަކީ އެކައްޗެއް ނޫން ކަމަށެވެ. ރައީސް ނަޝީދާ ގުޅޭ ގޮތުން ކުރެވޭ ހުރިހާ ކަމެއްގައި އެމްޑީޕީ ތާށިވެފައި އޮންނަން ނުޖެހޭ ކަމަށް އަލްހާން ވިދާޅުވި އެވެ.

"2018 ގައި އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެ ވާހަކަ ރައީސް ނަޝީދު ވިދާޅުވެފައެއް ނެތް، އެމްޑީޕީއިން މިހާތަނަށް ޕްރައިމަރީއެއް ވެސް ބާއްވަފައެއް ނުވޭ، އެހެންވީމަ ރައީސް ނަޝީދަށް ޝަރީއަތް ކުރެވުނުއިރު އަދި ހައްޔަރުކުރެވުނުއިރު ވެސް ރައީސް ނަޝީދަކީ ރިޔާސީ ކެނޑިޑޭޓަކަށް ނުވާތީ ކުރިއަށް އޮތް 2018 ގައި ވާދަކުރާނެކަން ވެސް އިއުލާންކޮށްފައި ވެސް ނުވާތީ، ރައީސް ނަޝީދުގެ މައްޗަށް ހިންގުނު ޝަރީއަތަކީ އިންތިހާބުގައި ބައިވެރިނުވެވޭނެ ގޮތް ހެދުމަށް ކުރި ކަމެއް ކަމަށް ތަރުޖަމާކުރެވޭކަން ނެތް،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވަނީ ރައީސް ނަޝީދާ ގުޅޭ ގޮތުން އދ.އިން މައްސަލައެއް ނިންމުމުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ރައީސް ނަޝީދު ވެގެންދާނެ ސަބަބެއް ނެތް ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ވަކީލުންނަށް ރައްދެއް ދެއްވާފަ އެވެ. ވިދާޅުވީ އެމްޑީޕީއާ ގުޅޭ ގޮތުން ވާހަކަ ދައްކައި، އެމްޑީޕީއާ ގުޅޭ ގޮތުން ގޮތް ނިންމުމުގެ އެއްވެސް ހައްގެއް އެ ވަކީލުންނަށް ލިބިފައިނުވާ ކަމަށެވެ.

"ރައީސް ނަޝީދުގެ މައްސަލަ އދ.ގެ ކޮމެޓީން އެމަނިކުފާނާ އެއްކޮޅަށް ނިންމުނުނަމަވެސް ދިވެހިރާއްޖޭގެ ފަނޑިޔާރުގެއިން ރައީސް ނަޝީދުގެ ޝަރީއަތް ހިންގާފައިވަނީ ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށް ނިންމި ނަމަވެސް ރައީސް ނަޝީދަކަށް 2018 ގައި ކުރިމައްޗެއް ނުލެވޭނެ، އެހެން މި ބުނާ ސަބަބަކީ ރާއްޖެއަކީ މުސްތަގިއްލު ގައުމެއް، ރާއްޖޭގައި ގާނޫނުތައް ހިނގަމުންދަނީ ރައްޔިތުންގެ މައްޗަށް ހެދިފައިވާ އުސޫލުތަކުގެ ދަށުން، ރައީސް ނަޝީދަށް ހުކުމް ކުރެވިފައި އޮތް ގޮތުން ކުރިއަށް އޮތް އިންތިހާބުގައި ރައީސް ނަޝީދަށް ބައިވެރިއެއް ނުވެވޭނެ،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ، އދ.ގެ ކޮމެޓީއަކުން ނިންމާ ނިންމުމަކުން ރައީސް ނަޝީދުގެ މައްޗަށް ރާއްޖޭގެ ގާނޫނަކުން އެޅިފައިވާ ހުރަހެއް ނައްތައެއް ނުލެވޭނެ ކަމަށެވެ. އެއީ އެމްޑީޕީގެ މެންބަރުންނަށް ހަގީގަތް އޮޅުވާލަން ވަކީލުން ކުރައްވާ ކަމެއް ކަމަށް އަލްހާން ތުހުމަތުކުރެއްވި އެވެ. ރައީސް ނަޝީދުގެ ވަކީލުން ދައްކަވަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ޝަރުއީ މަރުހަލާތައް ފުރިހަމަކޮށް، ރައީސް ނަޝީދަކީ ކުށެއް ނެތް މީހެއްކަން ރާއްޖޭގެ މަތީ ކޯޓުން ކަނޑަނާޅާ ހިނދަކު ރައީސް ނަޝީދަށް އަންނަ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

"އދ.ގެ ޖެނެރަލް އެސެމްބްލީން ގަރާރެއް ފާސްކުރިއަސް، މި އޮތް ހާލަތެއްގައި ރައީސް ނަޝީދަކަށް 2018 ގައި ކުރިމައްޗެއް ނުލެވޭނެ، ރައީސް ނަޝީދަށް ކުރިމަތިލެވޭ ގޮތް ވާނީ ރައީސް ނަޝީދަކީ ކުށްވެރިއެއް ނޫން ރާއްޖޭގެ ކޯޓުން ކަނޑައަޅެމުން، ނޫނީ ރާއްޖޭގެ ގާނޫނުތައް އިސްލާހުކޮށްގެން، ރައީސް މާފު ދެއްވާ މީހަކަށް އެއްވެސް ޝަރުތަކާ ނުލާ އިންތިހާބުގައި ވާދަކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްގެން،" އަލްހާން ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވަކީލުން ދެއްކެވި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ގާނޫނީ ކޮމެޓީން ބުނާ އެއްޗެއް އެމްޑީޕީގެ އާންމު މެންބަރުންނަށް އެނގެން ޖެހޭ ކަމަށާއި އެމްޑީޕީ އޮފީސް ތެރޭގައި ރައީސް ނަޝީދުގެ ވަކީލުން ނޫސްވެރިންނަށް މައުލޫމާތު ދެއްވި ނަމަވެސް އެއީ އެމްޑީޕީގެ ގާނޫނީ ޓީމު ނޫން ކަމަށް އަލްހާން ވިދާޅުވި އެވެ.

އދ.ގެ ކޮމެޓީއަށް ރައީސް ނަޝީދުގެ ވަކީލުން ހުށަހެޅި މައްސަލާގައި 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ކުރެއްވުމުގެ ހައްގުވެސް އަނބުރާ ހޯއްދަވައިދެއްވުމަށް ވަނީ އެދިފަ އެވެ. އެ މައްސަލަ އެ ކޮމެޓީން ވަނީ ބަލައިގެންފަ އެވެ. މި މައްސަލާގައި ޖަވާބުދާރީވުމަށް ސަރުކާރަށް ފުރުސަތު ލިބޭނެ އެވެ.