ހަބަރު

ނައިފަރު ސްކޫލްގައި ދިހަ ކްލާސް ރޫމްގެ އާ އިމާރާތެއް އަޅަނީ

ދިހަ ކްލާސްރޫމާއި ސްޓާފްރޫމެއް ހިމެނޭ ތިން ބުރީގެ އިމާރާތެއް އަޅަން އެޑިއުކޭޝަން މިނިސްޓްރީން 13.4 މިލިއަން ރުފިޔާއަށް ސްވިފްޓް އިންޖިނޭރިންއަށް ދީފި އެވެ.

މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އެވެ. ސްވިފްޓް އިންޖިނޭރިންގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި މަޖިލިސް މެންބަރު ސައުދުﷲ ހިލްމީ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، 13.4 މިލިއަން ރުފިޔާ އަށް ސްވިފްޓް އިންޖީނިަރިންއަށް މިއަދު ހަވާލުކުރި މަސައްކަތުގެ ދަށުން ނައިފަރުގެ މަދްރަސަތުލް އިފްތިތާހުގައި 10 ކްލާސްރޫމްގެ ތިން ބުރީގެ އިމާރާތެއް ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި އަޅައި ނިންމާނެ ކަމަށެވެ. މަޝްރޫއުގެ ދަށުން އަޅާ އިމާރާތުގައި ހިމެނެނީ ކްލާސްރޫމްގެ އިތުރަށް އޭވީ ރޫމަކާއި ސްޓާފްރޫމެކެވެ. އެ އިމާރާތް މުޅިން ނިމި ހުޅުވަން ނިންމާފައިވަނީ 2018ގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށެވެ.

ސްވިފްޓް އިންޖިނޭރިންގެ ފަރާތުން އެމްޑީ ސައުދުﷲ ވިދާޅުވީ، އެއްބަސްވުމުގައިވާ ގޮތަށް އިމާރާތް އެ މުއްދަތުގެ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.