ހަބަރު

އަދީބުގެ ލަފަޔަށް ސްޓެޕް އައްޔަ އެމްޑީޕީއާ ގުޅިއްޖެ

ސަރުކާރު ހިންގާ، ޕީޕީއެމްގެ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކުރި އަދި ކުރީގެ ނައިބު ރައީސް އަދީބުގެ ގާތްބޭފުޅެއް ކަމަށްވާ އަލީ ޝާހިދު (ސްޓެޕް އައްޔަ) މިއަދު އިދިކޮޅު އެމްޑީޕީއަށް ސޮއިކޮށްފި އެވެ.

ޔޫތް މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު ކަން ވެސް ކުރެއްވި ސްޓެޕް އައްޔަ އެމްޑީއާއަށް ސޮއިކޮށްފައިވަނީ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ޑެޕިއުޓާ ލީޑަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ހާޒިރުގައި އެމްޑީޕީގެ އޮފީހުގައި މިއަދު އެވެ. އެމްޑީޕީގެ ސަޕޯޓަރުން ދަނީ ސްޓެޕް އައްޔަ އެ ޕާޓީއާ ގުޅުމުން ޓްވިޓާގައި މަރުހަބާ ވެސް ކިޔަމުންނެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ އައްޔަ މިދިޔަ އަހަރު ތެރޭގައި ޕީޕީއެމްއިން ވަކިކޮށްފައިވަނީ އަދީބު ހައްޔަރުކުރިފަހުން، ސަރުކާރަށް ފާޑު ކިޔާ ހެދުމުންނެވެ. އޭނާ ކޯޑިނޭޓަރުކަމުން ވެސް ވަކި ކުރީ، އެ މައްސަލައާ ގުޅިގެންނެވެ. އޭގެ ކުރިން އޭނާ ވަނީ ޕީޕީއެމްގެ އިންތިހާބީ ކޮމިޓީގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ.

އެމްޑީޕީއާ ސޮއިކުރި ސަބަބާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސެޓްޕް އައްޔަ މިއަދު ބުނީ، އެމްޑީޕީއާ އޭނާ ގުޅުނީ ސިޔާސީ ހަޔާތް ނިންމާލަން ބޭނުންނުވާތީ ކަމަށެވެ. އެމްޑީޕީއާ ގުޅިގެން ސިޔާސީ މައިދާނުގައި ކުރިއަށް ދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް އައްޔަ ބުންޏެވެ. އަދި ބުނީ، ޕީޕީއެމް ދޫކޮށްލަން ޖެހޭ ދުވަހަކުން އަބަދުވެސް ވިސްނުމުގައި އޮތީ އެމްޑީޕީއާ ގުޅުމަށް ކަމަށެވެ.

ސްޓެޕް އައްޔަ ބުނީ، އޭނާ އަކީ މިހާރު ޖަލުގައި ހުންނެވި، ކުރީގެ ނައިބު ރައީސް އަދީބުގެ ސަޕޯޓަރެއް ކަމަށާއި އެމްޑީޕީއާ ގުޅުނީ ވެސް އަދީބާ މަޝްވަރާކޮށް އެބޭފުޅާގެ މައްސަލައެއް އެކަމުގައި ނެތް ކަމަށް ބުނުމުން ކަމަށެވެ.

"ޕީޕީއެމް ތެރޭގައި މަސައްކަތްކުރިއިރު ވެސް އެމްޑީޕީގައި ތިބީ ގާތް އެކުވެރިން، އެމްޑީޕީއަށް ވަނުމަށް އެދެމުން ދިޔައީ، މިވީ ދުވަސްތަކުގައި ވެސް އެމްޑީޕީގެ މެންބަރުން އެކަމަކު މަޑުކޮށްލައިގެން ހުރީ އެމްޑީޕީގެ އިސްވެރިންނަށް އައްޔައަކީ ކާކުކަން އެނގި، އައްޔަގެ އިތުބާރެއް އެމީހުންނަށް ހޯދުނީމަ، އަދީބު އައްޔަކުރިފަހުން އެމްޑީޕީއާއެކު މި މަސައްކަތްކުރެވެނީ، އެމީހުން ބަލައިގަނޭ،" ނެށުމާއި ފިލްމީ ދާއިރާގައި ވެސް ހަރަކާތްތެރިވާ އައްޔަ ބުންޏެވެ.

އައްޔަ ބުނީ، އެމްޑީޕީއާ ގުޅުމަށް އަދީބު އޭނާއަށް ލަފާ ދެއްވި ކަމަށެވެ. އެމްޑީޕީއިން އިސްވެ އޮވެ އުފައްދާފައިވާ، އިދިކޮޅު އިއްތިހާދު އެމްޔޫއޯ ގައިވެސް އަދީބު ބައިވެރިވެ އެވެ. އަދި އަދީބު ވަނީ އޭނާ މިހާރު ހުންނެވީ އެމްޑީޕީއާ އެކު ކަމަށް ވިދާޅުވެ ބަޔާނެއް ވެސް ނެރުއްވައިފަ އެވެ. މީގެ އިތުރަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަދީބަށް ކުރެވޭ ތުހުމަތުތަކުގެ ދިފާއުގައި ވެސް ވާހަކަ ދައްކަވައިފަ އެވެ.

އެމްޑީޕީއަށް އަދި އެމްޔޫއޯއަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި މަޖިލިސް އިންތިހާބު އަދި ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް ވަރަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރާނެ ކަމަށް އައްޔަ ބުންޏެވެ. އައްޔައަކީ އެމްޑީޕީ ސަރުކާރާ ދެކޮޅަށް ކުރެވުނު މުޒާހަރާތަކުގައި ވަރަށް އިސްކޮށް އުޅުނު ފަރާތެކެވެ. އަދި ޕީޕީއެމްގެ ކެމްޕޭންގެ ކަންކަން ރޭވުމުގައި ވެސް އޭނާގެ ކުޅަދާނަކަން ވަނީ ފެނިގެން ގޮސްފަ އެވެ.