ރާއްޖެ ކުޅިވަރު

ގައުމީ ވޮލީ ޓީމު ދޭން ވިސްނަނީ ދިވެހި ކޯޗަކަށް

ޑިސެމްބަރު މަހު ބަނގުލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވާ އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ގައުމީ ޓީމަށް ކޯޗަކު ހަމަޖެއްސުމުގައި ދިވެހި ކޯޗަކަށް އިސްކަން ދިނުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ލަތީފު ވިދާޅުވީ "ދިވެހި ކުޅުންތެރިން އެންމެ ރަނގަޅަށް އެނގޭނީ ދިވެހި ކޯޗަކަށް، ޓީމަށް ކޯޗަކު ހަމަޖެއްސުމުގައި ދިވެހި ކޯޗަކަށް އިސްކަން،" ދޭން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ދިވެހި ކޯޗެއް ގެނެޔަސް ގައުމީ ޓީމަށް ބޭރުގެ ޓްރެއިނަރެއް ގެންނާނެ ކަމަށާއި ނޮވްމެބަރު މަހު ބާއްވާ ގައުމީ ލީގް އޮބްޒާވްކޮށް ކުޅުންތެރިންގެ ހުނަރު ދެނެގަތުމަށްޓަކައި ޓްރެއިނަރު ރާއްޖެ ގެންނާނެ ކަމަށެވެ.

ކޯޗް ހަމަޖެއްސުމުގައި ފަހު ނިންމުން ނިންމާނީ އެކްސްކޯއިން ކަމަށް ލަތީފު ވިދާޅުވިއެވެ. "ހަމަޖައްސާނީ ބޭރު ކޯޗެއްތޯ ނުވަތަ ދިވެހި ކޯޗެއްތޯ މުޅިން ފައިނަލެއް ނުކުރަން އެކަން ނިންމާނީ އެކްސްކޯއިން،" ގައުމީ ޓީމަށް އެންމެ ފަހުން ކޯޗްކޮށްދިން ބިދޭސީ ކޯޗަކީ ތައިލެންޑްގެ ސުންޓޮން ފޮސީޓާއެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ޓީމު ވަނީ ސެންޓަރަލް ޒޯން ވޮލީ މުބާރާޓުގެ ފައިނަލް ކުޅެފައެވެ.

އޭގެ ފަހުން ވީއޭއެމްގެ ކުރީގެ އެކްސްކޯއިން ވަނީ ގައުމީ ޓީމަށް އިރާންގެ ކޯޗެއް ހަމައްސާފައެވެ. ނަމަވެސް ލަތީ ވިދާޅުވީ "އިރާންގެ ކޯޗެއް ހަމަޖެއްސިކަން ޚަބަރުތަކުން އަޑުއެހިން ކޯޗް ހަމަޖެއްސި ކަމުގެ އެއްވެސް ލިޔުމެއް ވީއޭއެމްގައި ފެންނާން ނެތް،" ކަމަށެވެ.

އޭނާ ވިދާޅުވީ ބައެއް ބޭރު ކޯޗުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެގޮތުން ލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. މުބާރާތައް ތައްޔާރުވުމަށް ރާއްޖެއިން ބޭރުގައި ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ޓީމު ޓްރެއިނިން ކޭމްޕަށް ފުރާނީ ޑިސެމްބަރު މަހު އެކެއް ނުވަތަ ދެ ވަނަ ދުވަހު ކަމަށް ލަތީފު ވިދާޅުވިއެވެ.

ވީއޭއެމްއިން ވޮނީ ސެންޓަރަލް ޒޯން އަށް ތައްޔާރުވުމުގެ ގޮތުން ވޮލީ ކަލަންޑަރަށް ބަދަލު ގެނެސްފައެވެ. އެގޮތުން ވޮލީގެ ގައުމީ ލީގާއި ގައުމީ މުބާރާތް އަންނަ މަހު އެކެއްގައި ފަށާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ގައުމީ މުބާރާތުގެ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖައްސާފައިވަނީ އަންނަ މަހު 21 ވަނަ ދުވަހުއެވެ. އަންހެން ޑިވިޝަންގެ ފައިނަލް މެޗް އެދުވަހު ހަވީރު ކުޅޭއިރު ފިރިހެން ޑިވިޝަން ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އެ ރޭގައެވެ.