ހަބަރު

"ރާއްޖެއަށް ސިޔާސީ ހަމަޖެހުން ލިބޭނެ ކަމުގެ އުންމީދު އާވެއްޖެ"

ޕާޓީތަކާ އެކު ސަރުކާރުން ބާއްވާ މަޝްވަރާތަކުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ހަމަޖެހުން އަންނާނެ ކަމުުގެ އުންމީދު އާ ވެއްޖެ ކަމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑައުރީސް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިދިކޮޅު އިއްތިހާދު އެމްޔޫއޯއާ އެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމާ ބެހޭ ގޮތުން ޑައުރީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުރިހާ ޕާޓީތަކުން ވެސް ތިބީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އެއްބާރުލުން ދިނުމަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ހަމަޖެހުން އަންނާނެ ކަމުގެ އުންމީދު އާވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވި އެވެ.

ޑައުރީސް މިއަދު ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އާއި ޖެންޑާ މިނިސްޓަރު އައިޝަތު ޒެނީޝާގެ އިތުރުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާ ވެސް ބައްދަލުކުރައްވާފަ އެވެ.

އެ ބޭފުޅުންނާ ބައްދަލުކުރައްވައި ސަފީރު ވަނީ އެކި ކަންކަމުގައި މަޝްވަރާ ކުރަށްވައިފަ އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑރ. އާސިމްއާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވީ، މުޅި ދުނިޔެއަށް ދިމާވެފައިވާ ޓެރަރިޒަމްގެ ބިރުވެރިކަމާ ބެހޭގޮތުން ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް ދިމާވާ ގޮންޖެހުންތަކާއި ޖިންސްގެ ހަމަހަމަކަން ކަށަވަރުކުރުމަށް ޔޫކޭ އާއި ރާއްޖެ ގުޅިގެން ހިންގާ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން، ސަފީރު މަޝްވަރާ ކުރެއްވީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއާ އެކު އެވެ.

"މިއަދުގެ ބައްދަލުވުމުގައި ކައުންޓާ ޓެރަރިޒަމް ހުއްޓުވުމާއި މެރިޓައިމް ސެކިއުރިޓީ ވަރުގަދަ ކުރުމާ ބެހޭގޮތުންޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާއެކު މަޝްވަރާ ކުރެވުނު،" ޑިފެންސް މިނިސްޓަރާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު ޖޭމްސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.