ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ވޯޓު ލާ މީހުންގެ ލިސްޓް ގެޒެޓްކޮށް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

  • ޝަކުވާ ހުށަހެޅުމަށް 10 ދުވަސް ވަނީ ދީފަ
  • އިންތިހާބު އޮންނަނީ ޖެނުއަރީ 14 ގައި
  • ވާދަކުރުމަށް މި މަހު 26 ގައި ހުޅުވާލާނެ

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލެވޭނެ މީހުންގެ ލިސްޓް މިއަދު ގެޒެޓްކޮށްފި އެވެ. މި ލިސްޓް އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓްގައި ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

ލިސްޓް އާންމުކުރުމާއެކު ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު އިލެކްޝަން ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ. އެ ފުރުސަތު ހުޅުވިފައިވަނީ 10 ދުވަހަށެވެ.

މިފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ، ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް ތަކަށް ޖުމްލަ 651 ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިހާބެކެވެ.

ހޮވާނެ މަގާމުތަކުގެ ހުލާސާ

  • 179 ރަށަކުން 561 ކައުންސިލަރުން
  • 19 އަތޮޅެއްގެ 57 އިންތިހާބީ ދާއިރާއިން 67 ކައުންސިލަރުން
  • މާލެ، އައްޑޫ ފުވައްމުލަކުން 23 ކައުންސިލަރުން

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހު އެވެ. އިންތިހާބުގައި ވާދަ ކުރުމަށް މި މަހުގެ 26 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ. ކައުންސިލްތަކުގެ މި ދައުރު ނިމޭނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހަށެވެ.

އެ އިންތިހާބަށް ވާދަ ކުރާ ކެންޑިޑޭޓުން ހޮވުމަށް ޕާޓީތަކުގެ އެތެރޭގެ ޕްރައިމަރީ ބޭއްވުމަށް އެމްޑީޕީ، އަދާލަތު ޕާޓީ އަދި ޕީޕީއެމް އިން އަންނަނީ ތައްޔާރުވަމުންނެވެ.

އިލެކްޝަނުން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 480 އެއްހާ ވޯޓް ފޮށި މިފަހަރު ބެހެއްޓޭނެ ކަމަށް ލަފާކުރެވެ އެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ދިވެހިން އުޅޭ ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ވޯޓު ފޮށި ނުބެހެއްޓުމަށް އިލެކްޝަންސް އިން ވަނީ ނިންމައިފަ އެވެ.

ލޯކަލް ކައުންސިލް ގާނޫނަށް އެންމެ ފަހުން ގެނެވުނު މި އިސްލާހުގެ ދަށުން، ކައުންސިލަރުންގެ އަދަދު މިހާރަށްވުރެ މަދުވާނެ އެވެ. އާބާދީގައި 3000 މީހުންނަށްވުރެއް ކުޑަ ރަށްރަށުގައި ތިން ކައުންސިލަރުން އިންތިހާބު ކުރާއިރު 3000 އަށްވުރެއް ބޮޑު އާބާދީއެއް ނަމަ އިންތިހާބު ކުރާނީ ފަސް ކައުންސިލަރުންނެވެ. ކުރިން އޮތް ގޮތުން 3،000 އަށް ވުރެ ކުޑަ އާބާދީއެއްގައިވެސް ފަސް ކައުންސިލަރުން ތިބެ އެވެ. އަދި އެއަށްވުރެއް ގިނަ ނަމަ ހަތް މެންބަރުންނެވެ.

މީގެ އިތުރުން މަޖިލީހުން ވަނީ، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތަށް ގެނައި ބަދަލާ ގުޅިގެން ވެސް ކައުންސިލަރުންގެ އަދަދު މަދުކޮށްފަ އެވެ. އެގޮތުން ދެ އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ ކޮންމެ ދާއިރާއަކުން އެއް މެންބަރެވެ. އަދި ދެ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީދާއިރާތަކުން އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ މުޅި އަތޮޅުން އިންތިހާބު ކުރެވޭ ތިން މެންބަރުންނެވެ.