ރާއްޖެ ކުޅިވަރު

ދަގަނޑޭ ނެތް، ކުޅުންތެރިން ދެގުނަ މަސައްކަތް ކުރާނެ: ގައުމީ ކޯޗް

ގައުމީ ކެޕްޓަން އަލީ އަޝްފާގް ދަގަނޑޭ އަށް އަނިޔާ ވެފައިވުމުން އޭޝިއަން ކަޕް ކޮލިފައިން އިން ޖާގަ ހޯދަން މާދަމާ ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗްގައި ކުޅުންތެރިން ދެ ގުނަ މަސައްކަތް ކުރާނެ ކަމަށް ގައުމީ ޓީމުގެ ކޯޗް ޑާރެން ސްޓެވާޓް ބުނެފިއެވެ.

ދަގަނޑޭގެ ކަކުލު ހުޅަށް އަނިޔާވުމުން، ޓީމާއެކު ލާއޯސްއަށް އޭނާ ނުދެއެވެ. ޕްރިމިއާ ލީގްގައި އެންމެ ފަހުން މާޒިޔާ ކުޅުނު މެޗްގައި ވެސް ދަގަނޑޭ ކުޅެފައެއް ނުވެއެވެ. ގައުމީ ޓީމުގެ މެނޭޖަރު ހުސައިން ޖަވާޒު ބުނީ ދަގަނޑޭ އަށް ލިބުނު އަނިޔާއަށް ލަންކާގައި ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

"މެޗްގައި ދަގަނޑޭ ހުރެއްޖެނަމަ، ނަތީޖާ ނެރެން އަހަރެމެންނަށް ފަސޭހަ ވާނެ. އޭނާ ނެތިއްޔާ [އެތަން ފޫބައްދަން] އެހެން ކުޅުންތެރިން ކުޅުންތެރިން ދެ ގުނަ މަސައްކުރަން ޖެހޭނެ. ކުޅުންތެރިން އެކަން ކުރާނެ" ކޯޗް ސްޓެވާޓް ބުންޏެވެ.

ލޯއޯސް މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށިއިރުވެސް، އަނިޔާގެ މައްސލައެއް އުޅޭކަން އޭނާ އަންގާފައިވާ ކަމަށެވެ.

"އަޝްފާގް އެ އެސްކިއުޒް ބަލައިގަންނަން ޖެހޭ. އަހަންނަން ވުރެ ބޮޑަށް ކަލޭމެން [ނޫސްވެރިން] ނަށް އެނގޭނެ ދިވެހި ފުޓްބޯޅަ އަށް ދަގަނޑޭ ކޮށްފައި ހުރި ހިދުމަތް" ލޯއޯސްއަށް ފުރުމުގެ ކުރިން ސްޓެވާޓް މީޑިއާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ދަގަނޑޭ ނެތުމުން އެ މެޗްގައި ގައުމީ ޓީމުގެ ކެޕްޓަންކަން ކުރާނީ ގޯލްކީޕަރު އިމްރާން މުހައްމަދެވެ. ލޯއޯސްއާ ރާއްޖެ ބައްދަލު ކުރާ ދެ ވަނަ ލެގް މެޗް އޮންނާނީ މާދަމާ ރާއްޖޭ ގަޑިން ހަވީރު 4:00 ގައެވެ.