ހޮލީވުޑް

އެންމެ އަގުބޮޑު ބަތަލާއާ އެކު ސްޕީލްބާގް އުފައްދާ ފިލްމު ތަފާތު

Oct 10, 2016

އެމެރިކާގެ މަޝްހޫރު ފޮޓޯޖާނަލިސްޓް، ލިންސޭ އެޑާރިއޯގެ ވާހަކަ ބޮޑުސްކްރީނަށް ގެނައުމުގެ މަސައްކަތް ވާނާ ބްރަދާސް އިން ފަށާފައިވާއިރު ފިލްމު ބަލާ މީހުންނަށް އޮތް އުފާވެރި ޚަބަރަކީ ޖެނީފާ ލޯރެންސް އާއި ޑައިރެކްޓަރު ސްޓީވަން ސްޕީލްބާގް އެވެ.

އެޑާރިއޯގެ އާދަޔާހިލާފު ކެރިއަރު ބޮޑުސްކްރިނުގައި ތަމްސީލުކޮށްދޭނެ ބަތަލާއަކަށް، ދުނިޔޭގެ އެންމެ އަގުބޮޑު ބަތަލާ، ލޯރެންސް ހަމަޖެހިފައިވާއިރު މި ފިލްމުގައި އޭނާ ޑައިރެކްޓްކުރާނީ އެފަދަ ދެ ވަނައެއް ނެތް ސްޕީލްބާގް އެވެ.

މިއީ ޔަގީނަށް ވެސް އިންތިޒާރުކުރަން ރަނގަޅު ފިލްމެކެވެ. ވަކިން ހާއްސަކޮށް އެޑާރިއޯގެ އާދަޔާހިލާފު ވާހަކަ އާއި އޭނާގެ ތަޖުރިބާތައް ބޮޑުސްކްރީނުގައި ބަލައިލުމަށެވެ.

އެމެރިކާގެ އެންމެ މަޝްހޫރު އެއް ފޮޓޯޖާލަނިސްޓްގެ ގޮތުގައި މިހާރު ވެސް ދެމިހުރި 42 އަހަރުގެ އެޑާރިއޯ އަކީ ފޮޓޯގްރާފަރެެއްގެ ގޮތުގައި މެކްއާތާ ފެލޯޝިޕް އެވޯޑް ހާސިލުކޮށްފައިވާ ފިސާރި އަންހެނެކެވެ. އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ 1996 ވަނަ އަހަރު ފްރީލާންސް ފޮޓޯޖާނަލިސްޓެއްގެ ގޮތުގައި ލެންސަށް ކިއުބާ ފޯކަސްކޮށްގެންނެވެ.

އެއަށް ފަހު އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ހަނގުރާމަ އާއި ދާޚިލީ ހަމަނުޖެހުން ބޮޑެތި ގައުމުތަކުގައި ކޮށްފައިވާ މަސައްކަތްތަކަށެވެ. ތާލިބާނުންގެ ބާރުގެ ދަށުގައި އަފްޣާނިސްތާނު އޮތް ދުވަސްވަރާއި އިރާގާއި ދާރްފޫރު އަދި ކޮންގޯ އާއި ހެއިޓީފަދަ ގައުމުތަކުގައި އާދަޔާހިލާފު ކަވަރޭޖުތަކެއް ހަދާފައިވެ އެވެ.

އޭނާގެ ފޮޓޯތައް އެސޯސިއޭޓެޑް ޕްރެސްގެ އިތުރުން ނިއު ޔޯކް ޓައިމްސް އާއި އެމީހުންގެ މެގަޒިން އަދި ޓައިމް މެގަޒިން އާއި ނެޝެނަލް ޖިއޯގްރެފިޓް މެގަޒިންގައި ޝާއިއުކޮށްފައިވެ އެވެ. ނިއު ޔޯކް ޓައިމްސްގެ ފޮޓޯޖާނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަނިކޮށް 2011 ވަނަ އަހަރު ލީބިއާގެ ސަލާމަތީ ބާރުތަކުން އޭނާ ވަގަށް ނެގި މައްސަލަ އަކީ ވެސް އެޑާރިއޯގެ ހަޔާތުން ފާހަގަކޮށްލެވޭ ބޮޑު ފޮޓޯގަނޑެކެވެ.