ރާއްޖެ ކުޅިވަރު

ޗެމްޕިއަން ކަންބޮޑުވަނީ ބައިނަލްއަގްވާމީ ފުރުސަތު ނުލިބޭތީ

ރާއްޖޭގެ އެއް ވަނަ އެތުލީޓަކީ ހަސަން ސާއިދުއެވެ. ނަމަވެސް މުހައްމަދު ޝަންމޫން އަކީ ސާއިދުއަށް ދޫދޭނެ މީހެއް ނޫންކަން އޭނާ ވަނީ ސާބިތުކޮށްދީފަ އެވެ. ރާއްޖޭގެ އެންމެ މަތީ އެތުލީޓުން ވާދަކުރި ގައުމީ ޗެމްޕިއަންޝިޕްގައި ޝަންމޫން ވަނީ އެއް ވަނަ އެތުލީޓްގެ މަގާމު ހޯދާފައެވެ. ތިން ރަން މެޑަލްއާ އެކުއެވެ.

މިއީ ނިމިދިޔަ 26 ވަނަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެއް ވަނަ އެތުލީޓެވެ. ދިވެހި ސިފައިންގެ ކުލަބަށް ނިސްބަތްވާ މުހައްމަދު ޝަންމޫން އަތުގައި އެތުލެޓިކްސްގެ 15 ރަން މެޑަލް އެބައޮތެވެ. އޭނާ ވާދަ ކުރާނީ ޝޮޓް ޕުޓް އެންޑް ޑިސްކަސް އިވެންޓްގަ އެވެ.

ކޮންމެ ކުޅިވަރަކުން ވެސް ކުރި ލިބެނީ އެންމެ ޅަ އުމުރުން ފެށިގެން އެކުޅިވަރުތަކުގައި ވާދަ ކުރަން ފެށުމުން، އުމުރު ފުރާތަކުން ކާމިޔާބު ހޯދައިގެންނެވެ. ޝަންމޫންގެ ކެރިއާގައި ވެސް އެފަދަ ރެކޯޑްތައް އެބަހުއްޓެވެ. ޝޮޓް ޕުޓް އެންޑް ޑިސްކަސްގައި ހުރިހާ އުމުރު ފުރައަކުން ގައުމީ ރެކޯޑް އޭނާ އަތުގައި އެބައޮތެވެ.

"މިއީ އަޅުގަނޑުގެ އެންމެ ބޮޑު ކާމިޔާބު އަސްލު ހީއެއް ނުކުރަން އެއް ވަނަ އެތުލީޓް ލިބޭނެ ކަމަކަށް" ޝަންމޫން ބުންޏެވެ.

މިފަހަރުގެ މުބާރާތަށް ވެސް އޭނާ ނިކުތީ އާ ގައުމީ ރެކޯޑްތަކެއް މުގުރުމަށެވެ. ނަމަވެސް ހުރިހާ ފަހަރެއްގައި ރެކޯޑް މުގުރުމަކީ ދުނިޔޭގެ އެއްވެސް އެތުލީޓަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

"މުބާރާތުގެ ކުރިން ވަރަށް ބޮޑަށް ހުން އައިސްގެ ބަލިވީ، އެހެންވެ އަސްލު ތައްޔާރު ވާންވީ ވަރަކަށް ތައްޔާރެއް ނުވެވުނު" ޝަންމޫން ބުންޏެވެ.

ކޮންމެ ފަހަރަކު އާ ރެކޯޑެއް ނެހެދުނަސް އޭނާގެ ގައުމީ ރެކޯޑްތައް އަދި އެއްވެސް އެތުލީތަކަށް މުގުރިފައެއް ނެތެވެ. ހަތެއް ނުވަތަ ހަތް ކިލޯގެ ބަރު ދަގަނޑު ބޯޅައެއް ދުރަށް ހޫރާލައިގެން ކިތަންމެ ގައުމީ ރެކޯޑެއްވެސް ޝާންމޫން އަށް ހެދިދާނެ އެވެ. ނަމަވެސް ކޮންމެ އެތުލީޓެއްގެ ވެސް ހަގީގީ މަންޒިލަކީ ވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަ ކުރަން ފުރުސަތު ލިބުމެވެ. ނަމަވެސް އެތުލެޓިކްސް އިން ރާއްޖެއިން ވާދަ ކުރަނީ ދުވުމުން ނުވަތަ ރިލޭ އިން އެކަންޏެވެ. ގައުމީ ޗެމްޕިއަން އެތައް ގައުމީ ރެކޯޑެއް އޮތް އިރު، ސަރަހައްދީ ފެންވަރުގައި އޭނާ އަށް ވާދަ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން ކިހިނެތް ވާނެ ތޯއެވެ. މިއީވެސް ގައުމަށް ރީތި ނަން ގެނެސް ގައުމީ ފަހްރަކަށް ވާނެ އެތުލީޓަކަށް ވާނެއެވެ. ޝަންމޫންގެ ކިބައިގައި އެ ހިއްވަރާއި އަޒުމު އެބަހުއްޓެވެ. ކޮމިޓް އެބަހުއްޓެވެ. ރާއްޖެއިން ފީލްޑް އެތުލެޓިކްސްގައި ވާދަ ކުރުމުގެ ފުރުސަތު ހޯދައި ގިނަ ބަޔަކަށް ފާހަގަ ނުވެފައި ތިބި މިފަދަ އެތުލީޓުންނަށް ފުރުސަތު ތަނަވަސްކޮށްދޭން ޖެހެއެވެ.

"ވަރަށް އުފާވާނެ އިންޓަނޭޝަނަލް ލެވަލްގައި ވާދަ ކުރަން ފުރުސަތު ލިބޭނަމަ. ވަރަށް ދެކެން ބޭނުންވާ ދުވަހެއް އެއީ" ޝަންމޫން ބުންޏެވެ.