ރާއްޖެ ކުޅިވަރު

މިސްބާހްގެ ހެޓްރިކާއެކު މާޒިޔާ ސެމީއަށް

ބީޖީ ސްޕޯޓްސް ކުލަބާ ދެކޮޅަށް އަބްދުﷲ މިސްބާހް ކާމިޔާބު ކުރި ތިން ލަނޑާއެކު ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދަތުރުކޮށްފި އެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު މިސްބާހް ކާމިޔާބު ކުރީ މެޗްގެ 23 ވަނަ މިނެޓްގައެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ 48 ވަނަ މިނެޓްގައެވެ. އަދި ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ 74 ވަނަ މިނެޓްގައެވެ.

މިސްބާހް އަކީ މިފަހަރު ސީޒަންގެ ކުރިން މާޒިޔާއިން ބޭއްވި ޓްރެއަލްގައި އެ ޓީމުގެ ސްކޮޑަށް ނެގި ކުޅުންތެރިޔެކެވެ. މާޒިޔާގެ ކޯޗް އަލީ ސުޒޭން ވަނީ މިއަހަރު މާޒިޔާގެ އޭއެއެފްސީ ކަޕް ސްކޮޑުންވެސް މިސްބާހް އަށް ފުރުސަތު ދީފައެވެ.

"ވަރަށް އުފާވެއްޖެ ޓީމް ސެމީފައިނަލަށް ގެންގޮސް ދިނުމުގައި އަހަންނަށް ބޮޑު ހިއްސާއެއް ވެވުނީތީ. ސެމީފައިނަލްގައި މޮޅަށް ކުޅެން ވަރަށް ބޮޑު ހިތްވަރެއް ލިބިގެން މިދިޔައީ،" މިސްބާހް ބުންޏެވެ.

ސެމީފައިނަލުން ފުރުސަތު ލިބެނީ ގުރޫޕް ސްޓޭޖްގައި ގަދަ ހަތަރު ޓީމަށެވެ. މާޒިޔާގެ އިތުރުން ޓީސީ އާއި އީގަލްސް ސެމީގެ ޖާގަ ކަށާވަރުކޮށްފައިވާއިރު ހަތަރު ވަނަ ޖާގައަށް ވާދަ ކުރަނީ ވިކްޓްރީ އާއި ވެލެންސިއާއި ނިއުރޭޑިއަންޓެވެ.

ތަވާލުގެ ހަތަރު ވަނައިގައި އޮތީ ވިކްޓްރީއެވެ. ފަސް ވަނައިގައި އޮތީ ނިއުރޭޑިއަންޓެވެ. ހަ ވަނައިގައި އޮތީ ވެލެންސިއާއެވެ. މިއަދު ވެލެންސިއާ އާއި ޔުނައިޓަޑް ވިކްޓްރީ ކުޅޭ މެޗުން ވެލެންސިއާ މޮޅުވެއްޖެނަމަ އެޓީމަށް 10 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައަށް އެރޭނެ އެވެ. ނަމަވެސް މާދަމާ ވިކްޓްރީ އާއި ނިއުރޭޑިއަންޓް ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް ހަތަރު ވަނަ ލިބެނީ އެޓީމަކަށެވެ.