ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް

ނަޝީދާއި އިމްރާނަށް މަޝްވަރާގައި ބައިވެރި ނުވެވޭނެ

ސަރުކާރުން އިސް ނަގައިގެން ބާއްވާ މަޝްވަރާތަކުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅުންނަށް ބައިވެރި ނުވެވޭނެ ކަމަށް އަންގައި ރައީސް އޮފީހުން ޕާޓީތަކަށް ސިޓީއެއް ފޮނުވައިފި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ކުރީގެ ރައީސް އިމްރާން އަބްދުﷲ ގެ މައްޗަށް ވަނީ ޖަލު ހުކުމެއް އިއްވާފަ އެވެ.

ރައީސް އޮފީހުން ޕާޓީތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ޕާޓީތަކުގެ ކައުންސިލް ނިންމައިގެން ނަން ފޮނުވިޔަސް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފަރާތަކަށް މަޝްވަރާގައި ބައިވެރިނުވެވޭނެ ކަމަށެވެ. މީގެ ކުރިން ރައީސް އޮފީހުން ވަނީ ޕާޓީގެ ކައުންސިލުން ފާސްކޮށްގެން މަންދޫބުންގެ ނަންތައް ރައީސް އޮފީހަށް ފޮނުވުމަށް ޕާޓީތަކަށް އަންގާފަ އެވެ.

ގާނޫނަށް ގެނައި އިސްލާހާއެކު އިމްރާން އަދި ނަޝީދު ވެސް ޕާޓީގެ ރައީސްކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ދެ ޕާޓީން އަދިވެސް ރައީސުންގެ ގޮތުގައި ބަލަނީ އެ ދެ ބޭފުޅުންނަށެވެ. އިތުރު ރައީސްއަކު އިންތިހާބުކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން ބާއްވަން އުޅުނު މަޝްވަރާތަކުގައި ވެސް ރައީސް ނަޝީދާއި އިމްރާން ބައިވެރިކުރުމަށް އިދިކޮޅު ދެ ޕާޓީން މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް އެކަމަށް އޭރު ވެސް ސަރުކާރުން އެއްބަހެއް ނުވި އެވެ. އެ ދެ ބޭފުޅުންނަށް މަޝްވަރާގައި ބައިވެރިނުވެވުނު ނަމަވެސް އެ ބޭފުޅުންގެ ޖަލު ހުކުމަށް ލުއި ގޮތެއް ހެދުމާ ގުޅޭ ގޮތުން ސަރުކާރުން މަޝްވަރާކުރަން ތައްޔާރަށް އޮތް ކަމަށް ވަނީ ބުނެފަ އެވެ.

ސީމެގްއިން ރާއްޖެއަށް ގޮވާލާފައިވަނީ އެއްވެސް ޝަރުތަކާނުލާ މަޝްވަރާތައް ފެށުމަށެވެ. ނަމަވެސް އިދިކޮޅު ދެ ޕާޓީން ވަނީ އދ.ގެ މަންދޫބު މަޝްވަރާތަކުގައި ބައިވެރިކުރުމަށް އެދިފަ އެވެ.

މަޝްވަރާތަކުގައި އެންމެ އިސްކޮށް ސަރުކާރުގެ ފަރާތުން އުޅުއްވާ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ، މަޝްވަރާގައި ބައިވެރިވެވޭނެ މަންދޫބުން ޕާޓީގެ ކައުންސިލުން ކަނޑައަޅަން އެންގުމަކީ ޝަރުތެއް ނޫން ކަމަށާއި ޝަރުތުތައް ކުރިމަތިކުރަނީ އިދިކޮޅުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މަޝްވަރާތައް ކާމިޔާބުކުރުމަށްޓަކައި ބައިވެރިވާ މަންދޫބުން ޕާޓީގެ ކައުންސިލުން ހޮވާފައިވާ މަންދޫބުންނަށް ވާންޖެހޭ ކަމަށެވެ. ނޫނީ ފަހުން އެ މަންދޫބުންނަކީ އަމިއްލައަށް އައި ބައެކޭ ޕާޓީތަކުން ބުނެ ނަތީޖާ ގޯސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.