ހަބަރު

ޕީޕީއެމުން ނުކުތީ ހަރާބުގެ މަގަށް ދިއުމުން: އަރީފު

Mar 2, 2015
4

ޕީޕީއެމުން ވަކިވެ ވަޑައިގެން އަލުން ޖޭޕީއާ ގުޅި ވަޑައިގަތީ މިހާރު ރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތުންނާއި ސިޔާސީ ފަރާތްތައް ހައްޔަރުކޮށް އެކަންކަމާ ގުޅިގެން އާންމުން މަގުމައްޗަށް ނުކުންނަ ހިސާބަށް ދިއުމުން ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފު ވިދާޅުވެއްޖެ އެވެ.

މިއަދު އޭނާ ވިދާޅުވީ މިހާރު ފެންނަމުން ދަނީ މަގުމަތީގައި ފުލުހުން ބެރިކޭޑް ޖަހައިގެން އަބަދު އުޅޭތަން ކަމަށައި ސަރުކާރުގެ ކޯޑިނޭޓަރުންނާއި ހަމައިން ފެށިގެން މިނިސްޓަރުންނާ ހަމައަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި ފެންނަނީ އިދިކޮޅު ފަރާތްތަކަށް ރައްދު ދޭން އުޅޭ މަންޒަރު ކަމަށެވެ.

"މާ އަވަހަށް އަވަހަށް މިސްރާބު ބަދަލުވެ ހަރާބުގެ މަގަށް ދިޔައީ އެހެންވީމާ އަޅުގަނޑަށް ކަމުނުދިޔައީ،" އަރީފު މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ޖެހިފައި ވަނީ އަލުން ޑިމޮކްރަސީގެ ދަތުރު ފަށަން ކަމަށައި އެފަދަ މަސައްކަތެއް ނުކުރެވޭނެ ކަމަށް އަނިޔާވެރިކަމުގެ ތެރެއަށް ވެއްޓޭނެ ކަމަށެވެ. އެކަމުން ސަލާމަތްވާންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މި އައީ ގާސިމް އިބްރާހީމްގެ މާލިމީ ކަމުގައ މި ކުރާ މަސައްކަތުގައި ބައިވެރިވާން. މި މަސައްކަތަށް ޣާފިލުވެގެން ރޯޝަނީ މުސްތަގުބަލެއް ނެތް." އޭނާ ވިދާޅުވި އެވެ.

ހުސެން އަރީފު މަޖިލީހަށް ހޮވި ވަޑައިގެންނެވީ ޖޭޕީގެ ޓިކެޓްގަ އެވެ. ނަމަވެސް އޭގެ ފަހުން އޭނާ ޕީޕީއެމަށް ބަދަލުވީ އެވެ. އަލުން ޖޭޕީއަށް ބަދަލުވެ ވަޑައިގެންނެވީ މާ ގިނަ ދުވަހެއް ނުވެއެވެ. އަލުން ޖޭޕީއާ ގުޅި ވަޑައިގަތުމުގެ ކުރިން އެމްޑީޕީ އާއި ޖޭޕީން ސަރުކާރާ ދެކޮޅަށް މާލޭގައި ބޭއްވި ބޮޑު އެއްވުމުގައި އޭނާ ވަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލާފައެވެ.