ރާއްޖެ ކުޅިވަރު

އެފްއޭއެމުގެ ރައީސް ކަމަށް ބައްސާމް ކުރިމަތިލައްވައިފި

ހުސްވެފައިވާ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް، ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ކުރިމަތިލައްވައިފި އެވެ.

އޭނާ އަކީ އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނުކުރެއްވި ހަމައެކަނި ކެނޑިޑޭޓެވެ. އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު ހަމަވާނީ އަންނަ އާދީއްތަ ދުވަހަށެވެ.

އިންތިހާބުގައ ވާދަކުރައްވާނެކަން އިއުލާނުކުރުމަށްފަހު ބައްސާމް މިއަދު ވިދާޅުވީ އޭނާ ކުރިމަތިލެއްވީ ފުޓްބޯޅައިގެ ގިނަ ބަޔަކު އެދެމުން ދިއުމާއެކުގައި ފުޓްބޯޅަ އަށް ރަނގަޅު ބަދަލުތަކެއް ގެނައުމުގެ އުއްމީދާއެކުގައި ކަމަށެވެ.

ބައްސާމަކީ އެފްއޭއެމުގައި ކުރިން މަސައްކަތް ކުރައްވައި ފަހުން ކުލަބު ވެލެންސިއާގެ ވައިސް ޗެއާމަންގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ގައުމީ ފުޓްބޯޅަ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އޭނާ އެންމެ ފުރަތަމަ ވަޑައިގަތީ މިދިޔަ އަހަރު ކުރީކޮޅު އެވެ. އޭގެ ފަހުން އެފްއޭއެމުގެ އިންތިހާބު ބާއްވަން ފީފާއިން ނެގި ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސްކަން ވެސް ކުރެއްވި އެވެ.

ދެ ވަނަ ފަހަރަށް އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އޭނާ އައްޔަންކުރީ މީގެ ހަތަރު މަސް ކުރިން ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އެވެ. ނަމަވެސް މިދިޔަ މަހު ޓޮމް ވަނީ ބައްސާމް މަގާމުން ވަކިކުރައްވާފަ އެވެ. އެކަމަކު އެކަންކުރީ އެފްއޭއެމުގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ނިންމައި ބައްސާމަަށް އަލުން ޖެނެރަލް ސެކްރެޓަރީގެ މަގާމު ދިނީ ދުނިޔޭގެ ފުޓްބޯޅަ މައި ޖަމާއަތް ކަމަށްވާ ފީފާއިންނެވެ.

އެފްއޭމުގެ އާއިންތިހާބެއް ބާއްވަން މިޖެހުނީ އެކްސްކޯގެ ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު އިސްތިއުފާ ދެއްވައި ޓޮމްގެ މަގާމު ގެއްލުވާލުމުންނެވެ. އިސްތިއުފާ ދެއްވި މެމްބަރުން ވިދާޅުވީ އެކަން ކުރީ ޓޮމް ގަވާއިދާ ހިލާފަށް ގިނަ ކަންތައްތަކެއް ކުރައްވަމުންދިއުމާއެކު އެކަންކަން ރަނގަޅު ކުރަން ބުނެބުނެ އެކަން ނުކުރެެއްވުމުން ކަމަށެވެ.