ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ހިބަޅިދޫ މައްސަލައިގެ ޝަރީއަތް ސިއްރުކޮށްފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދިޔަ ބ. ހިބަޅިދޫން ހަތިޔާރު ތަކެއް ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސިފައިންގޭގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ ކާނަލް އަހުމަދު ފަޔާޒު (ޕާޕާ)އާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާގެ މިއަދުގެ ޝަރީއަތުގެ މަޖިލިސް ސިއްރުކޮށްފި އެވެ.

މި މައްސަލައިގެ ޝަރީއަތް މިއަދު ސިއްރު ކުރި އިރު އެންމެ ފަހުގެ އަޑު އެހުމުގައި ގިނަ ހެކިތަކެއް ދައުލަތުން ވަނީ ކުރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ. އެ ދުވަހު ދައުލަތުން ވަނީ އަދީބާއި ޕާޕާއާ ދެކޮޅަށް ޖުމްލަ 42 ހެކި ހުށަހަޅާފަ އެވެ.

ޕާޕާގެ ފަރާތުން ވެސް ވަނީ ދިފާއުވުމަށް ހެކި ހުށަހަޅާފަ އެވެ. އޭނާ ވަނީ އެމްއެންޑީއެފްގެ ފަސް ބޭކަލެއްގެ ނަން ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ކެޕްޓަން އިހުސާން ވެސް ހިމެނެ އެވެ. ކެޕްޓަން އިހުސާންގެ ނަން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ހިބަޅިދޫއިން ހަތިޔާރު ފެނުނު ދުވަހު ދެއްވި ޕްރެސް ކޮންފަރެންސްގައި ދެއްކި ވާހަކަތަކާ ގުޅިގެން ބައެއް ކަންކަން ސާފު ކުރުމަށެވެ. އެމްއެންޑީއެފްގެ ބޭކަލުން ނޫން އެހެން ބައެއް ޝަފަވީ ހެކިން ވެސް ޕާޕާގެ ފަރާތުން ވަނީ ހުށަހަޅާފަ އެވެ.

އަދީބަށް ހެކިން ހުށަހަޅަން ފުރުސަތު ދިނުމުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ. އަދީބު ވިދާޅުވީ، މައްސަލައިގެ ހުކުމް އޮންނަނީ މާކުރިން ލިޔެފައި ކަމަށާއި އެހެންކަމުން މައްސަލާގައި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

މި މައްސަލާގައި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. އެއީ، އެފްއޭއެމްގެ ނޯމިލައިޒޭޝަން ކޮމެޓީގެ ކުރީގެ މެމްބަރު މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މ. ސެސްނާ މުހައްމަދު އައްލާމް ލަތީފް އަދި މ. ލޭންޑް އޮފް ގާޑަން، އަހުމަދު އިޝްފާހު އަލީ އެވެ. މި މީހުން ތިބީ ފިލައިގެން ގޮސް ރާއްޖެއިން ބޭރުގައި ފިލަ އެވެ. އެއިން އެއްވެސް މީހަކު ޝަރީއަތަށް ހާޒިރެއް ނުވެއެވެ.

މި މައްސަލާގައި ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ، އޭރުގެ ބަޑިގުދަނުގެ ވެރިޔާ ފަޔާޒު، އޭޕްރީލް 25، 2015 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޯޑްނަންސް ސާވިސް ޔުނިޓްގެ ހިންގުމާ ހަވާލުވެހުރިއިރު އެ ޔުނިޓްގެ ބެލުމުގެ ދަށުގައިވާ ބަޑި ގުދަނުގެ ލިޔުންތައް އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ބަޑި ގުދަނުން ގެއްލިފައިވާ ބައެއް ހަތިޔާރު ހޯދުމުގެ މަސައްކަތް ކުރުމަށް ހުރަސް އަޅާފައިވާތީ އާއި ފަޔާޒު އެ މާގާމާ ހަވާލުވެހުރެ ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ބަޑި ގުދަނުން ހަތިޔާރު ނެރެފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ބައެއް ހަތިޔާރު 30 އޮކްޓޯބަރު 2015 ގައި ހިބަޅިދޫއިން ފެނިފައިވާތީ ފަޔާޒުގެ މައްޗަށް ދައުވާކުރާ ކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.

މީގެ ތެެރެއިން އަހުމަދު އަދީބާއި މުހައްމަދު ހުސެއިންގެ މައްޗަށް ދައުވާކުރަނީ މިދިޔަ އަހަރުގެ އެކި ދުވަސް މަތިން އަދީބު ދިރިއުޅުއްވަމުން ގެންދެވި ގ. ހުމަށި ގޭގެ ނުވަވަނަ ފަންގިފިލާގެ އެޕާޓްމެންޓާއި ރެހެންދި ފްލެޓްގެ 2 އެއްގެ އެޕާޓްމެންޓް 6 ބީގައި ގޮވާ ތަކެއްޗާއި ހަނގުރާމަވެރި ހަތިޔާރު ގެންގުޅެފައިވާތީ ކަމަށް ދައުވާގައިވެ އެވެ.