ހަބަރު

ލޮލުގެ އިތުރު ސިއްހީ މައްސަލައެއް އަދީބަށް ކުރިމަތިވެއްޖެ: އާއިލާ

ނުރައްކާތެރި ލޮލުގެ ސިއްހީ މައްސަލައެއް ކަމަށްވާ "ގްލޮކޮމާ" ޖެހިފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ލޮލުގެ އިތުރު މައްސަލައަކާ ކުރިމަތިލާންޖެހިއްޖެ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވި ގޮތުގައި ލޮލުގެ ސިއްހީ މައްސަލައެއް ކަމަށްވާ "ކެޓެރެކްޓް" އަދީބުގެ ލޮލަށް ޖެހިފައިވާކަން ފަހުން ހެދި ޓެސްޓްތަކުން އެނގިފައިވާ ކަމަށެވެ. "ކެޓެރެކްޓް"އަކީ ލޮލުގެ ފެނުން ފުސްކޮށްލާ ކަމެކެވެ. އަދި މިކަމުގެ އަލާމަތްތަކުގެ ތެރޭގައި ރޭގަނޑު ފެނުން ވަރަށް ބޮޑަށް ދަށްވުމާއި އެއްޗެއް ކިޔުންފަދަ ކަންކަމަށް ގިނައިން އަލި ބޭނުންވުން ހިމެނެ އެވެ.

އަދީބަށް "ގްލޮކޮމާ" ޖެހިފައިވާކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފަ އެވެ. "ގްލޮކޮމާ" ބަލީގެ ސަބަބުން ލޮލުގެ އޮޕްޓިކް ނާވް ބަލިކަށިވެ، ފެނުމަށް އަސަރުކުރެ އެވެ.

މީގެއިތުރުން ވެސް އަދީބަށް ވަނީ އިތުރު ސިއްހީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. އެގޮތުން އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފަ އެވެ. އަދީބުގެ އާއިލާއިން ވަނީ ބޭރަށް އަދީބު ގެންގޮސް ފަރުވާ ދެވޭނެ ގޮތް ހަދައިދިނުމަށް އެދިފަ އެވެ.

ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ އަދީބަށް ބޭރަށް ދެވޭނީ ދައުލަތުން ނެންގެވި ފައިސާތައް އަނބުރާ ދެއްކެވުމަށްފަހު ކަމަށެވެ.

އަދީބުގެ ބޭސްފަރުވާއަށް މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށް އާއިލާއިން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.