ރާއްޖެ ކުޅިވަރު

ޓީރެކްސް ދިވެހި ބާސްކެޓްބޯޅައިގެ ބްރޭންޑަކަށް

އެއީ ކުރީގެ ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން 2009 ވަނަ އަހަރު އުފެއްދި ޓީމެވެ. މާލީ ދަތިތަކާއި، ބައެއް އެހެން ސަބަބުތަކާހުރެ ވިކްޓްރީގެ މެނޭޖްމެންޓުން ބާސްކެޓްބޯލް ޓީމު މެނޭޖު ކުރަން ހުއްޓާލި އެވެ. އެއަށްފަހު އޭރު ވިކްޓްރީގެ ކުޅުންތެރިން ޓީރެކްސްގެ ނަމުގައި ބާސްކެޓްބޯޅައަށް ހާއްސަ ކުލަބެއް އުފެއްދިއެވެ. މިއަދު އެއީ ރާއްޖޭގެ ބާސްކެޓްބޯޅައިގެ އެންމެ ވަރުގަދަ ނަމެވެ.

މިއަހަރު ބޭއްވި ގައުމީ ބާސްކެޓްބޯޅަ ލީގާއި ބާސްކެޓް މުބާރާތުގެ ޗެމްޕިއަންނަކީ އެއީ އެވެ. އެ ދެމުބާރާތް ވެސް އެ ޓީމުން ކާމިޔާބު ކުރީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށެވެ. ޓީރެކްސް ބާސެކްޓްގެ ވަރުގަދަ ނަމަކަށްވީ އެކުލަބުގެ ކާމިޔާބުގެ ސަބަބުން އެކަންޏެއް ނޫނެވެ. އެއީ ކާމިޔާބަށް ވާސިލުވާން އެކުލަބު ގެންގުޅުނު ފޯމިއުލާ ތަކުގެ ސަބަބުން ވެސް މެއެވެ.

އެހެން ޓީމުތަކުގެ މަސައްކަތް ވަޒަން ކުރުން

ގައުމީ ބާސްކެޓްބޯޅަ ލީގާއި ބާސްކެޓްބޯޅަ މުބާރާތް މިފަހަރު އެޓީމު ކާމިޔާބު ކުރިއިރު، އެޓީމުގެ ކޯޗެއްގެ ގޮތުގައި ހުރީ ކުރިން ވިކްޓްރީ ސްޕޯޓްސް ކުލަބަށް ފުޓްބޯޅަ އާއި ބާސެކްޓްވެސް ކުޅުނު އިލްޔާސް އިބްރާހިމެވެ. ރާއްޖޭގައި ބާސެކްޓްބޯޅައިގައި ރެޑްލައިން ކުލަބު (އާރްއެލްސީ) އަކީވެސް ބޮޑު ނަމެކެވެ. އެއަށްފަހު ރެޑްލައިންގެ ފަހަތުން ހަރިކޭން އާއި ދަ ބައުސްއަށް ވެސް ލިސްޓުން ޖާގަ ލިބެއެވެ. ނަމަވެސް މި ލިސްޓްގައި ޓީރެކްސް ހާއްސަ ނަމަކަށްވީ ސަބަބު މިއޮތީ އެވެ.

"ހަގީގަތުގައި އާރްއެލްސީގެ މެނޭޖްމެންޓަކީ ވަރަށް އޮގަނައިޒްކޮށް ހިންގަމުންދާ މެނޭޖްމެންޓެއް. ވަރަށް ކޮމިޓްމެންޓް ޓީމެއް އޮތީ. ޔޫރަޕްގެ ތަޖުރިބާ ހުރި ކޯޗެއް ގެނެސް އެޓީމުން މަސައްކަތް ކުރަމުންދާތަ އެތައް ދުވަހެއް ވެއްޖެ. އެފަދަ ވަރުގަދަ ޓީމަކާ ވާދަކޮށް ޓީރެކްސް އަށް ކުރި ލިބުމުގެ އެންމެ މުހިންމު އެއްޗަކީ ކާމިޔާބު ހޯދަން ޓީރެކްސްގެ ކުޅުންތެރިން ބޭނުން ވުން. މުޅި ޓީމުގެ ލީޑާޝިޕާއި ޑެޑިކޭޝަން،" އިލްޔާސް ބުންޏެވެ.

ކާމިޔާބު ހޯދަން ބޭނުން ވުމާއި ކާމިޔާބު ހޯދުމަކީ ޓެކްނިކަލް މަހުފޫމެއްގައި ވިސްނާނަމަ މުޅިން ތަފާތު ދެކަމެކެވެ. އެއީ ފޯކަސް ކުރަންޖެހޭ ހިސާބަށް ފޯކަސް ކުރުމާއެކު، ދެންތިބި ޓީމުތަކާއި ކުޅުންތެރިން ތައްޔާރުވާ ވަރަށްވުރެ ބޮޑަށް މަސައްކަތް ކުރުމެވެ. ދެން ތިބި ޓީމުތައް ނުގެންގުޅޭ ހުރިހާ އުކުޅެއް ގެންގުޅުމެވެ. ދެންތިބި ޓީމުތަކާއި ކުޅުންތެރިން މަސައްކަތް ކުރާވަރު ވަޒަންކޮށް އެއަށްވުރެ ބޮޑަށް ތައްޔާރުވުމެވެ.

ބިދޭސީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުވުން

ޓީރެކްސްގެ ކާމިޔާބުގެ އަނެއް ހާއްސަ ސަބަބަކީ ޓީރެކްސްގެ ބިދޭސީ ކުޅުންތެރިންގެ ތަފާތެވެ. އެހެން ޓީމުތަކުގައި ވެސް ހުނަރުވެރި ކުޅުންތެރިން އެބަ ތިއްބެވެ. ނަމަވެސް އިލްޔާސް ފާހަގަ ކުރި ގޮތުން ޓީރެކްސްގެ ބިދޭސީ ކުޅުންތެރިޔާ އިންޑިއާގެ ގައުމީ ޓީމުގެ ރާކިން އެންތޮނީ އަކީ ތަފާތު ކުޅުންތެރިޔެކެވެ.

"ރާކިން އެންތޮނީ އަކީ ލީޑާޝިޕް ވަރަށް ރަނގަޅު ކުޅުންތެރިޔެއް. މުޅި ޓީމުގެ ތަފާތަކީ އެއީ. އެހެން ކުޅުންތެރިންނަށް ވަރަށް ބޮޑު" ހިތްވަރަކަށް ވެގެންދޭ އޭނާ މަސައްކަތް." ޓީރެކްސްގައި މޮޅު ކުޅުމެއް ދެއްކި ރާކިން ބެހޭގޮތުން އިލްޔާސް ބުންޏެވެ.

އާރްއެލްސީގެ ކޯޗް މާކޯ ޕިލޮލޮވިޗަކީ ތަފާތު މޮޅު ކޯޗެކެވެ. އޭނާގެ ވާހަކަ ދިވެހިން އެންމެ ބޮޑަށް ދަންނާނީ މިއަހަރު ބޭއްވި ސަބާ ޒޯން ކޮލިފިކޭޝަންގައި ރާއްޖެއަށް ދެ ވަނަ ހޯދައިދިން ކޯޗްގެ ގޮތުގައެވެ. އެ މުބާރާތުގައިވެސް އޭނާގެ ތަޖުރިބާ ދިވެހި ޓީމަށް ގިނަ ފައިދާ ތަކެއް ކުރިއެވެ. ނަމަވެސް ގައުމީ ލީގް ޓީރެކްސްއާއެކު އިލްޔާސް ހޯދީ ޕިލޮލޮވިޗްގެ ވަރުގަދަ އާރްއެލްސީ ބަލިކުރުމަށްފަހުއެވެ. އިލްޔާސް އަށް ވުރެ އެތައް ގޮތަކުން ތަޖުރިބާ ހުރި މޮޅު ކޯޗަކާ ވާދަކޮށް މިކާމިޔާބު ލިބުމަކީ އޭނާ އަށް ލިބުނު އުފަލެކެވެ.

ޓީރެކްސް އުފެދުނުތާ ހަތް އަހަރުވީ އެވެ. ކުލަބު ހިންގުމަށް އެކި މޫނުތައް އައިސް ގޮސްވެއްޖެއެވެ. މިދުވަސްކޮޅަކީ އަނެއްކާވެސް ކުލަބު ޓާރާންސިޝަނަލް ޕީރިއަޑްގެ ވަގުތުކޮޅެކެވެ. ކުލަބުގެ ހިންގުމުގެ ކަންކަމުގައި ޓީމުގެ އެންމެ ނަގާ ކިޔާ ކުޅުންތެރިން ހިއްސާވެއެވެ. އެގޮތުން ޒަބީރު އާއި ކުރީގެ ކުޅުންތެރިޔާ ޝާފީ އަކީވެސް ޓީރެކްސްގެ ހިންގުމުގެ މުހިންމު ބައިވެރިންނެވެ.

"އެމީހުން ކުލަބުގެ ހިންގުމުގައި ބައިވެރިވާން ފެށީމަ އެނގޭނެ ޓެކްނިކަލް ސައިޑުން ޓީމަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮށްބައިކަން އަދި ކުޅުންތެރިންގެ ވިސްނުމުންވެސް މެނޭޖްމެންޓް ސައިޑްގައި ތިބެގެން އެމީހުން ވިސްނާނެ. އޭރުން އެނގޭނެ ހަގީގަތުގައި ކުޅުންތެރިންގެ ޑިމާންޑްތަކަކީ ކޮބައިކަން،" އިލްޔާސް ބުންޏެވެ.

އެންމެ އެކަށޭނެ ޓެކްނިކަލް އެކްސްޕާޓުން

ކޮންމެ ކުލަބެއްވެސް ކާމިޔާބު ކަމާއެކު ދެމެހެއްޓުމުގެ އެންމެ މުހިންމު ސަބަބަކީ ޔޫތު ޑިވެލޮޕްމެންޓް ހަރުދާނާކޮށް ހިންގުމެވެ. ޓީރެކްސްގެ ޔޫތު އެކެޑެމީ ހިންގަނީ އައުޓް ސޯސް ކޮންގެން ސްކޫލް ލެވަލްގައި ތިބި ކުޅުންތެރިންނަށް ފޯކަސް ކޮށްގެންނެވެ. އެގޮތުން އެ ކުލަބުން ވަނީ ޖަމާލުއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލާއި ކަލާފާން ސްކޫލާއި ގުޅިގެން އެ ސްކޫލްތަކުގައި ތިބި ކުޅުންތެރިންނަށް ކޯޗުން މެދުވެރިކޮށް ތަމްރީން ދޭން ފަށާފައެވެ.

"އެކެޑެމީ ތަކުގެ ޕްރޮޑެކްޓް ވަރަށް ރަނގަޅު. އިރާދަ ކުރެއްވިއްޔާ ޓީރެކްސްގެ ކުރިމަގުވެސް ވަރަށް އުޖާލާ،"

ކާމިޔާބުގެ އަނެއް ކަމަކީ ކޮންމެ ކަމެއްވެސް އޭގެ ފަންނީ މީހުންނާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމެވެ. ޓީރެކްސްގެ ކާމިޔާބުގެ ސަބަބުތަކުގެ ތެރޭގައިވެސް އޮތީ އެކަ މެވެ. އެކުލަބުގެ އެކެޑެމީތަކުގެ ކުޅުންތެރިންގެ ޓްރެއިންނިން ޕްރޮގްރާމްތައް އެކަށައެޅުމަށް ޓީރެކްސް ހަވާލުކޮށްފައިވަނީ ގައުމީ ޓީމަށް ކުރިން ކޯޗް ކޮށްދީފައިވާ ލަންކާގެ ސުންފުން ނިމާލް އެވެ.

ގައުމީ ކޯޗްކަމުން ސުންފުން އަތް ދޫކޮށްލުމުން ޓީރެކްސް އޭނާ އަލުން ރާއްޖެ ގެނައީއެވެ. އެކުލަބުގެ އެކެޑެމީ ތަކުގެ ސެޓަޕް އަކަށައަޅައި ސީނިއާ ޓީމުގެ ޓްރެއިނިންވެސް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަ ށެވެ.

"އެކެޑެމީތަކުގެ މަސައްކަތުގެ އިތުރަށް ސީނިއާ ޓީމުގެ ޕްރެކްޓިސް ޝެޝަންތަކުގައިވެސް ސުންފޮން ހިއްސާ އޮވެގެން ދަނީ،"

މިހުރިހާ ކަމަކާއެކު ޓީރެކްސް ދިވެހި ބާސްކެޓްބޯޅައިގެ ބްރޭންޑަކަށް ވެއްޖެއެވެ. ނަމަވެސް އިލްޔާސް ގަބޫލު ކުރާ ގޮތުން ޓީރެކްސް މާކުރިންވެސް ބްރޭންޑަކަށް ވެއްޖެއެވެ. "ވަރުގަދަ ކުޅުންތެރިންނާއެކު ޓީރެކްސް އުފެދި ކާމިޔާބު ހޯދަން ފެށި ހިސާބުން ވެސް ޓިރެކްސް ބްރޭންޑެއް". އިލްޔާސް ބުންޏެވެ.