ރާއްޖެ ކުޅިވަރު

ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން އައިސް ރާއްޖޭގެ އެއް ވަނަ އަށް

ޓެނިހުން ރާއްޖެއަށް މިހާތަނަށް މެޑަލް އެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެގެ ޓީމު ކްއާޓާ ފައިނަލަށް ދަތުރުކުރި އެވެ. ޓެނިހުން މެޑަލްއެއް ނުލިބުމަށް ކުރިމަތިވާ ގިނަ ހުރަސްތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު މައްސަލައަކީ އެކަށީގެންވާ ވަސީލަތް ނެތުމެވެ.

ވާސީލަތްތައް މަދު ކަމާއި ޖާގައިގެ މައްސަލަ ކުރިމަތިވެފައިވާއިރު، ޓެނިސް އިން ކާމިޔާބެއް ހޯދަން އޮތީ އެކަމަށް ޝައުގުވެރިވާ ކުޅުންތެރިންގެ ބުރަ މަސައްކަތެވެ. އެކަމަށް އޮތް ހަމައެކަނި ހައްލަކީ އެއީ އެވެ.

ޓެނިހުގެ ރާއްޖޭގެ އެންމެ އަރާހުރި ނަމަކީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ފާރިސް މުހައްމަދެވެ. އެހެން ނަމަވެސް، އޭނާ އަށް ދޫ ނުދޭނެ ކުޅުންތެރިޔެއް ދިވެހި ޓެނިސް ކޯޓްތަކަށް މި ވަނީ ބާރުގަދަ ކޮށްފަ އެވެ. އެއީ އެންމެ ފަހުން ބޭއްވި ޓެނިސް ޗެމްޕިއަންޝިޕްގައި ފާރިސްގެ މައްޗަށް ކާމިޔާބު ހޯދި އަބްދުﷲ ފާއީ ފަޒީލު އެވެ. ފާއީގެ ކާމިޔާބުގެ އެންމެ އާދަޔާހިލާފު ކަމަކީ އޭނާ އެކަމަށް އޮންނަ ޝައުގުވެރިކަމެވެ. ޓެނިސް ޗެމްޕިއަންޝިޕް މިއަހަރު ކާމިޔާބުކޮށް އޭނާ ވަނި އެމުބާރާތް ޖެހިޖެހިގެން ތިން ފަހަރަށް ކާމިޔާބުކޮށްފަ އެވެ.

"ފާރިސްވެސް ޕްރެކްޓިސް ކުރާތަން ފެންނާނެ. ދެން އޭނާއާއެކުވެސް މެޗްތައް ކުޅެފަ ހުންނާނީ އެހެންވެ އެނގޭ އޭނާ ބަލި ކުރާނެ ޓެކްނިކް ތަކަކީ ކޮބައިކަން. އެހުރިހާ ކަމަކަށް ވިސްނައިގެން ފައިނަލަށް ނިކުންނަނީ" ފާއީ ބުންޏެވެ.

ފާއީގެ އަޒުމަކަށް ބަދަލެއް ނުގެނެވެ. އާއިލާގެ އެހީތެރިކަމާއެކު، ޓެނިހަށް ބެހެއްޓި ޝައުގުވެރިކަމާއެކު ފާއީ އަކީ ގައުމީ ފެންވަރުގެ އެންމެ މަތީ ފަންތީގެ ހިމެނޭ ކުޅުންތެރިޔެކެވެ. މިއަދު އޭނާ އަކީ ގައުމީ ޓެނިސް ރޭންކުގެ އެއް ވަނަ އެވެ. މިއީ ހިތްވަރާއެކު އޭނަ ކުރި މަސައްކަތުގެ އެންމެ މުހިންމު ކާމިޔާބެވެ.

ފާއީގެ ކާމިޔާބު ފެށިގެން އައީ މިއަދަކު ނޫނެވެ. ކަލާފާން ސްކޫލްގައި ކިޔަވަމުން ދިޔައިރުވެސް އޭނާ ވަނީ މުބާރާތްތަކާއި ޕްރެކްޓިސް މެޗްތަކުގައި ވާދަ ކުރަން ފަށައިފަ އެވެ. މޮޅު ޓެނިސް ކުޅުންތެރިޔަކަށް ވުމަށް ޓަކައި އޭނާ އެކަމަށް ފޯކަސް ކޮށްގެން މަސައްކަތް ފެށީ އުމުރުން އެންމެ ނުވަ އަހަރުގަ އެވެ. އިންޓަ ސްކޫލް ލެވަލްގެ މުބާރާތަކީ ޒުވާން ކުޅުންތެރިން އުފެދުމަށް މުހިންމު މުބާރާތެކެވެ. ރާއްޖޭގައި އަދިވެސް ޓެނިސްގެ އިންޓަ ސްކޫލް މުބާރާތެއް ނެވެ. ނަަމަވެސް ފާއީގެ ކާމިޔާބަކަށް ހުރަހެއް ނެތެވެ.

މިއަދު ރާއްޖޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމާ ހަމަޔަށް އޭނާ އައިސް އެ ހުރީ ވާދަ ކުރި އުމުރުފުރާތަކުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްގެންނެވެ. އިންޓަ ސްކޫލް މުބާރާތް ނެތުމަކުން، ނުވަތަ އިންޓަނޭޝަނަލް މުބާރާތް ބޭއްވޭ ވަރަށް ކޯޓް ނެތުމަކުން އޭނާގެ މަސައްކަތަކަށް ބަދަލެއް ނުގެނެވެ.

"އަދި ސްކޫލްތަކުގައި މި ކުޅިވަރު އެހާ ބޮޑަށް ފުޅާ ކޮށް ނުދޭ، އެހެންވެ އިންޓަ ސްކޫލް ވެސް ނުބާއްވާ. އިންޓަ ސްކޫލް އަކީ ޑިވްލަޕްމެންޓަށް ވަރަށް މުހިންމު މުބާރާތެއް،" ފާއީ ބުންޏެވެ.

ރާއްޖޭގައި ވާދަވެރި މާހައުލެއްގައި ޓެނިސް ކުޅޭނެ އޮތީ ތިން ކޯޓެވެ. މިއީ ބައިނަލްއަގްވާމީ ފެންވަރެއްގައި ކާމިޔާބަކާ ހަމަޔަށް ވާސިލުވާން އޮތް ބޮޑު ހުރަހެކެވެ. ނަމަވެސް ފާއީގެ އަޒުމު ވަރުގަދައެވެ. އުމުރުން 20 އަހަރުގައި ރާއްޖޭގެ އެންމެ ޓޮޕް ކުޅުންތެރިޔާއާ ވާދަ ކުރަމުންދާއިރު، އޭނާގެ އަޒުމަކީ ރާއްޖެއަށް ޓެނިހުން މެޑަލްއެއް ހޯދައިދިނުމެވެ.

"އެހެން އިންޑިވިޖްއަލް ކުޅިވަރުތަކުން ރީޖަނަލް ލެވަލްގެ މުބާރާތްތަކުން މެޑަލް ހިފައިގެން އަންނަ ތަން އެބަފެނޭ، އަޅުގަނޑުގެ އަމާޒަކީ ޓެނިހުން ރާއްޖެއަށް ކާމިޔަބު ހޯދައިދިނުން، އެއީ ނުވާނެ ކަމެއް ނޫން،" ފާއީ ބުންޏެވެ.

އޭނާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ގިނަ އަދަދެއްގެ ޅަ އުމުރުފުރައިގެ ކުދިން ޓެނިހުގައި ބައިވެރިވުން އިތުރުވެގެން ދިއުމެވެ.

"އިރާދަ ކުރެއްވިއްޔާ އެކުދިންނަށް ރަނގަޅު ޓްރެއިނިން ފޯރުކޮށްދެވިއްޖެނަމަ، ރާއްޖޭގެ ޓެނިސް ވަރަށް އުޖާލާ ވެގެންދާނެ،" ޓެނިހާ މެދު އޮތް އޭނާގެ އުންމީދު ހާމަ ކުރަމުން ފާއީ ބުންނެވެ.

އުމުރުން ނުވަ އަހަރުގައި ފެށި މަސައްކަތް ކުރިއަށް އަދި އޮތީއެވެ. ރާއްޖެއަށް މެޑަލް ހޯދައިދިނުމުގެ މަސައްކަތައް ބޭނުންވާ ހަކަތައާއި ބާރު ހޯދަން ޓްރެއިނިން ސްކޮލާޝިޕަކަށް އޭނަ ހުރީ ތައްޔާރުވެގެންނެވެ.

"އޮލިމްޕިކް ކޮމިޓީގެ ސްކޮލާޝިޕް ހަމަޖެހިފަ އޮތީ އެކަމަކު، އަދި ވަކި ގައުމެއް ފައިނަލެއް ނުވޭ" ފާއީ ބުންޏެވެ.

ޓެނިހުގެ ހުނަރާ އެއްވަރަށް ފާއީގެ ކިބައިގައި ހުރި އަނެއް ކަމަކީ އޭނާގެ ކިބައިގައި ހުރި އަހުލާގެވެ. މއީ ބައެއް ކުޅިވަރުތަކުން، ބައެއް އެތުލީޓުންގެ ކިބައިގަތް ނެތް. ނަމަވެސް ކޮންމެހެން ހަރުލައްވަންޖެހޭ ސިފައެކެވެ. ޕްރެކްޓިހަށް ބަރާބަރަށް ގަޑިއަށް ހާޒިރުވުމެވެ. ޕްރެކްޓިހުގައި ބުރަކޮށް މަސައްކަތް ކުރުމެވެ. ޕްރޮފެޝަނަލް ޑިސިޕްލިން އެވެ. ފާއީއަކީ މިހުރިހާ ކޮލިޓީއެއް ހުރި އެތުލީޓެކެވެ. ރާއްޖޭގެ ޓެނިހުގެ އެންމެ އުހަށް އެރުމަށް، ކެތްތެރިކަމާއެކު އޭނަ ކުރި މަސައްކަތުންވެސް އެކަން ހާމަވެ އެވެ.