މިއުޒިކް

ބޮބް ޑިލަން އަށް ނޮބެލްގެ ލިޓްރެޗާ އިނާމު އަރުވައިފި

Oct 13, 2016

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބޮބް ޑިލަން އަށް 2016 ވަނަ އަހަރުގެ ނޮބެލްގެ ލިޓްރެޗާ އެވޯޑް މިއަދު އަރުވައިފި އެވެ.

އުމުރުން 75 އަހަރުގެ ރޮކް ލެޖެންޑަށް މި އެވޯޑް އަރުވާފައި ވަނީ އެމެރިކާގެ މިއުޒިކީ ސަގާފަތުގެ ތެރެއިން ޝާއިރީ އާ ހިޔާލުތައް ބަދަލުކޮށް އެ ފަންނު ދިރުވުމަށް ކޮށްފަައިވާ އާދަޔާހިލާފު މަސައްކަތް ފާހަގަކޮށެވެ. ރޮބަޓް އެލެން ޒިމަމަންގެ ގޮތުގައި ޑިލަން އުފަންވީ 1941 ވަނަ އަހަރު އެވެ.

އެއަށް ފަހު ބޮބް ޑިލަންގެ ގޮތުގައި މިއުޒިކީ ކެރިއަރެއް އޭނާ ފެށީ 1959 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ މިއުޒިކް ކުޅެ އުޅުނީ އެމެރިކާގެ މިނެސޯޓާގެ ކޮފީ ޝޮޕްތަކުގަ އެވެ. އޭނާ ބުނާ ގޮތުން "ބޮބް ޑިލަން" އާއި އޭނާގެ ލަވަ އާއި މިއުޒިކްގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ ވޭލްސްގެ ކުރީގެ މަޝްހޫރު ޝާއިރު ޑިލަން ތޯމަސް އެވެ.

ޑިލަންގެ މަޝްހޫރު ލަވަތައް ކަމުގައިވާ "ބްލޯވިން އިން ދަ ވިންޑް" ފަދަ ލަވަތަކަކި ހަމައެކަނި އޭގެ މިއުޒިކަށް މަޝްހޫރު ލަވަތަކެއް ނޫނެވެ. މިފަދަ ވަރަށް ގިނަ ލަވަތަކީ އިންސާނީ ހައްގުތަކާއި އާންމުންގެ ހައްގުތައް އަދި ހަނގުރާމައާ ދެކޮޅު ކެމްޕޭންތަކުގެ ރަސްމީ މިއުޒިކާއި ލަވަ ވެސްމެ އެވެ.

ބޮބް ޑިލަން އަކީ މިއުޒިކްގެ އެންމެ ޝަރަފްވެރި އެވޯޑް ކަމުގައިވާ ގްރެމީ އާއި ޓީވީ އާއި ސިނަމާގެ ދުނިޔޭގައި ދޭ އެންމެ ޝަރަފްވެރި އެވޯޑް ކަމުގައިވާ ގޯލްޑެން ގްލޯބް އަދި އެކަޑެމީ އެވޯޑް ވެސް ހާސިލުކޮށްފައިވާ ފަންނާނެކެވެ.