ކޮމަންވެލްތު ޖަމިއްޔާ

ކޮމަންވެލްތުން ވަކިވަނީ ޗާޓަރުގެ ބޭރުން ރާއްޖެއަށް ނުފޫޒު ފޯރުވާތީ: އޭޖީ

  • ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން ކޮމަންވެލްތުން އެދޭ
  • ކޮމަންވެލްތުން ވަކިވެގެން ދަތިކަމެއް ނެތް ކަމަށް ބުނޭ
  • އެހެން ޖަމާއަތްތަކާއި ގައުމުތަކާ އެކު ގުޅުންތައް ބާއްވާނެ

ރާއްޖެއިން މިހާތަނަށް އަންނަނީ ކޮމަންވެލްތާއެކު ގުޅިގެން ހާމަކަންބޮޑު ގޮތެއްގައި މަސައްކަތް ކުރަމުން ކަމަށާއި ނަމަވެސް އެ ޖަމިއްޔާއިން ވަކިވާން ޖެހުނީ ރާއްޖޭގެ ދާހިލީކަންކަމާއި އެތެރޭގެ މައްސަލަތަކަށް ނުފޫޒު ފޯރުވާ އިންސާފުން ބޭރުން އަމަލު ކުރަމުން ދާތީ ކަމަށް އެޓާނީ ބަނޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތުންް ރާއްޖެ ވަކިވުން އިއުލާން ކުރައްވަން މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރަންސްއެއްގައި އަނިލް ވިދާޅުވީ ޔޫއެން އާއި ކޮމަންވެލްތުގެ ޗާޓާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރާއްޖެ ފަދަ މިނިވަން ކޮންމެ ގައުމަކީ އެ ގައުމެއްގެ ސިޔާދަތު ހިމާޔަތް ކުރުމުގެ ބާރު ލިބިފައިވާ ބައެއް ކަމަށެވެ. އަދި ކޯ ވެލިއުސް ގޮތުގައި ކޮންމެ ގައުމެއްވެސް އެއްގައުމެއް އަނެއް ގައުމަކަށް އިހްތިރާމް ކުރުން ހިމެނޭ ކަމަށް އަނިލް ވިދާޅުވި އެވެ.

އެހެންކަމުން ގައުމެއްގެ ދާހިލީ ކަންކަމާއި ގާނޫނީ ނިޒާމްގެ ތެރެއަށް ނުފޫޒާ ބާރު ފޯރުވުމަކީ އެ ގައުމެއްގެ ދާހިލީ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާނެ ކަމެއް ކަމަށާއި ކޮމަންވެލްތުން މިހާތަނަށް މަސައްކަތްކޮށްފައި ވަނީ ރާއްޖޭގެ ދާހިލީ ސިޔާސަތާއި ގައުމުގެ ޝަރުއީ ކޯޓުތަކުން ނިންމާފައިވާ ކަންތައްތަކަށް ނުފޫޒު ފޯރުވުމަށް ކަމަށް އަނިލް ވިދާޅުވި އެވެ.

"ސީމެެގުން އަޅުގަނޑުމެންނަށް ހުށަހަޅާ ކަންކަމަށް ބަލާއިރު މި ހުންނަނީ ޑިމޮކްރެޓިކް ޕްރިންސިޕަލް ރާއްޖޭގައި އަށަގެންނެވުމަށް ބާރު އަޅާފައި. އަދި އެހެން ވިދާޅުވެފައި އަޅުގަނޑުމެން ކައިރީ ބުނަނީ ރާއްޖޭގެ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކަށް ސަރުކާރުން ބެހެން. މިވެނި ގޮތަކަށް މައްސަލަތައް ނިންމުމަށް. އަޅުގަނޑުމެން ދަންނަވަމުން މިދަނީ އެކަންކަމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް" ބަންޑާރަ ނައިބު ވިދާޅުވި އެވެ. "ދެހާސް ބާރާގެވެސް ސީމެގްގެ އެޖެންޑާގައިވެސް ހުށަހެޅުނު. އޭރުވެސް އަށް މަސް ފަހުން އެ މައްސަލަ ބަލާ ނިމުން އިރު ފާހަގަ ކުރެވުނީ ރާއްޖެއާ މެދު އިންސާފު ކުރެވުނީ ރަނގަޅަކަށް ނޫން ކަން. އެހެންނަމަވެސް އެހާތަނަށް ރާއްޖޭގެ އިގްތިސޯދަށާއި އިޖްތިމާއީ އަދި ސިޔާސީ ގޮތުން ރާއްޖެއަށް ވާނެ ގެއްލުމެއް ވެ ނިމިފައި. މިގޮތުން ޑިމޮކްރަސީގެ ނަމުގައި ގޮންޖެހުންތައް މިދަނީ ކޮމަންވެލްތުގެ ފަރާތުން ހާއްސަ ގޮތެއްގައި ސީމެގު ފަރާތުން ކުރި މަތިވަމުން،"

އަނިލް ވދާޅުވީ ކޮމަންވެލްތުގައި ހިމެނޭ އެހެން ގައުމުތަކާއި ރާއްޖެއާ އަޅާކިޔާއިރު ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅު ކަމަށް އެޖަމިއްޔާގެ ރިޕޯޓުތަކުން ދައްކާ ކަމަށެވެ. އަދި މިހާތަނަށް ރާއްޖެއިން އަންނަނީ ކޮމަންވެލްތާއެކު ވަރަށް ގާތުން މަސައްކަތް ކުރަމުން ކަމަށާއި ނަމަވެސް އެޖަމިއްޔާއިން ރާއްޖެއާ މެދު އަމަލު ކުރަމުން ގެންދަނީ އިންސާފުން ބޭރު އިޖުރާތްތަކާއި ހިލާފަށް އަދި ތަފާތު ކުރުންތަކެއް އޮވެގެން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފޮރިން މިނިސްޓަރު މުހައްމަދު އާސިމް ވިދާޅުވީ ރާއްޖެއިން ކޮމަންވެލްތުން ވަކިވިޔަސް އޭގެ ސަބަބުން ރާއްޖެއަށް އެއްވެސް ދަތިކަމެއް ދިމާ ނުވާނެ ކަމަށެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ އެހެނިހެން ޖަމިއްޔާތަކާއެކު ގުޅިގެން ބިނާ ކުރެނެވި މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވާން މި ނިންމީ 34 އަހަރަށް ފަހު އެވެ. ރާއްޖެ ކޮމަންވެލްތާ ގުޅުނީ، 1982 ގަ އެވެ.