ކޮމަންވެލްތު ޖަމިއްޔާ

ރާއްޖެ ކޮމަންވެލްތުން ވަކިވުން އެމްޑީޕީ ކުށްވެރިކޮށްފި

ކޮމަންވެލްތުގެ މެންބަރު ކަމުން ރާއްޖެ ވަކިވުމާ ގުޅިގެން މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން އެކަން ކުށްވެރިކޮށްފި އެވެ.

ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމީ ރާއްޖޭގެ ދާހިލީ ސިޔާސަތުތަކާއި މިނިވަން ކަމަށް ކޮމަންވެލްތުން ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި އަދި އެހެން ގައުމުތަކާ ތަފާތު ކުރަމުން އަންނަ ކަމަށް ބުނެ އެވެ. ނަމަވެސް އެކަން ކުށްވެރިކޮށް އެމްޑީޕީއިން މިރޭ ނެރުން ބަޔާނެއްގައި ބުނެފައި ވަނީ އެއީ ކުއްލި ގޮތަކަށް ނިންމި ހުދުމުހުތާރު ނިންމުމެއް ކަމަށެވެ.

އަދި ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމީ ކޮަމަންވެލްތު މިނިސްޓްރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނާ އިސްލާހު ކުރުމަށް ބައެއް ކަންކަން ހުށަހެޅުމުން ކަމަށް ވެސް އެމްޑީޕީއިން ބުންޏެވެ. އަދި 1982 ވަނަ އަހަރުގައި ރާއްޖެ ކޮމަންވެލްތާ ގުޅުން ފަހުން އިގްތިސޯދީ، އިޖްތިމާއީ، ތައުލީމީ އަދި ސިއްހީ ގޮތުން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާއި އެ ޖަމިއްޔާއިން ވަކިވުމުން ބޮޑެތި ގެއްލުން ތަކެއް ދައްކާނެ ކަމަށް އެމްޑީޕީއިން ބުންޏެވެ.

ކޮމަންވެލްތުގެ މެންބަރު ކަމުން ރާއްޖެ ވަކިވުމާ ގުޅިގެން އެ ޖަމިއްޔާއިން ވެސް މިރޭ ވަނީ އެކަމާ ހިތާމަ ކުރާ ކަމަށާއި އެނބުރި އައުމުގެ ފުރުސަތު އަބަދުވެސް ހުޅުވާލާފައި އޮންނާނެ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.