ކޮމަންވެލްތު ޖަމިއްޔާ

ރާއްޖެ ވަކިވުމުން ހިތާމަކުރަން، އެނބުރި އައުމުގެ ފުރުސަތު އޮންނާނެ: ކޮމަންވެލްތު

ކޮމަންވެލްތުގެ މެންބަރު ކަމުން ރާއްޖެ ވަކިވުމުން ހިތާމަ ކުރާ ކަމަށާއި އަނބުރާ އެ ޖަމިއްޔާގެ މެންބަރަކަށް ވުމުގެ ފުރުސަތު އަދިވެސް ރާއްޖެއަށް އޮންނާނެ ކަމަށް ކޮމަންވެލްތުގެ ސެކެޓަރީ ޖެނަރަލް ޕެޓްރިސިއާ ސްކޮޓްލެންޑް ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތުން މިހެން ބުނީ އެ ޖަމިއްޔާގެ މެންބަރުކަމުން ވަކިވާން ދިވެހި ސަރުކާރުން މިއަދު ނިންމުމާ ގުޅިގެން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ޕެޓްރިސިޔާ ވިދާޅުވެފައި ވަނީ ކޮމަންވެލްތުގެ މެންބަރު ކަމުން ދިވެހި ސަރުކާރު ވަކިވީ ހަބަރު މިއަދު ލިބުނު ކަމަށާއި މި ނިންމުމާ ގުޅިގެން މުޅި ކޮމަންވެލްތާއި މެންބަރު ހުރިހާ ގައުމުތަކުން ހިތާމަ ކުރާ ކަމަށެވެ.

"... ކޮމަންވެލްތުގެ ޗާޓަރުން ހަނދާންކޮލަން ޖެހޭ މި ޖަމިއްޔާގެ މެންބަރުންނަކީ ޑިމޮކްރަސީގެ ހަމަތަކާއި، އިންސާނީ ހައްގުތަކާއި، ތަރައްގީ އަދި ކުރިއެރުމުގައި ސާބިތުވެ ތިބޭ ބައެއްކަން. އަދި ކުރިއަރަމުން އަންނަ ކުދި ގައުމުތަކުގެ ރައްޔިތުންގެ ފައިދާއަށްޓަައި މިފަދަ ހަމަތައް ހިފެހެއްޓުމަށް މި ކުރާ މަސައްކަތުގައި ދެމިތިބޭނަން،" ސެކެޓަރީ ޖެނަރަލް ވިދާޅުވި އެވެ.

އެހެންކަމުން މިއީ ވަގުތީ ވަކިވުމެއް ކަމަށް އުންމީދު ކުރައްވާ ކަމަށާއި ރާއްޖެއަށް ކޮންމެ އިރަކުވެސް ކޮމަންވެލްތުގެ އާއިލާއާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ރާއްޖެ ކޮމަންވެތާ ގުޅުނީ 1982 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަމުގަ އެވެ.