ޕީޕީއެމް

ޕީޕީއެމްގެ މައްސަލަ ހައްލުވާނެ، ހައްލު ކުރާނަން: ޝިނާނު

ޕީޕީއެމްގެ އެތެރޭގައި ހުރި ހިޔާލު ތަފާތުވުންތަކުގެ ސަބަބުން އުފެދިފައިވާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށާއި އެ މައްސަލަތައް ހައްލު ކުރައްވާނެ ކަމަށް މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން މިރޭ ވިދާޅުވެއްޖެ އެވެ. އެ މެންބަރު މިހެން ވިދާޅުވިއިރު ޕާޓީގެ އެތެރޭގައި ހިޔާލު ތަފާތުވުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ޝިނާން ވިދާޅުވީ، ކަންކަން ކުރިއަށް ގެންދަންވާނީ އުސޫލާއި ހަމަތަކާ އެއްގޮތަށް ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމްގެ އެތެރޭގައި ކަންތައްތައްވަމުން ދަނީ އެއާ އިދިކޮޅަށް ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ޒަމާނީ އުސޫލުތައް ގެނެސް، ޒަމާނީ ޑިމޮކްރެޓިކް މުޖުތަމައުތަކުން ކަންކަންކުރާ އުސޫލަށް ކަންކަން ކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށެވެ.

ޕީޕީއެމްގެ އެތެރޭގައި މައްސަލަ ޖެހުނީ އެންމެ ސަބަބަކާހުރެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެކަން ފާހަގަ ކުރައްވާ ވިދާޅުވީ، ޕާޓީ ތެރޭގައި މައްސަލަތައް އުފެދުނީ ރައީސް ޔާމީނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށް ދެކޮޅު ބަޔަކު ޕާޓީގެ ތެރޭގައި ތިބުމުން ކަމަށެވެ. އެހެން އިތުރު މައްސަލައެއް ޕާޓީގެ ތެރޭގައި ނޫޅޭ ކަމަށެވެ.

އަދި ވިދާޅުވީ، ވެރިކަމުގައި ހުންނަވާ ބޭފުޅާއަށް ވެރިކަމާ ނުލާ ޕާޓީން ދެވަނަ ދައުރަށް ޓިކެޓް ދިނުމަކީ އެންމެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ކަންކުރަމުންދާ އުސޫލު ކަމަށެވެ. އާންމު މިސާލު ނަގާ އެމެރިކާގައި ވެސް ކަންތައްތައް ކުރަނީ އެ އުސޫލުން ކަމަށެވެ.

"ޕީޕީއެމްއަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން އެންމެން ޝާމިލްވާ ގޮތަށް އުފެދިފައިވާ އެންމެ ބޮޑު ޕާޓީއެއް، ޕީޕީއެމްއަކީ އެއް ދިމާލެއްގެ ތެރޭގައި ހެދިފައިވާ ކުޑަކުޑަ ގަހެއް ނޫން، އެއީ ބޮޑު ބިޔަ ގަހެއް، މިއަދު އެ ގަސް މި ވަނީ މުޅި ރާއްޖޭގެ ޖައްވުގައި ފެތުރިފައި، މުޅި ރާއްޖެއަށް އޭގެ ހިޔާވެހިކަން އެޅިފައި، އަދި އެ ހިޔާވަހިކަން ހޯދަން އަންނަ އެތައް ބަޔަކު އެބަ ތިބި،" ޝިނާން ވިދާޅުވި އެވެ. "އުފެދިފައިވާ މައްސަލަތައް އަޅުގަނޑުމެން އެބަ ޖެހޭ ހައްލުކުރަން. ޕީޖީ ގުރޫޕުން ވާނީ ޕާޓީގެ ރައީސަށާއި މުސްތަޝާރަށް ދައުވަތެއް ދެއްވާފައި، އެހެނަސް އަޅުގަނޑުމެންގެ ޕާޓީގެ ރައީސްގެ ބަހެއް މިހާތަނަށް ވެސް ނުލިބޭ، ހިތާމައާއެކު މި ފާހަގަކުރަނީ، ކޮންމެ ހާލެއްގައި ވެސް ކޮންމެ ހާލަތެއްގައި ވެސް ކޮންމެ މަރުހަލާއެއްގައި ވެސް ވާހަކަ ދައްކެވެން މޭޒު ދޮށުގައި އިށީދެވެން ޖެހެއޭ،"

ޕާޓީގެ މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާ ކުރުމަށް މޭޒު ދޮށަށް ނުގޮސް އިދިކޮޅު ފަރާތްތަކާއެކު އެއް މޭޒަކަށް އަރައި މަސައްކަތްކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި ޕީޕީއެމްގެ މެންބަރުންގެ ލަގޮނޑިއަށް އެއީ ކެތްވާނެ ކަމެއް ނޫން ކަމަށް ވެސް ޝިނާން ވިދާޅުވި އެވެ.

މިހާރު ސިޔާސީ މަސްރަހުން ފެނިގެންދާ މަންޒަރަކީ ސިޔާސީ "ޒަލްޒަލާއެއް" ގެ ފެށުން ކަމަށް ވެސް ޝިނާން ވަނީ މިރޭ ސިފަ ކުރައްވާފަ އެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ ރައީސް ޔާމީން ގައުމު ތަރައްގީ ކުރެއްވުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާތަން ކަމަށް ވިދާޅުވި އެވެ. ތަރައްގީގެ މަޝްރޫއުތައް ހުއްޓުވުމަށް ނުވަތަ އެކަންކަމާ ދެކޮޅު ހަދާ މީހުން ބާކީވެގެން ދާނެ ކަމަށެވެ. ރައީސް ޔާމީނަށް ކަންކަން ކުރައްވީ ގޮތާއި ދާންވީ މަގު އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވެސް ޝިނާން ވިދާޅުވި އެވެ.

"ރައްޔިތުން ބޭނުންވާނީ ތަރައްގީ، ރައްޔިތުން ބޭނުންވާނީ ކުރިއެރުމާއި އުފާ ފާގަތިކަންމ އެކަން އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ ވެރިކަމުގައި މިދަނީ ލިބެމުން ތަޖުރިބާ ކުރަމުން،" ޝިނާން ވިދާޅުވި އެވެ.