އުރީދޫ

ގަތަރުން ހުޅުމާލޭގައި އިންޓަނޭޝަނަލް ސްޓޭޑިއަމެއް އަޅަން ނިންމައިފި

  • 2022 ގެ ކުރިން ސްޓޭޑިއަމް ނިންމާނެ
  • ރާއްޖޭގައި އަޅާނީ އެންމެ ޒަމާނީ ސްޓޭޑިއަމެއް
  • ސްޓޭޑިއަމްގެ މަސައްކަތް ލަހެއް ނުވެ ފަށާނެ

ގަތަރު ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އުރީދޫ ގްރޫޕުން ހުޅުމާލޭގައި އިންޓަނޭޝަނަލް ސްޓޭޑިއަމެއް އަޅައިދޭން ނިންމައި އެކަން މިރޭ އިއުލާންކޮށްފި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ޓެލެކޮމް ހިދުމަތް ދެމުން ގެންދާ އުރީދޫ ގްރޫޕުން ރާއްޖޭގައި ހިންގާ އުރީދޫ މޯލްޑިވްސްގެ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ރަޖިސްޓްރީކުރުމާ ގުޅިގެން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްސާނީ ވިދާޅުވީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ސްޓޭޑިއަމްއެއް އަޅައިދޭން ނިންމާފައިވާ ކަމަށެވެ.

"އަޅައިދޭ ސްޓޭޑިއަމް ވެގެންދާނީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ހުރި ތަނަކަށް،" އޭނާ މިރޭ ވިދާޅުވި އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި ހުޅުމާލޭގައި ތަރައްގީ ކުރާ މި ސްޓޭޑިއަމްގެ މަސައްކަތް ވަރަށް އަވަހަށް ފަށައި، 2022 ގެ ކުރިން ނިންމާނެ އެވެ.

ގަތަރުން ރާއްޖޭގައި ފެންވަރު ރަނގަޅު ސްޓޭޑިއަމްއެއް އަޅައިދޭން ނިންމާފައިވާއިރު، އުރީދޫ މޯލްޑިވްސްއަކީ ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑެތި ތަރިންގެ ބްރޭންޑް އެމްބެސެޑަރުކަން ކުރަމުން ގެންދާ ކުންފުންޏެކެވެ. މަޝްހޫރު ފުޓުބޯޅަ ތަރި ލިއޮނެލް މެސީއަކީ އުރީދޫގެ ބްރޭންޑް އެމްބެސެޑަރެވެ.