ގަތަރު ސަރުކާރުން ހުޅުމާލޭގައި އިންޓަނޭޝަނަލް ސްޓޭޑިއަމެއް އަޅައިދޭން ނިންމައި އެކަން އިއުލާން ކުރުމަކީ ރާއްޖޭ ފުޓްބޯޅަ އަށާއި އެހެން ހުރިހާ ކުޅިވަރުތަކަށް، ހާއްސަކޮށް ޒުވާނުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި އެއީ ރައީސް އަބްދުﷲ ޔާމީނު ޒުވާނުންނާއި ކުޅިވަރަށް ދެއްވާ ސަމާލު ކަން ދައްކުވައިދޭ ރަމްޒެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެ އެވެ.
ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި އެންމެ ފަހުން އެފްއޭއެމްގެ ރައީސް ކަމުގެ މަގާމުވެސް ފުރުއްވެވި ތޯރިގު މިރޭ ވިދާޅުވީ ގަތަރުން ހުޅުމާލޭގައި ބައިނަލްއަގުވާމީ، އަދި އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް ސްޓޭޑިއަމެއް ތަރައްގީ ކުރަން ނިންމާ އެ މަސައްކަތް އަވަހަށް ފަށަން ތައްޔާރުވުމަކީ ރާއްޖޭގެ ޒުވާނުންގެ ހަޔާތަށާއި ކުޅިވަރަށް ބޮޑު ބަދަލެއް ގެނެސްދޭނެ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.
"ހާއްސަކޮށް ފުޓްބޯޅައަށް، އަދި ހުރިހާ ކުޅިވަރަކަށް، މިއީ ރައީސް ޔާމީން ވަރަށް ބޮޑަށް ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމެއް. އެހެންވީމާ ރައީސް ޔާމީންގެ ޒައާމަތުގައި މިކަން އިއުލާންވެގެން އައުމަކީ ވަރަށް ބޮޑު އުފަލެއް ޒުވާނުންނަށް އަދި ކުޅިވަރަށް ލިބިގެން ދިޔަ،" އޭނާ ވިދާޅުވި އެވެ.
ގަތަރުގެ ސަރުކާރުގެ ހިއްސާވާ އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްސާނީ ރޭ ވިދާޅުވީ ރާއްޖޭގައި އަޅައިދޭނީ އެންމެ ފެންވަރު ރަނގަޅު ސްޓޭޑިއަމްއެއް ކަމަށެވެ. ހުޅުމާލޭގައި ތަރައްގީ ކުރާ އެ ސްޓޭޑިއަމްގެ މަސައްކަތް ވަރަށް އަވަހަށް ފަށައި، 2022 ގެ ކުރިން ނިންމާނެ އެވެ.