ހުޅުމާލެ

ހުޅުމާލެ ފްލެޓްތަކުގައި ނުގަވާއިދުން ހަދާފައިވާ ތަންތަން ނަގަން 60 ދުވަސްދީފި

ހުޅުމާލެ ފްލެޓް ތަކުގައި ގަވާއިދާ ހިލާފަށް ފްލެޓްތަކަށް ގެއްލުން ލިބޭގޮތަށް ތަންތަން ހަދާފައިވާ ފަރާތްތަކުން އެތަންތަން ނަގަން 60 ދުވަހުގެ މުއްދަތެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިޖްތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ އެއްމެދު އިމާރާތްތަކުގެ ތިރީގައި އިމާރާތާ އިންވެގެން އޮންނަ އާންމު ސަރަހައްދުގައި އިމާރާތަށް ގެއްލުންވާ ގޮތަށް ގަސް ހައްދަމުން ދާ ކަމާއި، ގަވާއިދާ ހިލާފަށް ތަންތަން ރާނަމުންދާކަން އެ ކޯޕަރޭޝަނަށް ފާހަގަވެފައިވާ ކަމަށެވެ. އަދި އެކަންކަމަކީ އެޗްޑީސީން މީގެ ކުރިން އަންގައިގެން ވެސް އެ ތަންތަން ނުނަގައި ހުރި ކަން އެޗްޑީސީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

"އެއްމެދު އިމާރާތަކީ އެތަނުގައި ދިރިއުޅޭ އެންމެންގެ މަސްލަހަތު ހިމެނޭ ތަނަކަށް ވުމުން އެތަނުގެ ތިރީގައި އުޅޭ މީހުން އެ ގޮތަށް އޮންނަ އާންމު ސަރަހައްދުގައި ގަސް ހައްދައި، ތަންތަން ހެދުމުން އެ އިމާރާތުގައި ދިރިއުޅޭ އެހެން މީހުން ޝަކުވާކުރާ ކަމަކަށް ވެފައި، އިންދާފައި ހުންނަ ބޮޑެތި ގަސްގަހުގެ މުލުން އިމާރާތުގެ އޮނިގަނޑަށް ގެއްލުން ވެދާނެތީއާ، ދިމާވާ ހާދިސާއެއްގައި މީހުން ސަލާމާތްތް ކުރުމުގައި ވެސް އެގޮތަށް ހުރުމުން ދަތި ވާނެތީ އެތަންތަން ސާފުކުރުމަށް އަންގައި އިއުލާން ކުރީމެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.

އެ މުއައްސަސާއިން ބުނީ ދީފައިވާ މުއްދަތުގައި އެތަންތަން ނަގައި ސާފުކޮށްފައި ނުވާނަމަ އެ ކޯޕަރޭޝަންގެ ފަރާތުން އެތަންތަން ނަގައި ސާފުކުރާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަށް އެ ކޯޕަރޭޝަނުން ޒިންމާ ނުނަގާނެ ކަމަށެވެ.

އެ ކަމަކީ އެއްމެދު އިމާރާތުގައި ދިރިއުޅޭ އެންމެންގެ މަންފާއަށް ކުރެވޭ ކަމަކަށް ވާތީ އެކަމަށް އެންމެންގެ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.