ރާއްޖެ ކުޅިވަރު

އެމްބީއޭގެ ރައީސް ކަމަށް މިފަހަރުވެސް މެންބަރު ސިނާން އާއި މަންޑޭ

Oct 15, 2016
4

ދައުރު ހަމަވެފައިވައިވާ ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބު ދެ ވަނަ ފަހަރު އިއުލާން ކުރިއިރު ވެސް ރައީސް ކަމަށް ވާދަ ކުރަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި އެމްއާރްޑީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓާ އަހްމަދު މަމްދޫހް (މަންޑޭ) އެވެ.

މީގެ އިތުރުން ކުރިން ވެސްް ރައީސް ކަމަށް ކުރިމަތި ލެއްވި އަހްމަދު އާދަމް މިފަހަރު ވެސް ވަނީ ރައީސް ކަމަށް ކުރިމަތި ލައްވާފަ އެވެ.

މިފަހަރު ވެސް ނައިބު ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ އެމްބީއޭގެ މިހާރުގެ ސެކެޓްރީޖެނަރަލް އާރިފް ރިޒާ އާއި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހްމަދު އިސްމާއީލްގެ ކޮއްކޮ ހަސަން އިސްމާއީލެވެ.

އެމްބީއޭގެ ދައުރު ހަމަވެފައިވަނީ ޖުލައި މަހު 15 ދުވަހުއެވެ.

އިންތިހާބު ދެ ވަނަ ފަހަރަށް ބާއްވަން އިއުލާންކުރީ، މިދިޔަ އޯގަސްޓް މަހު 20 ދުވަހު ބާއްވަން އޮތް އިންތިހާބުގައި އިންތިހާބުގެ ގަވައިދާ ހިލާފަށް ކަންތައްތަކެއް ހިނގާ ކަމަށް، ލިބުނު ޝަކުވައާ ގުޅިގެން އިންތިހާބުގެ މަސައްކަތް ހުއްޓާލުމަށް ހޯމް މިނިސްޓްރީން އޮލިމްޕިކް ކޮމިޓީއަށް އެންގުމުންނެވެ.

އޭގެ ފަހުން ހޯމް މިނިސްޓްރީން ވަނީ އެމްބީއޭގެ އިންތިހާބު ބޭއްވުމަށް ކޮމިޓީއެއް އެކުލަވާލައި އިންތިހާބު މިއަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް އިއުލާންކޮށްފަ އެވެ. މި އިންތިހާބުގައި ވޯޓް ލުމުގެ ޝަރުތު ހަމަވަނީ 29 ކުލަބަކުންނެވެ.