ޕީޕީއެމް

ޕީޕީއެމްގެ ނައިބު ރައީސްކަމުން އަބްދުލް ރަހީމް ވަކިކޮށްފި

ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުން އަބްދުލް ރަހީމް އަބްދުﷲ މިއަދު ވަކިކޮށްފި އެވެ. އެ ޕާޓީގެ ކައުންސިލުން ވެސް އަބްދުލް ރަހީމް ވަނީ ވަކިކޮށްފަ އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ އެސްޖީ އަބްދުލް އަލީމް މިއަދު ވިދާޅުވީ، އަބްދުލް ރަހީމް، ޕީޕީއެމްގެ ނައިބު ރައީސްކަމުން ވަކިކޮށް، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ ސިޓީގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ، ޕީޕީއެމްގެ އަސާސީ ގަވައިދުގެ 58 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ޕާޓީގެ ނައިބު ރައީސުންނަކީ ޕާޓީގެ ރައީސްއަށް އެހީތެރިވާ ބައެއް ކަމަށެވެ. އެހެންނަމަވެސް މިދިޔަ ޖޫން މަހުން ފެށިގެން ރައީސްއަށް އަބްދުލް ރަހީމްގެ އެހީތެރިކަން ލިބެމުންނުދާ ކަމަށެވެ.

"މަނިކުފާނު [އަބްދުލް ރަހީމް] ތި ގެންދަވަނީ އަޅުގަނޑުގެ އެންގުމަކާ ނުލާ އަސާސީ ގަވައިދާ ހިލާފަށް އަދި ޕާޓީގެ ފިކުރާ ވެސް ހިލާފަށް މަސައްކަތްކުރަމުން، އަޅުގަނޑަށް ނޭނގި އެކިއެކި ޕެޓިޝަންތަކުގައި ޕާޓީގެ ކައުންސިލް މެންބަރުން ލައްވާ ސޮއިކުރުވާ އަޅުގަނޑާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ މީޑިއާގައި ދައްކައި، މިފަދަ އެތައް ކަމެއް ކުރަމުން،" މައުމޫންގެ ސިޓީގައިވެ އެވެ.

ސިޓީގައި ރައީސް މައުމޫން އިތުރަށް ވިދާޅުވެފައިވަނީ، އަބްދުލް ރަހީމަކީ އެމަނިކުފާނު ޕީޕީއެމްގެ ކައުންސިލަށް އައްޔަންކުރި ތިން މެންބަރުންގެ ތެރެއިން މެންބަރަކަށްވާއިރު، އަބްދުއް ރަހީމްގެ އަމަލުތައް ގަބޫލުކުރަން ދަތި ކަމަށެވެ. ޕާޓީގެ އާންމު މެންބަރުން ވެސް އަބްދުލް ރަހީމާ ގުޅޭ ޝަކުވާތައް ކުރަމުންދާ ކަމަށެވެ.

ރައީސް މައުމޫން ވަނީ އަބްދުލް ރަހީމް އެ ޕާޓީގެ ކައުންސިލް މެންބަރުކަމުން ވަކިކޮށްފަ އެވެ. ކައުންސިލް މެންބަރުކަމުން ވަކިކުރުމުން އަބްދުލް ރަހީމަށް ނައިބު ރައީސްގެ މަގާމު ވެސް ގެއްލުނީކަން ވަނީ އަންގާފަ އެވެ.

އަބްދުލް ރަހީމް ޕާޓީގެ ނައިބު ރައީސްކަމުން ވަކިކޮށްފައިވާއިރު އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ ތިން ނައިބު ރައީސުން އިންތިހާބުކުރާނީ ގައުމީ ޖަލްސާގެ އިންތިހާބަކުންނެވެ. އަދި، ނައިބު ރައީސްކަމުން ވަކިކުރެވޭނެ ފަސް ހާލަތެއް އަސާސީ ގަވައިދުގައި ބުނެފައިވެ އެވެ. އެއީ، މަގާމުގެ މުއްދަތު ހަމަވުމާއި ޝަރުއީ ކޯޓަކުން ޖިނާއީ ހުކުމެއް އައުމާއި އިތުބާރު ނެތްކަމުގެ ވޯޓެއް ފާސްވުމާއި ގާނޫނުގައިވާ ގޮތުން އިފްލާސް ކުރެވުމާއި މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭވަރުގެ ދާއިމީ ހާލަތެއް މެދުވެރިވުމެވެ.

ކައުންސިލަށް ޕާޓީގެ ރައީސް އައްޔަންކުރާ މެންބަރުންނަކީ ކައުންސިލްގެ އެހެން މެންބަރުންގެ މަޝްވަރާގެ މަތިން އައްޔަންކުރަން ޖެހޭނެ މެންބަރުންކަން އަސާސީ ގަވައިދުގެ 29 ވަނަ މާއްދާގެ (ހ) ގެ 12 ގައި ބުނެފައިވެ އެވެ. ކައުންސިލްގެ މެންބަރުންނަށް ބަދަލުތައް ގެންނަން ކައުންސިލްގެ އެހެން މެންބަރުންނާ ރައީސް މައުމޫން މަޝްވަރާކުރެއްވިކަން އެނގިފައެއް ނުވެ އެވެ.

އަބްދުލް ރަހީމް ނައިބު ރައީސް ކަމުން ވަކިކޮށްފައިމިވަނީ ޕީޕީއެމްގެ އެތޭގައި ބޮޑެތި މައްސަލަތައް އުފެދި ޕާޓީ ދެބައިވެފައިވާ ދަނޑިވަޅެއްގަ އެވެ.