ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި މިއަދު އީގަލްސް އާ ދޮކޮޅަށް ނިކުންނައިރު، ޓީސީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން 100 ޕަސަންޓް މޯޓިވޭޓް ކަމަށް ޓީސީގެ ޔޫތު ޓީމުގެ ކޯޗް އަހްމަދު އަހްސަން (ބަރޯ) ބުނެފިއެވެ.
މިއަދުގެ މެޗާ ބެހޭގޮތުން އަވަސްއާ ވާހަކަ ދައްކަމުން ބަރޯ ބުނީ، ގުރޫޕް ސްޓޭޖުގައި އީގަލްސް ބަލި ކުރެވިފައި ވުމަކީ ސެމީ ފައިނަލަށް ނިކުންނައިރު ޓީސީގެ ކުޅުންތެރިނަށް އޮތް ބޮޑު މޯޓިވޭޝަނެއް ކަމަށެވެ.
އޭނާ ބޫނީ ޓީސީ ތާވަލުގެ އެއް ވަނައިގައި ސެމީ އަށް ދިއުމަކީވެސް ކުޅުންތެރިންނަށް ލިބުނު ހިތްވަރެއް ކަމަށެވެ.
"ޓީސީގެ ސީނިއާ ޓީމު ކޯޗް (މުހައްމަދު ނިޒާމް) ނިޒާންބެ ވަނީ ސީނިއާ ޓީމުގައި ހިމެނޭ ކޔޫތު ޓީމުގެ ކުޅުންތެރިންވެސް ޔޫތު ޓީމަށް ދޫކޮށްފަ، ކާމިޔާބު ހޯދަން ހުރިހާ ސަޕޮތެއް ސީނިއާ ޓީމުންނާ މެނޭޖުމެންޓުން އަޅުގަނޑަށް ލިބޭ،" ބަރޯ ބުންޏެވެ.
"ހަގީގަތުގައި އެއްވެސް މީހަކު ހީ ނުކުރޭ އެއް ވަނައިގައި ސެމީއަށް ޓީސީ ހިނގައިދާނެ ކަމަކަށް، އަދި މި މެޗުން މޮޅުވެސް ފައިނަލަށް ދެވިއްޖެނަމަ އެއީ ޓީސީއަށް ލިބޭ ބޮޑު ހިތްވަރެއް"
މިއަދު ހަވީރު ޓީސީ އާ އީގަލްސް ބައްދަލު ކުރަ މެޗުން މޮޅުވާ ޓީމެއް ފައިނަލްގެ ޖާގަ ލިބޭއިރު، ބަލިވާ ޓީމެއް ޖެހޭނީ ތިން ވަނަ ސެމީ ފައިނަލްގައި ކުޅޭށެވެ. ތިން ވަަނަ ސެމީ ފައިނަލުގައި އަނެއް ކޮޅުން ވާދަ ކުރާނީ މިރޭ މާޒިޔާ އާއި ވެލެންސިއާ ކުޅޭ ދެ ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމެކެވެ.