ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ދެ ފަނޑިޔާރަކު އެ ކޯޓުން ވަކިކުރަންޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ކޮމެޓީން ގެނައި އިސްލާހު ފާސް ކުރުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
މިހާރު ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން އިސްލާހު ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް(މަވޯޓާ) އެވެ. އެ ބިލް ދިރާސާ ކުރުމަށް ފަހު ކޮމެޓީން ވަނީ އެ ބިލަށް އިތުރު ބަދަލުތައް ގެނެސްފަ އެވެ.
އެގޮތުން ޝަރީފް ބިލް ހުށަހެޅުއްވިއިރު ފަނޑިޔާރުންގެ އަދަދު މަދުކުރަން އަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައި ނުވި ނަމަވެސް ކޮމެޓީން ވަނީ އެ ބިލުގައި އެ ބައި ހިމަނައިފަ އެވެ. ކޮމެޓީން ގެނައި ބަދަލުތަކާ އެކު އެ ބިލް މިހާރު އޮތްގޮތުން ފަނޑިޔާރުންގެ އަދަދު މަދުކުރާނީ ސުޕްރީމް ކޯޓުން ވަކިކުރަންޖެހޭ ދެ ފަނޑިޔާރެއްގެ ނަން ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ވޯޓަކުން ކަމަށެވެ.
މީގެ އިތުރުން އެގޮތަށް ވަކިކުރާ ދެ ފަނޑިޔާރުން ފިޔަވައި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުން މަގާމުގައި ދެމި ތިބޭނެ ކަމަށާއި އަދި ވަކިކުރާ ފަނޑިޔާރުންނަށް ވެސް ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން އިނާޔަތް ލިިބޭ ގޮތަށް އެ ބިލަށް ކޮމެޓީން ބަދަލު ގެނެސްފައިވެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު އެ ބިލް ހުށަހެޅުއްވި ނަމަވެސް އެމްޑީޕީން ވަނީ އެ ބިލަށް ތާއީދު ނުކުރާނެ ކަމަށް ބުނެފަ އެވެ. ޖުމްހޫރީ ޕާޓީން ވެސް އެ ބިލާ ދެކޮޅު ހަދަމުންދާއިރު މަޖިލީހުގެ އެންމެ ބޮޑު އަޣުލަބިއްޔަތެއް އޮތް ޕީޕީއެމުން ވަނީ އެ ބިލަށް ތާއީދު ކުރާނެ ކަމަށް ބުނެފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ އިތުރުން ޝަރީފް ހުށަހެޅުއްވި އެ ބިލުގައި ވަނީ ހައި ކޯޓުގެ ދެ ގޮއްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމް ކުރަންޖެހޭ ގޮތަށް ވެސް އިސްލާހު ހުށަހަޅުއްވައިފަ އެވެ. އެ ބިލްގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ރާއްޖޭގެ ދެ ސަރަހައްދެއްގައި ހައި ކޯޓުގެ ދެ ގޮއްޕެއް ގާއިމް ކުރަންޖެހޭއިރު އެ ގޮފިތަކުން ބަލާނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ އިސްތިއުނާފް މައްސަލަތައް އެކަނި ކަމަށް އެ ބިލުގައިވެ އެވެ. އަދި އެއިން ކޮންމެ ގޮއްޕަކަށް ހައި ކޯޓުގެ ތިން ފަނޑިޔާރަކު ހަމަޖައްސަންޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމާ ބެހޭގޮތުން ބިލުގައި ހިމަނާފައިވާ ބައިތަކަށް ކޮމެޓީން ބަދަލުތައް ގެނައި ނަމަވެސް ހައި ކޯޓުގެ ގޮފިތައް ގާއިމް ކުރުމާ ގުޅޭގޮތުން ބިލުގައި ހުރި ބައިތަކަށް ކޮމެޓީން މާ ބޮޑު ބަދަލެއް ނުގެނެ އެވެ.