އެފްއޭއެމުގެ ރައީސް ކަމަށް އެންމެ ފަހުން ހުންނެވި ރައީސް އަހުމަދު ތޯރިގް (ޓޮމް) ކުރިމަތިލައްވައިފި އެވެ.
މަގާމުގައި އެންމެ ތިން މަސްވީތަނާ އެކްސްކޯގެ ފަސް މެމްބަރުން އިސްތިއުފާދެއްވުމުން މަގާމު ގެއްލި ވަޑައިގަތް ކުރީގެ ގައުމީ ފޯވަޑް މިފަހަރުގެ އިންތިހާބަށް ކުރިމަތިލެއްވީ މުޅީން އާޓީމަކާއެކުގަ އެވެ.
އަންނަ މަހުގެ 20 ގައި ބާއްވާ އިންތިހާބުގައި ޓޮމްއާއެކު ވާދަކުރާނީ އޭނާގެ ދައުރުގައި ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެއްވި އެފްއޭއެމުގެ ކުރީގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން ބައްސާމް އަދލް ޖަލީލެވެ.
އެފްއޭއެމުގެ ރައީސަަކު ހޮވަން އާ އިންތިހާބެއް ބާއްވަން ޖެހުނީ ނިއުރޭޑިއަންޓް ކުރީގެ ކެޕްޓަން ކުރި ޓޮމް އެއިދާރާ ހިންގާ ގޮތާމެދު އެކްސްކޯ މެމްބަރުން ހިތްހަމަ ނުޖެހުމުންނެވެ. އެ ހިތްހަމަނުޖެހުންތަކުގެ ހުޅު ފަޅައިގެންގޮސް ފަސް މެމްބަރުން އިސްތިއުފާ ދެއްވީ ޓޮމް، ޖެނެރަލް ސެކްރެޓަރީގެ މަގާމުން ބައްސާމް ވަކި ކުރެއްވުމުންނެވެ. ނަމަވެސް އެއީ އަސާސީ ގަވާއިދާ ހިލާފު ކަމެއްކަމަށް ބުނެ ފީފާއިން ވަނީ އަލުން ބައްސާމަށް މަގާމު ދީފަ އެވެ. މިކަމާ ބެހޭ ގޮތުން ޓޮމް މިހާތަނަށް އަދި އެއްވެސް ވާހަކައެއް ނުދައްކައި ހުންނެވީ ހިމޭނުންނެވެ.
އެފްއޭއެމުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވިއިރު ޓޮމް އާއި ބައްސާމް ކުރިމަތިލެއްވުމުން މި ފަހަރުގެ އިންތިހާބު ވަރަށް ވާދަވެރިވާނެ ކަމަށް ބެލެވެ އެވެ.