ހަބަރު

އަޅުގަނޑުގެ މައްޗަށް ދައުވާ ކުރުމަކީ މައުމޫންގެ މައްޗަށް ދައުވާކުރަން ހުޅުވޭ ދޮރެއް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ދައުވާކުރަން ހުޅުވޭ ދޮރެއް ކަމަށް ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިރޭ ބޭއްވި ޝަރީއަތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރުމަކީ ރައީސް މައުމޫންގެ މައްޗަށް ވެސް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް ދޮރު ހުޅުވާލުން ކަމަށެވެ. ނަމަވެސް ކުރީގެ ރައީސުންގެ މައްޗަށް ދައުވާ ކުރުމަކީ ގައުމަށް އެއްވެސް ފައިދާއެއް ހުރި ކަމެއް ނޫން ކަމަށާއި ގާނޫނުތަކުން ވެސް ކުރީގެ ރައީސުންނަށް ހިމާޔަތް ދީފައިވާކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

ނަޝީދު ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ކަންކަން ކުރިގޮތުން ރައީސް މައުމޫންގެ މައްޗަށް ދައުވާކުރަން އެތައް ބަޔަކު އެމަނިކުފާނުގެ ވެރިކަމުގައި އެމަނިކުފާނުގެ ކިބައިން އެދުނު ކަމަށާއި ނަމަވެސް އެކަމާ ދެކޮޅު ހައްދާފައިވާނެ ކަމަށެވެ. އަދި އެހެން ފަރާތަކުން އެކަން ކުރަން އުޅުނަސް އެކަމަށް ތަރުހީބު ނުދެއްވާނެ ކަމަށާއި އެއީ އެމަނިކުފާނު ބޭނުންވާ ގޮތް ނޫން ކަމަށް އޭރު ވިދާޅުވެފައިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ކިބައިން އެތައް ބަޔަކު ވަނީ ސިޓީ އާއި އެކި ގޮތްގޮތުން އެދިފައި ރައީސް މައުމޫން ހައްޔަރުކޮށް، އެމަނިކުފާނުގެ މައްޗަށް ދައުވާކުރަން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކުރީގެ ރައީސުންނާ މެދު އިހާނެތިކޮށް ހިތުމުގެ ސަބަބުން ރާއްޖެއަށް ވަނީ އެތައް ގެއްލުމެއް މިހާރު ވެސް ލިބިފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު އަމީން ދީދީ އާއި ރައީސް އިބްރާހިމް ނާސިރާ މެދު އަމަލުކުރި ގޮތުން އެތައް ގޮތަކުން ރާއްޖެއަށް ގެއްލުން ވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެހެންވެ އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ވިސްނުމަށް ފަނޑިޔާރުންގެ ކިބައިން ނަޝީދު އެދިވަޑައިގަތެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނަށް އެތައް އަހަރެއް ވަންދެން ވެސް ޖަލުގައި އޮވެވިދާނެ އެވެ. ނަމަވެސް އޭގެ ހުރިހާ ގެއްލުމެއް ލިބޭނީ ގައުމަށް ކަމަށް ވިދާޅުވެ، އެ ދައުވާ އަނބުރާ ގެންދަން ވެސް ނަޝީދު މިރޭގެ އަޑުއެހުމުގައި ގޮވާލެއްވި އެވެ.

ޝަރީއަތް ނިމެންދެން ނަޝީދު ބަންދުގައި ބަހައްޓަން ކޯޓުން ނެރެފައިވާ އަމުރު އަލުން މުރާޖާކޮށް ދިނުމަށް ނަޝީދުގެ ވަކީލުން މިރޭގެ އަޑުއެހުމުގައި އެދުނު ނަމަވެސް ފަނޑިޔާރުން ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި ބަލަހައްޓަވާ ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ނަޝީދު ބަންދުގައި ބަހައްޓަން ނިންމީ ޝަރީއަތުގެ ބޭނުމަކަށް ކަމަށާއި މީގެކުރިން ވެސް އެގޮތަށް މީހުން ބަންދުކޮށްފައި ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ބަންދުގައި ބަހައްޓަން ނެރުނު އެ އަމުރު އިސްތިއުނާފް ކުރުމުގެ މަސައްކަތް ނަޝީދުގެ ފަރާތުން ކުރަމުންދާތީ އެ އަމުރާ މެދު ދެން ގޮތެއް ނިންމާނީ އިސްތިއުނާފް މަރުހަލާއިން ކަމަށް ވެސް ގާޒީ އަބްދުﷲ ވިދާޅުވި އެވެ.

ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ ނަޝީދު ބަންދުގައި ބަހައްޓަން ނިންމީ ގާނޫނު އަސާސީ އާއި ގަވާއިދާ ޚިލާފަށް ކަމަށެވެ. އެގޮތުން މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރެވޭނީ ކޯޓަށް ހާޒިރުވުމަށް އެންގުމުން ވެސް ހާޒިރު ނުވެއްޖެ ނަމަ ކަމަށް ގަވާއިދުގައި އޮތް ނަމަވެސް ކޯޓަށް ހާޒިރުވާން ނަޝީދަށް ޗިޓެއް ލިބިފައި ނެތް ކަމަށް ރިފްއަތު ވިދާޅުވި އެވެ. އަދި އެންމެ ފުރަތަމަ އަޑުއެހުމުގައި ނަޝީދުގެ ވަކީލުންގެ ނެތީސްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެކަމާ މެދު ރިފްއަތު ވާހަކަ ދައްކަވަމުން ދަނިކޮށް ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ނުކުތާއާ މެދު ގޮތެއް ނިންމައި، އެކަމާ މެދު އިތުރަށް ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވައިފަ އެވެ. އެކަމުގައި ވާހަކަ ދައްކަން ނަޝީދު އެދިވަޑައިގަތް ނަމަވެސް ފަނޑިޔާރުން ވަނީ އެ ފުރުސަތު ނުދެއްވައި، އެކަމުގައި އިތުރަށް ވާހަކަ ނުދެއްކޭނެ ކަމަށް އަންގައިފަ އެވެ.