ރިޕޯޓް

އެންމެ މުހިންމީ މީހުން ބިނާ ކުރުމުގެ ތަމްރީނު!

Oct 16, 2016
1

ވިޔަފާރިއެއް ހިންގުމުގައި، ނުވަތަ އެހެންވެސް އޯގަނައިޒޭޝަނެއް ހިންގުމުގައި މުވައްޒަފުންނަށް ތަމްރީނު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ވައިގެ މަގުން ކޮންމެވެސް ތަނަކަށް ދާންވެގެން ބަލާލިއިރު، އެތަނަކަށް ދިއުމުގެ މަތިންދާ ބޯޓު ޓިކެޓު، ހަމަ އެއް އެއާލައިން އަކުން އެއް ކުލާހަކުން ދެއަގެއްގައި ލިބެން އެބަހުއްޓެވެ. ހައިރާންވެގެން ބަލައިލިއިރު، ތަމްރީނުލިބިފައިވާ ޕައިލެޓުން ދުއްވަންތިބޭ ބޯޓުގެ ޓިކެޓް އަގު ބޮޑުވެފައި، ތަމްރީނު ނުކުރާ ޕައިލެޓުން ދުއްވަންތިބޭ ބޯޓުގެ ޓިކެޓް އަގުހެވީއެވެ. ކީއްވެގެންތޯ ސުވާލުކޮށްލުމުން ލިބުނު ޖަވާބަކީ ޕައިލެޓުން ތަމްރީނުކުރުމަކީ ވަރަށް ޚަރަދު ބޮޑު ކަމެއްކަމުގައިވާތީ، އެފްލައިޓްގެ ޓިކެޓު އަގުބޮޑުކޮށް ވިއްކަން ޖެހެނީ ކަމުގައެވެ.

މިދެންނެވީ ޚިޔާލީ ވާހަކައެކެވެ. އެކަމަކު ނުކުތާއަކީ، ތަމްރީނު ނުކުރާ ޕައިލެޓުން ދުއްވާ ބޯޓަށް، ޓިކެޓް އަގު ހެޔޮކަމުގައި ވިޔަސް އަރާވަޑައިގަންނަވާނަން ތޯއެވެ. ޓިކެޓުގެ އަގު ކިތަންމެ ހެޔޮވިޔަސް އެއްވެސް ބޭފުޅަކު އަރައިވަޑައިގަންނަވާނެ ކަމަކަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވެއެވެ.

ކަންމިހެން ހުރިކަމުގައިވީ ނަމަވެސް، ގިނަ ވިޔަފާރިވެރިން މުވައްޒަފުންނަށް ތަމްރީނުދިނުމުގެ މުހިންމުކަމާމެދަކު ނުވިސްނައެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ތަމްރީނު ދިނުމަކީ އެކަމަށް ވަގުތު ހޭދަވެ، ޚަރަދު ތަކެއް ކުރަންޖެހޭނެ ކަމެއްކަމުގައިވާތީއެވެ. ނުވަތަ ތަމްރީނުދިނުމުގެ މުހިންމުކަން ރަނގަޅަށް ފަހުމު ވެފައި ނުވާތީއެވެ.

ތަމްރީނުދިނުމުން ކުރާނެ ބައެއް މުހިންމު ފައިދާ

- ވިޔަފާރި ދާއިރާއަށް އަންނަ ބަދަލުތަކާއި މެދު މުވައްޒަފުންނަށް މަޢުލޫމާތު ލިބުން
- ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ އެވިޔަފާރިއަކާއިމެދު ކަސްޓަމަރުންގެ އިތުބާރު ބޮޑުވެގެން ދިއުން
- ވިޔަފާރީގެ ވާދަވެރިންނަށްވުރެ ކުރިއެރުމަށް މަގުފަހިވުން
- ހުނަރުގެ ގޮތުން އުނިވާ ދިމާތައް ފާހަގަކުރެވި އެކަންކަން ޙައްލުކުރުމަށް މަގުފަހިވުން
- މުވައްޒަފުންގެ މޯޓިވޭޝަން ރަނގަޅުވެ ވަޒީފާއާއި މެދު ހިތްހަމަޖެހުން އިތުރުވުން
- ހުނަރުވެރިން ވަޒީފާއަށް ކުރިމަތިލުން އިތުރުވުން

މިނޫނަސް މިކަހަލަ ކިތަންމެކަމެއް މި ލިސްޓުގައި ލިޔެވިދާނެއެވެ. ނަމަވެސް މިހާ ހިސާބުން ކުރުކޮށްލިކަމުގައި ވިޔަސް، ވިސްނާވަޑައިގެންފިނަމަ، މަތީގައި މިދެންނެވި ކޮންމެ ކަމަކީ، އެކަމުގެ ސަބަބުން ވިޔަފާރިއަށް އިތުރު ކުރިއެރުންތައް ލިބި، ނަފާވެރިކަން އިތުރުވެގެންދާނެ ކަންތައްތައް ކަން ވިސްނިވަޑައިގަންނަވާނެ އެވެ.

މީގެތެރެއިން ހަމަ އެންމަ ކަމަކަށް ތަންކޮޅެއް ފުންކޮށް ނަޒަރު ހިންގާލަމާތޯއެވެ. އާދެ މުވައްޒަފުންގެ މޯޓިވޭޝަން ރަނގަޅުވެ ވާޒީފާ އާއި މެދު ހިތްހަމަޖެހުމުގެ ވާހަކައެވެ. ވިޔަފާރިވެރިޔާއަކީ ކިތަންމެ މޮޅު މީހެއްކަމުގައި ވީނަމަވެސް، އެއްވެސް ވިޔަފާރިއަކީ އެވިޔަފާރިއެއް ހިންގުމުގައި ޝާމިލްވާ މުވައްޒަފުންގެ ބޮޑު ޙިއްސާއެއް ނެތި ފުރިހަމަކަމާއިއެކު ހިންގޭނެ ވިޔަފާރިއެއްނޫނެވެ. ވީއިރު ވިޔަފާރި ކުރިއެރުވުމަށްޓަކައި މުވައްޒަފުން މޯޓިވޭޓް ކޮށް ވަޒީފާއަށް އަހުލުވެރިކުރުވުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްނޫންތޯއެވެ. ކުންފުނިން ޚަރަދުކޮށްގެން މުވައްޒަފުންނަށް ތަމްރީނު ދިނުމަކީ މުވައްޒަފުން އެތަނަކާއިމެދު ދެކޭގޮތް ރަނގަޅުވެ، އެތަނެއްގެ ވަޒީފާގައި ދެމިތިބުމަށް ބާރުއަޅާކަމެއްކަމުގައި ވާއިރު، މުވައްޒަފުން ތަމްރީނުކުރުމަށް ކުރާޚަރަދަކީ ބޭކާރު ޚަރަދެއް ނޫން އެހެންނޫންތޯއެވެ. އާދެ މިގޮތުން ޚަރަދުކުރެވޭ ފައިސާއަކީ ވިޔަފާރި ކުރިއެރުވުމަށް ކުރެވޭ އިންވެސްޓް މަންޓެއް ނޫންތޯއެވެ.

ވަކިން ޚާއްސަގޮތެއްހައި ޚިދުމަތް ދިނުމުގެ އިންޑަސްޓްރީގައި، މުވައްޒަފުން ތަމްރީނުކުރުމުގެ މުހިންމުކަން ބޮޑެވެ. މިސާލަކަށް ހޮޓަލެއް ނުވަތަ ގެސްޓް ހައުސް އެއްގައި އެކި ކަހަލަ މަސައްކަތްތައް ކުރާމީހުންނަށް ވިސްނާވަޑައިގަންނަވާށެވެ. އާދެ މިފަދަ ޚިދުމަތްތައް ހޯދަން އަންނަ މީހުން ނުވަތަ ގެސްޓުން އަންނަނީ ޗުއްޓީ ހޭދަކޮށްލުމަށެވެ. ޢާއިލާއާއިދުރުގައި އެތިބޭ ދުވަސްވަރު، އެމީހުންގެ އެންމެ ބޮޑު އެއް އެދުމަކީ ފެންވަރު ރަނގަޅު ހިތްހަމަޖެހޭ ފަދަ ޚިދުމަތެއް، އެތިބޭ ހޮޓަލަކުން ލިބުމެވެ. މިފަދަ ޚިދުމަތެއް ދެވޭނީ ހަމަގައިމުވެސް، އެޚިދުމަތް ދިނުމަށް ތިބޭ މުވައްޒަފުންނަށް އެޚިދުމަތް ދޭނެގޮތް އެނގިގެންނެވެ. މިވައްޒަފުންނަށް ޚިދުމަތް ދޭނެގޮތް އެނގޭނީ، މެނޭޖްމަންޓުން އެޚިދުމަތެއް ދޭނެ ފެންވަރު ކަނޑައަޅާ، އެޚިދުމަތް ދިނުމަށްޓަކައި މުވައްޒަފުން ތަމްރީނު ކުރުމުންނެވެ. މިކަމަށް މުވައްޒަފުން ތަމްރީނުނުކޮށް، އޮޓަމެޓިކުން ރަނގަޅު ޚިދުމަތެއް ދެވިދާނެކަމަށް ދެކުމަކީ އެންމެ ހެޔޮ ވިސްނުމެއް ނޫންކަމުގައި ދަންނަވަން ޖެހެއެވެ.

ހޮޓެލް އިންޑަސްޓްރީގެ ވާހަކަ ދައްކާއިރު، ވިސްނާވަޑާއިގަތުން މުހިންމު ދެ ކަމެއް ފާހަގަ ކޮށްލާނަމެވެ. އެއްކަމަކީ ހޮޓެލް އިންޑަސްޓްރީ އަށް ކިޔާ ޢާންމު ނަމަކީ ހޮސްޕިޓަލިޓީ އިންޑަސްޓްރީ ކަމެވެ. ހޮސްޕިޓަލިޓީ އަކީ ކޮބައިތޯއެވެ. އިންގިރޭސި ބަހުން ހޮސްޕިޓަލިޓީ އޭ ބުނެވޭބަހުގެ މާނައަކީ މެހެމާންދާރީ އަދާކުރުމެވެ. އާދެ ޚިދުމަތް ދިނުމެވެ. އަނެއް ކަމަކީ، އެންމެ ބޭފުޅުންވެސް ދެނެވަޑައިގެން ތިއްބަވާނެފަދައިން ޢާންމުގޮތެއްގައި މިޒަމާނުގައި ހޮޓެލް ބުކިން ހަދަނީ އޮންލައިންކޮށް ބުކިން ޑޮޓް ކޮމް ނުވަތަ އަގޯޑާ ފަދަ ވެބްސައިޓް ތައް މެދުވެރިކޮށެވެ. މިއިން ވެބްސަޓެއްގައި ދާން ބޭނުންވާ ޤައުމަކާއި ރަށެއް ޖަހާލުމުން، އެރަށެއްގައި ހުންނަ ހޮޓާ ތަކުގެ ލިސްޓްތައް ފެންނަން ހުރެއެވެ. ފާހަގަކޮށްލަށް ޖެހޭ ކަމަކީ މިފަދަ ހޮޓާތައް ތަރުތީބުކުރެވިފައި ހުންނަ އެންމެ އިސްގޮތަކީ، އެފަދަ ހޮޓާތަކާއި ދޭތެރޭ މީހުން ދެކޭގޮތާއި ކުރާ ކޮމެންޓް ތަކަށް ބަލާފައެވެ. މިފަދަ ކޮމެންޓް ތަކަށް ނަޒަރު ހިންގަވާލައްވައިފިނަމަ، މައިގަނޑުގޮތެއްގައި ހުންނާނީ އެހޮޓަލެއްގެ ޚިދުމަތް ދިނުމުގެ ފެންވަރާއި ގުޅޭ ކޮމެންޓު ތަކެވެ. އަދި ހުންނާނެ ހޮޓަލެއް ކަނޑައެޅުމުގައިވެސް އިންމެ ގިނައިން ބަލާ އެއްކަމަކީ އެހޮޓަލާއި މެދު އެހެންމީހުން ކޮށްފައި ހުންނަ ކޮމެންޓު ތަކެވެ.

އެހެން ގޮތަކަށް ދަންނަވާކަމުގައިވާނަމަ، ހޮޓަލެއް ނުވަތަ ގެސްޓްހައުސްއެއްގެ ވިޔަފާރި ސީދާ ގޮތެއްގައި ގުޅިފައިމިވަނީ އެހޮޓަލަކުން ޚިދުމަތްދޭ ފެންވަރަކާއި ނޫންތޯއެވެ. މިޚިދުމަތް ދިނުމުގެ ފެންވަރު ބިނާވެފައިވާނީ ޚިދުމަތް ދިނުމުގެ ފެންވަރުތައް ކަނޑައަޅާ، އެކަމަށް މުވައްޒަފުން ތަމްރީނުކުރެވިފައި ތިބުމުން ނޫންތޯއެވެ. ދިވެހިރާއްޖޭގައި ހޮޓަލާއި، ސަފާރީ ބޯޓުތަކާއި ގެސްޓްހައުސް ތަކުގެ ވިޔަފާރި ފުޅާވެ، މުޅިރާއްޖެއަށް ފެތުރިގެންދާއިރު، އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންވެސް މިވިޔަފާރިތެރެއަށް ވަންނަމުންދާއިރު، މިފަދަ ކަންތައްތަކާއި މެދު ވިސްނުންފުޅު ބެހެއްޓެވުމަކީ ވިޔަފާރި ކުރިއަށް ގެންދިއުމުގައި ވަރަށް މުހިންމު ކަމެއްކަން ޔަޤީނެވެ.

މިގޮތުން މިފަދަ ވިޔަފާރިއެއްގެ އެންމެ މުހިންމު އެއްބޭނުމަކަށް ވާންވާނީ އެއްފަހަރު އަންނަ ގެސްޓު މީހާއަތުން ފައިސާކޮޅެއް ހޯދައިގެން ހިތްހަމަޖައްސާލުމުގެ ބަދަލުގައި، އޭނާއަށް ހިތްހަމަޖެހޭފަދަ ޚިދުމަތެއްދީ، ދެވަނަ ފަހަރަކަށް އޭނާ އެހޮޓަލަކަށް އައުމަށް ޝަޢުގުވެރިކުރުވުން ނޫންތޯއެވެ. އިންސާނުންނަކީ އޭނާއަށް ކުރެވޭ ތަޖުރިބާތަކުގެ ވާހަކަ އެހެންމީހުންކައިރީގައި ދައްކާހިތްވާ ބަޔެކެވެ. އެއްކަލަ ގެސްޓް އެނބުރިގޮސް ދައްކާވާހަކައަކީ، އޭނާއަށް ލިބުނު ޚިދުމަތުގެ ފުރިހަމަކަމުގެ ވާހަކަ އަށް ވުމަކީ ވިޔަފާރި ކުރިއެރުވުމަށް ކޮންމެހެން މުހިންމު ކަމެއް ނޫންތޯއެވެ. އޭނާ އެއްކަލަ ބުކިންގ ޑޮޓް ކޮމް ގައި ނުވަތަ ޓްރެވަލް އެޑްވައިޒަރ އެބްސައިޓްގައި ލިޔާ ކޮމެންޓަކީ އެތައް ސަތޭކަ ހާސް ބަޔަކު ކިޔާނެ ކޮމެންޓު ތަކަކަށް ވާއިރު، ހޮޓަލާއިމެދު އޭނާ ލިޔާ ކޮމެންޓަކީ ރަނގަޅު ކޮމެންޓަކަށް ވާނީ، ހޮޓަލުގައި އޭނާ ހުރި ދުވަސްވަރު އޭނާއަށް ހިތްހަމަޖެހޭ ފަދަ ޚިދުމަތެއް ދެވުނު ނަމައެވެ. އެފަދަ ޚިދުމަތެއް ދެވޭނީ އެކަމަށް މެނޭޖްމަންޓުން ތައްޔާރުވެ، އެކަމަށް މުވައްޒަފުން ތަމްރީނުކޮށްފައި ތިބިނަމައެވެ.

ކޮންމެ ވިޔަފާރިއަކީވެސް ޚިދުމަތް ދިނުން ކޮންމެވެސް ވަރަކަށް ހިމެނޭނެ ވިޔަފާރިއެއްކަމުން، ހޮޓެލް އިންޑަސްޓްރީ ނޫންކަމުގައި ވިޔަސް، ޢާންމުގޮތެއްގައި ޚިދުމަތްދޭ ކޮންމެ ވިޔަފާރިއަކީ، އެވިޔަފާރީގެ ވާދަވެރިންނަށްވުރެ ކުރީގައި ވިޔަފާރި ގެންގުޅުމަށްޓަކައި އެތަނަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަންޖެހޭ ވިޔަފާރިއެކެވެ.