ރާއްޖެ ކުޅިވަރު

ކޮންމެ ގައުމަކުން ވެސް ކުޅުންތެރިން ގެނެވޭ ގޮތަށް ވޮލީ ލީގްގެ ފޯރިގަދަކޮށްލައިފި

އަންނަ މަހު އެއް ވަނަ ދުވަހު ފަށާ ގައުމީ ވޮލީ ލީގާއި ގައުމީ ވޮލީ ޗެމްޕިއަންޝިޕްގައި އެއްފަހަރާ ބިދޭސީ ކުޅުންތެރިންނަށްވެސް ކުޅޭވޭގޮތަށް ވީއޭއެމްއިން އެ މުބާރާތަށް ބަދަލު ގެނެސްފިއެވެ.

ވޮލީ ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ގެނައުމުގައި މީގެ ކުރިން އޮންނަނީ ގެންނަ އެއް ކުޅުންތެރިޔަކީ ސެންޓަރަލް ޒޯންގެ ކުޅުންތެރިޔަކަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް އަންނަ މަހު ފެށުމަށް ހަަމޖެހިފައިވާ ގައުމީ ވޮލީ ލީގައި ގައުމީ ވޮލީ ޗެމްޕިއަންޝިޕްގައި ކުޅުންތެރިން ގެނައުމުގައި ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ކުޅުންތެރިން ގެނެވޭ ގޮތަށް ވީއޭއެމްއިން ވަނީ ބަދަލު ގެނެސްފައެވެ.

މީގެ އިތުރުން ބިދޭސީ ކުޅުންތެރިން ގެނައުމުގައި ކުރިން އޮންނަ ގޮތަށް، އެއް ކުޅުންތެރިޔަކީ ސެންޓަރަލް ޒޯންގެ ގައުމަކަށް ނިސްބަތްވާ ކުޅުންތެރިޔަކަށް ވުން ހިމެނޭ ޝަރުތު ކުރިއަށް މުބާރަތަށް ވީއޭއެމްއިން ވަނީ އުވާލާފައެވެ.

"މިހާރު ދުނިޔޭގެ ކޮންމެ ގައުމަކަށް ނިސްބަތްވާ ކުޅުންތެރިންނަށްވެސް ކުޅޭވޭނެ. ސެންޓަރަލް ޒޯނުން ގެންނަ ކުޅުންތެރިންގެ ފެންވަރު ދިވެހި ކުޅުންތެރިންނަށްވުރެވެސް ބައެއް ފަހަރު ދަށް. ދިވެހި ކުޅުންތެރިންނަށް ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންނާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބި ބިދޭސީ ކުޅުންތެރިން ކުރަ ސާވިސްތަކާއި އެޓޭކްތައް ބްލޮކްކޮށް ޑިފެންސްކޮށް އެ ކުޅުންތެރިންނާ ދެކޮޅަށް އެޓޭކް ކުރުމުގެ ފުރުސަތު ލިބުމަކީ ދިވެހި ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ވަރަށް މުހިންމު ކަމެއް" ވީއޭއެމްގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ކުރިއަށް ހުރި މުބާރާތްކަށް މިބަދަލަކީ ކިހާ ކާމިޔާބު ބަދަލެއްކަން އެނގިގެންދާނެ ކަމަށާއި، އެކަން ކާމިޔާބު ވެއްޖެނަމަ އެ ބަދަލު ގެންނާނެ ކަމަށެވެ. މިބަދަލު އަންހެން ޓީމުތަކަށާއި ފިރިހެން ޓީމުތަކަށްވެސް އަމަލު ކުރެވޭނެ ކަމަށް ވީއޭއެމް އިން ބުނެއެވެ.

ލަތީފު ވިދާޅުވީ އަންނަ އަހަރު ކަލަންޑަރުގައި ހަމައެކަނި ދިވެހި ކުޅުންތެރިންނަށް ކުޅެވޭ މުބާރާތެއް ހިމެނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.