އުމުުރުން 65 އަހަރުވުމުން ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލް އަނބުރާ ނަގަން ނިންމައިފި ކަމަށް އަޑުފެތުރިއްޖެ އެވެ.
އެމްޑީއޭގެ މެންބަރު ހޯރަފުށީ ދާއިރާގެ މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އެ ބިލް ނަގަން ނިންމާފައިވާ ކަމަށް އޭނާ ގާތް ބޭފުޅަކު ވެސް މިރޭ ވަނީ ވިދާޅުވެފަ ވެ. އެކަމަކު އިސްމާއިލް އެކަން ކަށަވަރެއް ނުކޮށްދެއްވަ އެވެ. އެނގިފައިވާ ގޮތުގައި މާދަމާގެ ޖަލްސާގައި އެކަން އިއުލާން ވެސް ކުރާނެ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ޗޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ޓުއަރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު މިރޭ ބޭއްވެވި ބައްދަލުވުމުގައި އެ ބިލް އަނބުރާ ނެގުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެ ބައްދަލުވުމުގައި އިންނެވި ބޭފުޅަކު "އަވަސް"އަށް ކަށަވަރު ކޮށްދެއްވި އެވެ.
ގާސިމް ވެސް އެ ބައްދަލުވުމަށް ފަހު މީޑިއާޔަށް ވިދާޅުވީ އެ ބައްދަލުވުމުގައި ސިޔާސީ ވާހަކަ އާއި ފައިސާގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ގާސިމަށް ދެއްވޭ ވަރެއް ނުވި އެވެ. ސަބަބަކަށް ވީ އެ ބައްދަލުވުމާ ދެކޮޅަށް އެމްޑީޕީގެ ސަޕޯޓަރުންތަކެއް އެތާ ބޭރަށް އެއްވެ، "ގާސިމް ގައުމު ވިއްކާލިއްޔޭ" ކިޔާ އަޑުގަދަ ކުރަން ފެށުމުންނެވެ.
އެ ބައްދަލުވުމަށް ފަހު އަދީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަމަށާއި އެތަނުގައި ދެކެވުނު ވާހަކަތައް ހާމަ ކުރެވެން ނެތް ކަމަށެވެ. އަދި ކަމަކާ މެދު އެއްބަސްވެވުނު ނަމަ އެކަން ވެސް ހާމަ ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ގާސިމް އެމްޑީޕީ އާ ގުޅިގެން ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ހަރަކާތްތަކެއް ފެށީ 65 އަހަރު ވެފައިވާ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ އިސްލާހު މަޖިލީހަށް ވެއްދުމުންނެވެ. ނަމަވެސް ސަރުކާރު ހިންގާ، ޕީޕީއެމް އިން ބުނެފައި ވަނީ އެ ޕާޓީ އިން އެ ބިލަށް ތާއީދު ކުރުމަށް ނުނިންމާ ކަމަށާއި އެކަމަށް އަދި މަޝްވަރާ ވެސް ނުކުރާ ކަމަށެވެ.
މިރޭގެ ބައްދަލުވުމާ ގުޅޭ ގޮތުން ޖޭޕީ އިން ބުނީ، އެ ބައްދަލުވުމުގެ ވާހަކަ ގާސިމް ވަނީ ޖޭޕީ-އެމްޑީޕީގެ ޖޮއިންޓް ޕީޖީ ކޮމިޓީއާ ހިއްސާ ކުރައްވާފައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.