މަޖީދީމަގު މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ މަގު މަރާމާތުކުރަން މިހާރު ކޮންނަމުންދާ ސަރަހައްދުގައި އަލިފާން ނިއްވުމަށް ބޭނުންވާ ފެން ނަގައިދޭ ފަޔާ ހައިޑްރަންޓް ސިސްޓަމެއް ގާއިމްކޮށްފި އެވެ.
މަޖީދި މަގު މަރާމާތުކުރުމުގެ މަޝްރޫއާއެކު އެމްއެމްޑީއެފާއި، އެމްޑަބްލިޔުއެސްސީގެ އިތުރުން އެމްއާރްޑީސީ ގުޅިގެން ފަށާފައިވާ އެ މަޝްރޫއުގެ ދަށުން މަޖީމަގުގެ 12 ސަރަހައްދެއްގައި ފަޔާ ހައިޑްރަންޓް ސިސްޓަމް ގާއިމްކުރާނެ އެވެ. އެ މަސައްކަތަކީ ވެސް މަގުގެ އަޑީގައި ހޮޅި ވަޅުލައިގެން ފުރިހަމަ ކުރެވޭ މަސައްކަތަކަށް ވުމުން ހައިޑްރަންޓްތައް ހަރުކުރަމުން ދާނީ މަގު މަރާމާތު ކުރަމުންދާ 12 ފޭސްގެ ތެރޭގައި ހިމަނައިގެނެވެ.
މިއަދު ބެހެއްޓި ފުރަތަމަ ހައިޑްރަންޓް ސިސްޓަމް ގާއިމްކޮށްފައިވަނީ އެ މަގުގެ މަސައްކަތް މިހާރު ކުރިއަށްދާ ސަރަހައްދުން މާފަންނު މަދަރުސާގެ ބޭރުގަ އެވެ.
ފަޔާ ހައިޑްރަންޓް ބެހެއްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ފަޔާ ހައިޑްރަންޓް ސިސްޓަމްތައް ބެހެއްޓުމުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގުމުން އަލިފާން ނިއްވުމަށް ސިފައިންނަށް މީގެ ކުރިން މަސައްކަތް ފެށޭ ސްޕީޑް ދެ ގުނައަށް އިތުރުވެގެންދާނެ ކަމަށެވެ.
"މިހާރު ހާދިސާއެއް ހިނގުމުން ފުރަތަމަ މި ޖެހެނީ މޫދަށް ހޮޅި ގުޅަން. ފެން ޖެހެން ފެށޭ އިރުވެސް މި އޮންނަނީ ލަސްތަކެއް ވެފަ. އެހެންވީމަ ހާދިސާގެ ސައިޓަށް ކުރިއަށްވުރެ ދެގުނަ އަވަހަށް އެޓެންޑް ކުރެވޭނެ މި ހައިޑްރަންޓް ތަކުގެ ސަބަބުން،" މިނިސްޓަރު ވިދާޅުވި އެވެ.
އެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ސިސްޓަމް ޑިޒައިންކޮށް އެކުލަވާލުމުގައި އެމްޑަބްލިޔުއެސްސީއާ އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ސާވިސްއާއި އެމްއާރްޑީސީ އަދި ސަރުކާރުގެ އެހެނިހެން ވެސް ބައެއް މުއައްސަސާތަކުން ވަނީ ގުޅިގެން މަސައްކަތް ކޮށްފަ އެވެ. އެ މްޝްރޫއަކީ ސަރުކާރުން ހަރަދު ކުރާ މަޝްރޫއެކެވެ.