ރާއްޖެ ކުޅިވަރު

ޓީސީއިން ދެ ވަނައިގައި ފަރަގު ބޮޑުކޮށްފި

ދިވެހި ޕްރިމިއާ ލިގް ޗެމްޕިއަން މާޒިޔާގެ މައްޗަށް 4-3 ގެ ނަތީޖާއަކުން ކުރި ހޯދައި ލީގް ތާވަލުގެ ދެ ވަނައިގައި ޓީސީ ސްޕޯޓްސް ކުލަބުން ފަރަގު ބޮޑުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ޓީސީ މޮޅުވުމުން އެޓީމަށް ވަނީ ދެ ވަނައިގައި 39 ޕޮއިންޓާއެކު ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފައެވެ.

ތިން ވަނައިގައި އޮތީ 35 ޕޮއިންޓާއެކު އޮތް އީގަލްސްއެވެ. އީގަލްސް މިރޭ ވެލެންސިއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެޓީމަށް ޓީސީއާ ފަރަގު ކުޑަ ކުރެވޭނެއެވެ.

މިއަދުގެ މެޗްގައި މަޒިޔާގެ ލަނޑުތައް ކާމިޔާބު ކުރީ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި މުހައްމަދު އުމައިރުގެ އިތުރުން އަހްމަދު އިމާޒު (އާއްކޮ) އެވެ.

ޓީސީގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކޮށްދިނީ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. އަދި ޓީސީގެ އަނެއް ލަނޑަކީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށްފަހު ސީނިއާ ޓީމާއެކު އަލުން ކުޅެން ނިކުތް ނާއިޒު ހަސަން (ދާދު) ކާމިޔާބު ކުރި ލަނޑެކެވެ. ޓީސީ މޮޅުވި ލަނޑަކީ މާޒިޔާގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.