ރިޕޯޓް

"ހައުސް އޮފް ކާޑްސް" އާއި ދިވެހިންގެ ސިޔާސީ ދުނިޔެ

ރާއްޖޭގައި އޮންނަނީ "ދީނީ ކާޑްސް" އެވެ. ސިޔާސީ މައިދާނުގައި ވެސް އަދި އިޖުތިމާއީ ފެންޑާގައި ވެސް މި ނޫން ކާޑެއް ކުޅޭތަނެއް ނުފެނެ އެވެ. އަދި އެނގިވަޑައިގަންނަވާތޯ އެވެ؟ "ދީނީ ކާޑު ގޭމޭ" ކިޔާ ކުޑަކުދިންނަށް ހާއްސަ ގޭމެއް ވެސް މި މާލޭގައި ތުއްތުކުދިންނާއި ބެލެނިވެރިންގެ މެދުގައި ނިކަން ބޮޑު މަގްބޫލުކަމެއް ހޯދާފައި އެބައޮތެވެ.

ކަން މިހެން އޮތްއިރު، ބޮޑުވެގެން އަންނަ ޖީލުން "ދީނީ ކާޑްސް" ކުޅުނީމަ އެކަމާ ހަމަ އެއްގޮތަކަށް ވެސް ހައިރާންވާކަށް ނުޖެހެ އެވެ.

އެހެންވީމަ މިހާ ހިސާބުން، ނެޓްފްލިކްސްގެ މަޝްހޫރު ޑްރާމާ "ހައުސް އޮފް ކާޑްސް" އަށް ޖެހިލަމާ ހިނގާށެވެ. މިއީ މި ރާއްޖޭގައި ވެސް ނިކަން މަޝްހޫރު އަދި އެހާމެ ފޯރިގަދަ ޑްރާމާއެކެވެ. ގައުމުގެ ބައެއް ސިޔާސީ ވެރިން މި ޑްރާމާގެ ލީޑް ކެރެކްޓާ ފްރޭންކް އަންޑަވުޑް ހެދިގެން އުޅުއްވާ ކަމަށް ވެސް ބުނެވެ އެވެ.

ކޮންމެއަކަސް ގިނަ ދިވެހިންނަކީ މި ޑްރާމާގެ ފޭނުންނޭ ބުނެވިދާނެ އެވެ. އަދި ޑިމޮކްރަސީއަށް މި ކުޑަކުޑަ ގައުމު ފައްކާވަމުން އަންނައިރު މިއީ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ސިޔާސީ ބޭފުޅުންނަށް ނިކަން ރީތި ސިޔާސީ ފިލާވަޅުތަކެއް ވެސް ނަގައިދޭ ޝޯއެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.

ދެން މި އަންނަނީ އެ 10 ވާހަކަ އެވެ. މީގައި ސްޕޮއިލާ ހިމެނޭ ކަމުގެ އިންޒާރު ދެމެވެ.

އާއެކެވެ. މި ހޮވުންތައް ހޮވާލާފައި މި ވަނީ މި ދުވަސްކޮޅު އަދި އާންމުކޮށް ރާއްޖޭގެ ސިޔާސީ މަސްރަހް އޮންނަ ގޮތަށް ބަލައިގެން އެއާ ގުޅުވައިގެންނެވެ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި އަރައިގަނެގެން މި އުޅޭ ސިޔާސީ ފޯރިގަނޑުގެ ތެރެއިން ބަޔަކު މީހުން އިހަކަށް ދުވަހު އެންމެ ބޮޑަށް ކެކިއަރައިގެން ދިޔައީ "ގައުމުގެ ދާޚިލީ ކަންކަމާ ނުބެހުމަށް" ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ގޮވާލެއްވުމުންނެވެ.

އެކަމަނާ މިހެން ވިދާޅުވެ ސަރަހައްދުގެ ބާރުތަކަށާއި ދުނިޔޭގެ ބާރުތަކަށް ފާޑުވިދާޅުވެފައި ވަނީ އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އަމާޒުވެފައިވާ ޚާރިޖީ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

އެމްޑީޕީ އާއި ބޭރުގެ ތަޖުރިބާކާރުން ވެސް ބުނަނީ މިއީ "ނުބައި ނުވަތަ ބޮލެއް ނެތް ޚާރިޖީ ސިޔާސަތެއް" ކަމަށެވެ. "ހައުސް އޮފް ކާޑްސް" ގެ ސީޒަން ތިނެއްގައި ވެސް ބުނަނީ މިހެންނެވެ.

ބައިނަލްއަގުވާމީ މުޖުތަމައާ ހިތުހުރި ގޮތަކަށް މުއާމަލާތު ނުކުރާށޭ އެވެ. އެންމެ ބާރުގަދަ ގައުމުގެ ގޮތުގައި އޮވެ، އެމެރިކާ ވެސް ކަންކަން ނިންމައި މައްސަލަތައް ހައްލުކުރުމަށް ދުނިޔޭގެ އެހީ އަށް އެދޭ ކަމެވެ.

މި ވާހަކަ ވެސް "ހައުސް އޮފް ކާޑްސް" ގެ ސީޒަން ތިނެއްގައި ގެނެސްދީފައިވާ ގޮތް ވަރަށް ސަޅި އެވެ. މި ސީޒަނުގައި ފެނިގެން ދަނީ ފްރޭންކް އަންޑަވުޑް އެމެރިކާގެ ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެން، ދައުރު ނިމެން އަންނައިރު ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކުރެއްވުމަށް ކުޅުއްވާ ރާޒުވާގެ ކުޅިބައެވެ.

ގާނޫނު ހަދާ މަޖިލީހުގައި އޮންނަނީ އިދިކޮޅު ޕާޓީގެ ބާރެވެ. އެމީހުންނާއި ސަރުކާރުގެ ޕާޓީގެ އިސްވެރިންނާ ގުޅިގެން އަންޑަވުޑަށް ހައްދަވަނީ ހަމަ ހިތަށް އެރި ގޮތެކެވެ. ނަމަވެސް މި ސިޔާސީ ވާދަވެރިކަން ޒާތީ ހަސަދަގަނޑަކަށް ބައެއް ހާލަތްތަކުގައި ބަދަލުވެގެންދިޔަޔަސް ސިޔާސީ ވާދަވެރިން، އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީ ގައުމު ހަލަބޮލިކޮށްލައިގެން އުޅޭ މަންޒަރެއް ނުފެނެ އެވެ.

ސަރުކާރު ދެމިއޮތުމުގެ ފުރުސަތު ރައީސަށް ދެ އެވެ. އަދި އިދިކޮޅު މީހުންނަށް ވެސް ފުރިހަމަ އިހްތިޔާރާއި ބާރު އޮވެ އެވެ. ފަހަރެއްގައި މިއީ ފައްކާވެފައިވާ ޑިމޮކްރަސީއެއްގެ ސިފަ އެވެ.

އެހެންވެ، އޭގައި އެންމެން ވެސް އުޅެނީ ވޯޓުން، ވާދަވެރިޔާ ބަލިކުރާށެވެ. ގަޔަށް ފަޔަށް އަރައިގަނެގެން އުޅޭ ބަޔަކު ނެތެވެ.

ފްރޭންކް އަންޑަވުޑް ވެސް ތައްޔާރުވަމުން ގެންދަނީ އެންމެނާ އިދިކޮޅަށް ވެސް ރިއާސީ އިންތިޚާބަށެވެ. ދެން ތިބި ފަރާތްތަކުން ވެސް ހިފަނީ ވޯޓަށެވެ.

އޭގެ އެންމެ ފުރިހަމަ މިސާލަކީ ފްރޭންކް އަންޑަވުޑެވެ. ނުވަތަ ބުނަންވީ އަޅުގަނޑުމެންގެ ކުރީގެ ރައީސް މުހައްމަދު ވަހީދު ހުސެއިން މަނިކޭތޯ އެވެ؟ އަދި މިހާރުގެ ސިޔާސީ މައިދާނުގައި އަޑުގަދަކޮށްލައިގެން އުޅޭ ފަރާތްތަކުން ބުނާ ގޮތުން މިއަދުގެ ރައީސް އަބްދުﷲ ޔާމީނަކީ ވެސް ފްރޭންކް އަންޑަވުޑް ކަހަލަ ބޭފުޅެކެވެ.

އެކަމަކު އަންޑަވުޑްގެ ވާހަކަ ބޮޑަށް ގުޅެނީ ރައީސް ވަހީދާ އެވެ. އަންޑަވުޑް ވެސް ރައީސް ކަމަށް ވަޑައިގަތީ ރައީސްކަމުގައި ހުންނެވި ބޭފުޅާ އަށް މަޖުބޫރީ ހާލަތެއް މެދުވެރިވެގެން އިސްތިއުފާ ދެއްވުމުންނެވެ. ނާއިބު ރައީސެއްގެ ގޮތުގައި ހުންނެވުމަށް ފަހު ވަހީދު ވެސް ފަހުން ހަމަ މި ގޮތަށް ރައީސްކަމުގެ ހުވާ ކުރެއްވީ އެވެ.

އެހެންވީމަ ރައްޔިތުންގެ މެދުގައި މާ ބޮޑު މަގްބޫލުކަމެއް ނެތް ބޭފުޅަކު ވެސް ރައީސް ކަމަށް ވަޑައިގެންފާނެ އެވެ. އަދި ރައީސްގެ މަގާމުގައި ހުންނަވާފާނެ އެވެ.

ސީޒަން ތިނެއް ކުރިއަށްދާއިރު ފްރޭންޑް އަންޑަވުޑަކަށް ވެސް ހަމަ އެއްވެސް ތާއީދެއް ނެތެވެ.

މި ޑްރާމާގައި ލީޑް ރޯލު ކުޅޭ އަންޑަވުޑްގެ ކެރެކްޓާ އަކީ ސިޔާސީ ފޮތުގެ ހުރިހާ އުކުޅުތަކެއް ދަސްކުރައްވާފައިވާ ތަޖުރިބާކާރެކެވެ. މޮޅު ވާހަކައެއް ދައްކާލައްވައިގެން މަޖިލީހުގެ އިދިކޮޅު ޕާޓީގެ މެމްބަރެއް ނުވަތަ ފަނޑިޔާރެއްގެ ބޮލަށް "މޮހަރު" ޖެއްސެވުމަކީ ވެސް އެ ބޭފުޅާ އަށް އެއްވެސް ކަމެއް ނޫނެވެ.

އެހެންވީމަ ސިޔާސީ ވާހަކަ ދައްކަން އެނގިއްޖެ ނަމަ ކޮންމެ މީހަކު ވެސް ގަނެލެވިދާނެ އެވެ. ރާއްޖޭގައި އެންމެ ގިނައިން ސިޔާސީ ވިޔަފާރި ކުރައްވަނީ މަޝްހޫރު މަހުޖަނެކޭ ބުނެވެ އެވެ. އެ ބޭފުޅާގެ ބޮލުގައި ހުންނަނީ ބުރުމާއެއްގެ ތޫނު ކައްޓެކޭ މީހުން ބުނާ އަޑު އިވެ އެވެ. ނަމަވެސް އަބަދުވެސް ތޮރުފިގެންދާ މަންޒަރު ފެންނަނީ އެ ބޭފުޅާގެ ބޮލެވެ.

ފަހަރެއްގައި ދުންޔާގެ ޚާރިޖީ ހަމަލާތަކެއް ރާއްޖޭގެ އެކުވެރި ގައުމުތަކަކަށް އަމާޒުކުރެއްވީ ޖަޒުބާތާއި ސިޔާސަތު އޮޅިވަޑައިގަތުމުން ކަމަށް ވެސް ވެދާނެ އެވެ.

މި ޑްރާމާގައި އަންޑަވުޑްގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ އަކީ ވެސް ދުންޔާ އަދާކުރައްވާ ވަޒީފާގެ ދާއިރާއިން ފެނިވަޑައިގަންނަވާ މޫނެކެވެ. ފަސްޓްލޭޑީ އަކީ އދ. ގައި އެމެރިކާ ތަމްސީލުކުރާ އެންމެ އިސް ޑިޕްލޮމޭޓެވެ.

އެކަމަނާގެ އެންމެ ބޮޑު މަސައްކަތަކަށް ވެފައި އޮންނަނީ އެމެރިކާ އާއި ރަޝިއާގެ ގުޅުން ބަދަހިކުރުމުގެ އުނދަގޫ ކެމްޕޭނެވެ. މިހެން އުޅެނިކޮށް ރަޝިއާ އިން އެމެރިކާގެ ރައްޔިތަކު ހައްޔަރުކޮށް އޭނާގެ ހައްގުތަކަށް އަރައިގަންނަނީ އެވެ. އެންމެފަހުން އެތައް ދުވަހެއްގެ ވާހަކަތަކަކަށް ފަހު އެ މީހާ ދޫކޮށްލަން ރަޝިއާ އިން އެއްބަސްވެ އަންޑަވުޑާއި ފަސްޓްލޭޑީ އޭނާ ބަލައި ރަޝިއާ އަށް ވަޑައިގެން އުޅުއްވަނިކޮށް އޭނާ އަމިއްލަ އަށް ދަންޖެހިގެން މަރުވަނީ އެވެ.

އެހިސާބުން އެމެރިކާގެ ފަސްޓްލޭޑީ ޖަޒުބާތުގައި ޖެހިވަޑައިގެން ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަޝިއާގެ ރައީސާ ދިމާލަށް ހެއްދެވި ނެހެއްދެވި އަށް ގޮވާލައްވާފައި ވަޑައިގަންނަވަނީ އެވެ.

ޖަޒުބާތާއި ސިޔާސަތު ބައްދަލުވުމުން އޭގެ ނަތީޖާ ނުކުންނަ ގޮތަކީ މިއީ އެވެ. ސިޔާސީވެގެން ގޮސް ޖަޒުބާތުގައި ޖެހޭ ކަމަށް ރާއްޖޭގައި އެންމެ މަޝްހޫރީ ފުލުހުންނެވެ. ބައެއް މީހުން އަދިވެސް އެ ބުނަނީ ޖަޒުބާތުގައި ޖެހިގެން ފުލުހުން ނުކުމެ ވެރިކަމެއް ވެސް ވައްޓާލި ކަމަށެވެ.

އަނެއްކާވެސް މިސާލަކީ ފްރޭންކް އަންޑަވުޑެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ބުނާ ގޮތުން އެ ބޭފުޅާ އަކީ ވެސް ނިކަން ހިތްވަރުގަދަ ލީޑަރެކެވެ. އެހެން ބުނީމަ އެ ބޭފުޅާ އަބަދުމެ ވިދާޅުވާ ވާހަކައެއް ވެސް ހަނދާނަށް އަތުވެއްޖެ އެވެ. އެއީ "ވެއްޓިވަޑައިގަތީމަ އެއަށް ވުރެ އަވަހަށް ތެދުވެ ވަޑައިގަންނަވާ" ކަމަށް ވިދާޅުވާ ވާހަކަ އެވެ.

"ހައުސް އޮފް ކާޑްސް" ގައި އަންޑަވުޑަކީ ހަގީގަތުގައި އެއްވެސް ބައެއްގެ ތާއީދެއް އޮތް ލީޑަރެއް ނޫނެވެ. ނަމަވެސް ޕޮލިޓިކްސްގެ ކުޅިގަނޑުގައި ސައިވިޔަސް ދޫދެއްވާ ބޭފުޅެއް ނޫނެވެ. އެއަށް ވުރެ ދެރަށްކޮށް ދެން ހުންނަ ލީޑަރު ބަލިކުރައްވާ ފަރާތެކެވެ.

އަމިއްލަ ޕާޓީ އޭނާއާ ދެކޮޅަށް ނުކުތީމަ ވެސް ހިތްވަރު ދޫކޮށެއް ނުލައްވަ އެވެ.

"ހައުސް އޮފް ކާޑްސް" ގެ މި ސީޒަނުގައި އެމެރިކާ އަށް ތޫފާނެއްގެ ބިރުވެރިކަން ކުރިމަތިވެ އެވެ. މިއީ ސިޔާސީ ގޮތުން ފްރޭންކް އަންޑަވުޑް އެންމެ ބޮޑަށް ނިކަމެތިކޮށްލާ ދަނޑިވަޅެވެ. ސަބަބަކީ މި ކާރިސާއާ ގުޅިގެން ކުރިމަތިވެ ވަޑައިގަންނަވާ ސިޔާސީ ފިއްތުންތަކެވެ.

މިފަހުން މާލެ އަށް ދިމާވި ފެނުގެ ކާރިސާ ވެސް މިސާލަކަށް ނެގިދާނެ އެވެ. މައުސޫމް އިބްތިހާލުގެ މަރުގެ ވާހަކަ ވެސް ސިޔާސީކޮށްލެވިދާނެ އެވެ. އަދި މީގެ 10 އަހަރު ކުރިން އެރި ސުނާމީއެއްގެ ވާހަކަ ވެސް، އަދިވެސް އެއޮތީ ސިޔާސީވެފައެއް ނޫން ހެއްޔެވެ؟

ނުވަތަ އެންމެ ބޮޑަށް ފުނޑިގެންދާ މީހާ އަށް ވެސް އެ މީހަކު ވެދާނެ އެވެ. މި ސީރީޒް އިން މިސާލެއް ނަގާ ނަމަ އަންޑަވުޑްގެ ކުރީގެ ޗީފް އޮފް ސްޓާފް ޑަގް ސްޓެމްޕާ ނެގިދާ އެވެ.

މި ސީޒަންގެ ބޮޑު ބައެއްގައި އޭނާ ފެނިގެން ދަނީ ނިކަން ބޮޑަށް ސިޔާސީ މައިދާނުން އެކަހެރިކޮށްފައިވާ މަންޒަރެވެ. ފަހަރެއްގައި އޭނާގެ ސިއްހަތު ތަން ނުދޭތީ އެވެ. ނަމަވެސް އެކަން ނޭނގި ހުއްޓައި ސްޓެމްޕާގެ މައްސަލަ ގޯހުން ގޯހަށް ދަނީ އެވެ.

އެކަމަކު އެންމެފަހުން، ފެންނަ ފެނުމަށް ބަލާއިރު ފްރޭންޑް އަންޑަވުޑް އަލުން ސަލާމަތްކޮށްދެވޭ ފެންވަރުގައި ވެސް ހުންނަނީ، ބާކީކޮށްލާފައި ހުންނަ ސްޓެމްޕާ އެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި އެކަހެރިކޮށްލި ފަރާތްތައް ހަމަ ފުނޑިގެން ދިޔައީ އެވެ. ތަންކޮޅެއް ފަހުގެ ލީޑަރުންތަކެއްގެ ނަން ފާހަގަކުރާ ނަމަ އަލްހާން ފަހުމީ އެވެ. ޑރ. އަދި މިފަހުން ޕީޕީއެމުން ބޭރުކޮށްލި އަހުމަދު މަހްލޫފެވެ.

ސިޔާސީ ވެރިން އިތުރު އެތައް ކާޑެއް ކުޅުއްވަ އެވެ. "ހައުސް އޮފް ކާޑްސް" ގައި ފްރޭންކް އަންޑަވުޑް ދީނީ ކާޑުން ފެށިގެން ގޮސް އެންމެ ޑާޓީ ޕޮލިޓިކްސް ވެސް ކުޅުއްވަ އެވެ. މީހުންނަށް ބިރު ދައްކައި މީހުން މަރާލާފައިވެސް އެބަހުއްޓެވެ. ކަމެއްގައި ފްރޭމް ވެސް ކުރެވިދާނެ އެވެ.

އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުން މަޝްހޫރީ ގައުމަށް އިހްލާސްތެރި ބަޔަކަށް ވުރެ ބޮޑަށް ޒާތީ ތައައްސުބުން ފުރިފައިވާ ބައެއްގެ ގޮތުގަ އެވެ. ސެލްފީ ނަގައި ޓްވިޓާގެ ހޮޅުއަށީގައި މަސްކައި ދެބައޮޑުވާ ބައެއްގެ ގޮތުގަ އެވެ.

އެ ބޭފުޅުންގެ މި ސިފަ މިހާ ވަރަށް މި ފެންނަނީ ސިޔާސީ ބޭފުޅަކަށްވެގެން ޕްރޮފެޝަނަލް ވާން ޖެހޭ މިންވަރަށް އެކަންތައް ނުގެންދެވޭތީ އެވެ.

ސިޔާސީ މީހާ އަކީ ނުލަފާ މީހެކެވެ. ސިޔާސީ އަކީ ހުތުރު އެއްޗެކެވެ. އެކަމަކު އޭތި ކުޅެން އެނގިއްޖެ ނަމަ އިހްތިރާމާއި ލޯބި ހޯދަން ވެސް ހަމަ އެހާމެ ފަސޭހަ އެވެ.