ހަބަރު

ޕީޕީއެމްގެ އާ އޮފީހެއް ހުޅުވައި، ކައުންސިލް އިންތިހާބަށް ތައްޔާރުވަނީ

ރައީސް އަބްދުﷲ ޔާމީންއަށް ތާއީދު ކުރާ ޕީޕީއެމްގެ މެންބަރުން މަސައްކަތް ކުރެއްވުމަށް އެ ޕާޓީގެ އާ އޮފީހެއް ހުޅުވައި ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ އިދާރީ މަސައްކަތްތައް އެތަނުގައި ފެށުމަށް ޕީޕީއެމްގެ ކައުންސިލުން ނިންމައިފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ނިންމާލުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ މެންބަރުން ލޯކަލް ކައުންސިލް އިންތިހާބަށް ފޯމު ހުށަހަޅާނެ އޮފީހަކާއި މެދު މަޝްވަރާ ކުރެވުނު ކަމަށެވެ.

ނަމަވެސް ރައީސް މައުމޫން ސިވިލް ކޯޓުގެ ހުކުމް ގަބޫލުނުކުރައްވައި އިސްތިއުނާފަށް ވަޑައިގަތުމަށް ނިންމަވާފައިވާތީ، އަދި ޝަރުއީ މަރުހަލާތައް ކުރިއަށް އޮތުމުން ރައީސް ޔާމީން ޕާޓީއާ ހަވާލުވެގެން ހިންގަވާއިރު ޕީޕީއެމްގެ މިހާރުގެ އޮފީސް ހ. ތެމާގައި މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.

އެހެންކަމުން ޕީޕީއެމްގެ އާ އޮފީހެއް މާދަމާ އިއުލާން ކުރައްވާނެ ކަމަށާއި ކައުންސިލް އިންތިހާބާ ގުޅޭ ހުރިހާ އިދާރީ މަސައްކަތްތައް އެތަނުގައި ކުރަން ނިންމާފައިވާ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.

"މި ހުރިހާ ދުވަހު ޕީޕީއެމް އޮފީހޭ ބުނީމަ ފެންނާނީ ހ. ތެމާ އެތަނުގައި މަސައްކަތް ކުރަން ނުފެށި ކަމަށްވިޔަސް ޕާޓީގެ މެންބަރުން ފޯމު ހުށަހަޅަން ޖެހޭ އޮފީހެއް މާދަމާ މެންދުރު ފަހު އިއުލާން ކުރާނަން، މާލެއަށް އަރާ ކޮންމެ ބޭފުޅަކަށް އެނގޭ ތަނެއްގައި އެ އޮފީސް ހުންނާނީ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އަބްދުއް ރަހީމް އިތުރަށް ވިދާޅުވީ ގޮތުގައި ޕާޓީ ދެބައިވެފައިވާއިރު ޕީޕީއެމް ތެރޭގައި ފެކްޝަނެއް އުފެދިފައިވާ ކަމަކީ ގަބޫލު ކުރަން ޖެހޭ ހަގީގަތް ކަމަށާއި ނަމަވެސް "އަސްލު" ޕީޕީއެމްއަކީ ރައީސް ޔާމީންއަށް ތާއީދު ކުރައްވާ ފަރާތްތައް ކަމަށެވެ.

ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ޕާޓީ ހިންގުމަށް ސިވިލް ކޯޓުން މިއަދު އަމުރު ކުރި އިރު މުސްތަޝާރު ޕާޓީ ހިންގަވާނީ ޕީޕީއެމްގެ ގައުމީ މަޖިލީހެއް ބޭއްވެންދެއް ކަމަށްވެސް އަބްދުއް ރަހީމް ވިދާޅުވި އެވެ.