ހަބަރު

އަމިއްލަ ހުތުބާއެއް ކިޔައިގެން އިލްޔާސްގެ ދަރުސް ދިނުމުގެ ހުއްދަ ބާތިލްކޮށްފި

ޝެއިހް އިލްޔާސް ހުސައިން އަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ، އިސްލާމިކް މިނިސްޓްރީން ބާތިލްކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓާ އަހްމަދު އަހްސަން މިއަދު "އަވަސް" އަށް ވިދާޅުވީ ޝެއިހް އިލްޔާސްގެ ހުއްދަ ބާތިލްކުރީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނު ހިލާފް ވެފައިވާތީ ކަމަށެވެ. އަހުސަން ވިދާޅުވީ ޝެއިހް އިލްޔާސްވަނީ މިދިޔަ ހުކުރު ދުވަހު އައްޑޫ ސިޓީގެ ފޭދޫގައި އިމާމުވެ ކުރި ހުކުރު ނަމާދުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ހުތުބާ ނޫން އެހެން ހުތުބާއެއް ކިޔާފައި ކަމަށެވެ. އަދި އިލްޔާސް އެކަން ކުރެއްވީ މިނިސްޓްރީގެ ހުއްދަ ނުނަގާ ކަމަަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ އުސޫލުގައި އޮންނަ ގޮތުން މިނިސްޓްރީގެ ހުއްދަ ނުހޯދާ އަމިއްލަ ހުތުބާއެއް ނުކިޔޭނެ އެވެ.ޝެއިހް އިލްޔާސްގެ ހުއްދަ ރަސްމީކޮށް ބާތިލްކޮށްފައިވަނީ އިއްޔެ ކަމަށް އަހުސަން ވިދާޅުވި އެވެ.

ޝެއިހް އިލްޔާސް ކީ ހުތުބާގައި އޭނާ ވިދާޅުވީ، މިހާރު ފެނިގެންދަނީ ގައުމުގެ އިސްވެރިންގެ މެދުގައި ބޮޑެތި ހިޔާނާތާއި މަކަރާއި ހީލަތް ހަދާ މަންޒަރު ކަމަށާއި މިފަދަ ކަންކަމަކީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އަދި މާތް ﷲ ކަނޑައަޅާފައިވާ ހުކުމްފުޅުތަކަށް ފާޅުގައި ދެކޮޅު ހަދާނަމަ އެކަމަކީ ބޮޑެތި މުސީބާތްތައް ކުރިމަތިވާނެ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. ޝެއިހް އިލްޔާސް އަކީ މި ސަރުކާރުގެ ކުރީކޮޅުގައި ސަރުކާރަށް ވަރަށް ބޮޑަށް ވާގިވެރިވެފައިވާ ފަރާތެކެވެ.