ހަބަރު

އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ، ޝަރީއަތް މިއަދު

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، މިއަދު ޝަރީއަތް ފެށުމަށް ތާވަލްކޮށްފި އެވެ. އަލީ ވަހީދަށް ދައުވާކޮށްފައިވަނީ މިދިޔަ އަހަރުގެ މޭޑޭގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

ކުރިމިނަލް ކޯޓުގެ މިއަދުގެ ޝެޑިއުލްގައި އަލީ ވަހީދުގެ މައްސަލަ ތާވަލްކޮށްފައިވާއިރު އަލީ ވަހީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. މިދިޔަ އަހަރުން ފެށިގެން އަލީ ވަހީދު އުޅުއްވަނީ އިނގިރޭސިވިލާތުގައި އެ ގައުމުގެ ހިމާޔަތް ހޯދައިގެންނެވެ.

އަލީ ވަހީދު ރާއްޖޭގައި ނެތުމުން މިއަދު މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނުބެލެ އެވެ.

މޭޑޭގައި އިދިކޮޅުން ކުރި މުޒާހަރާއާ ގުޅިގެން މީގެކުރިން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

އެނގިފައިވާ ގޮތުގައި އަލީ ވަހީދަށް ޓެރަރިޒަމްގެ ދައުވާކުރަނީ، މޭޑޭގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިން ކަމަށް ބުނެ އެވެ. އެ ދައުވާ ކޯޓަށް ވެއްދިތާ މިހާރު ވަނީ މަހެއްހާ ދުވަސްވެފަ އެވެ.