ހަބަރު

މައުމޫންގެ ކައުންސިލުން ނިންމި ކަންކަން އީސީއާ ހިއްސާކޮށްފި

ސިވިލް ކޯޓުން ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާފައިވަނިކޮށް އިއްޔެ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރިޔާސަތުގައި ބޭއްވެވި ކައުންސިލް ބައްދަލުވުމުގައި ނިންމެވި ކަންކަން އިލެކްޝަން ކޮމިޝަނަށް ސިޓީއަކުން އަންގައިފި އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސްއަށް ޕީޕީއެމްގެ އޮފީހުން މިއަދު ހަތަރު ސިޓީއެއް ފޮނުވާފައިވެ އެވެ. ފުރަތަމަ ސިޓީގައި ވަނީ، އިއްޔެ ބޭއްވި ކައުންސިލްގެ އަގުލަބިއްޔަތުން ޕީޕީއެމްގެ ސެކެރެޓްރީ ޖެނަރަލެއް ކައުންސިލްގެ އަގުލަބިއްޔަތުން ކަނޑައަޅާފައިވާކަން އަންގާފަ އެވެ. އެ ކައުންސިލް ބައްދަލުވުމުން ޕާޓީގެ އެސްޖީއަކަށް ކަނޑައަޅާފައިވަނީ ކުރީގައި ޑެޕިއުޓީ އެސްޖީގެ މަގާމުގައި ހުންނެވި އަބްދުލް އަލީމެވެ.

އަލީމް އެސްޖީއަކަށް މައުމޫން ފެކްޝަނުން އައްޔަންކޮށްފައިވާއިރު ރައީސް އަބްދުﷲ ޔާމީން ބޭއްވެވި ކައުންސިލް ބައްދަލުވުމުގައި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލަށް ވަނީ އެސްޖީގެ މަގާމު ދީފަ އެވެ.

އިލެކްޝަނަށް ފޮނުވި ދެވަނަ ސިޓީގައި ވަނީ ޕާޓީގެ ރައީސް ކައުންސިލަށް އައްޔަންކުރާ ތިން މެންބަރުންގެ ތެރެއިން، ދެ މެންބަރަކު ވަކިކޮށްފައިވާކަން އަންގާފަ އެވެ. އެއީ އަބްދުލް ރަހީމް އަބްދުﷲ އާއި ޒާހިދު ރަމީޒެވެ. އަބްދުލް ރަހީމް ނައިބު ރައީސް ކަމަށް ހޮވާފައިވަނީ ކައުންސިލުން ކަމަށްވާތީ ކައުންސިލް މެންބަރުކަން ގެއްލުމުން ނައިބު ރައީސްގެ މަގާމު ހުސްވެފައިވާކަން ވެސް ވަނީ އެ ސިޓީގައި އަންގާފަ އެވެ.

އެ ދެ މެންބަރުން ވަކިކުރުމަށް އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުން ރުހުން ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ތިންވަނަ ސިޓީގައި އަންގާފައިވަނީ، ހުސްވެފައިވާ ކައުންސިލްގެ ދެ މަގާމަށް މެންބަރުން އައްޔަންކޮށްފައިވާ ކަމެވެ. އެއީ އުމަރު ނަސީރާއި އަހުމަދު ސޮފްވާން އެވެ. އެ ދެ މެންބަރުންނަށް އިއްޔެ ކައުންސިލުން ރުހުންދީފައިވާ ކަމަށް ވެސް ސިޓީގައިވެ އެވެ.

ފަހު ސިޓީގައި ބުނެފައިވަނީ، ރޭ ދަރުބާރުގޭގައި ބޭއްވި ކައުންސިލް ބައްދަލުވުމަކީ ސައްހަ ބައްދަލުވުމެއް ނޫން ކަމަށެވެ. ސަބަބެއް ކަމަށް ސިޓީގައި ބުނެފައިވަނީ، ޕީޕީއެމްގެ ހިންގާ ގަވައިދުގެ 8 ވަނަ މާއްދާގައި ބުނާ ގޮތުން ކައުންސިލް ބައްދަލުވުންތަކަށް ދައުވަތު ދެއްވުމުގެ އިހުތިޔާރު އޮންނާނީ ހަމައެކަނި ޕާޓީގެ ރައީސްއަށް ކަމަށްވާތީ އެވެ. ރޭ ބޭއްވި ބައްދަލުވުމަށް ދައުވަތު ދީފައިވަނީ ރައީސް ނޫން ކަމަށްވާތީ، އެ ބައްދަލުވުމުގައި ނިންމި ނިންމުންތައް ބާތިލުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އަދި، ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގައި ވެސް ހައިސިއްޔަތެއް އޮންނަ ފަރާތެއް ނޫން ކަމަށް އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް މުޝްތަސާރުގެ ހައިސިއްޔަތުން ރައީސް ޔާމީން ރިޔާސަތު ބަލަހައްޓަވައިގެން ރޭ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވީ، ސިވިލް ކޯޓުން އެގޮތަށް އަމުރެއް ނެރުމާ ގުޅިގެންނެވެ.