ހަބަރު

ރައީސް ބޭއްވެވި ކައުންސިލްގެ މައުލޫމާތު އީސީއަށް ދީފި

ސިވިލް ކޯޓުގެ އަމުރަކާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ރިޔާސަތުގައި ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމި ކަންކަން އިލެކްޝަން ކޮމިޝަން (އީސީ)އާ މިއަދު ހިއްސާކޮށްފި އެވެ.

"އަވަސް"އާ ވާހަކަދައްކަވަމުން ޕީޕީއެމްގެ ކައުންސިލް ރޭ އައްޔަން ކުރި، ސެކެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ކައުންސިލުން ނިންމި، ކަންކަން އިލެކްޝަން ކޮމިޝަންއާ މިއަދު ހިއްސާކުރައްވާފައިވާނެ ކަމަށެވެ. އެގޮތުން މަގާމުތަކަށް އައްޔަން ކުރެއްވި ބޭފުޅުންގެ ނަންތައް ވެސް ހުށަހަޅާފައިވާނެ ކަމަށް ހަލީލް ވިދާޅުވި އެވެ. އަދި އެ ބައްދަލުވުން ބޭއްވި އަސްލުތަކާއި އޭގެ ސަބަބުތައް ވެސް ހިމަނާފައިވާނެ ކަމަށް ސެކްރެޓަރީ ހަލީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަނީ އީސީއާ ހިއްސާ ކުރަން ޖެހޭ ހުރިހާ މައުލޫމާތެއް ހިއްސާ ކުރަމުން،" ހަލީލް ވިދާޅުވި އެވެ.

ސިވިލް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ރައީސް ޔާމީންއަށް ތާއީދު ކުރައްވާ ޕީޕީއެމްގެ އިސް މެންބަރުން ބޭއްވި މި ކައުންސިލް ބައްދަލުވުމުގެ މައުލޫމާތު އީސީއާ ހިއްސާ ކުރައްވާފައިވާ އިރު އިއްޔެ ރައީސް މައުމޫންގެ ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުމުން ނިންމި ނިންމުންތައްވެސް ވަނީ އީސީއާ ހިއްސާ ކޮށްފަ އެވެ.

އެ ފެކްޝަނުންވެސް ވަނީ އެސްޖީއެއް އައްޔަންކޮށް ބައެއް މެންބަރުންވެސް ކައުންސިލަށް ހޮވާފަ އެވެ. އަދި ކައުންސިލްގައި ވޯޓެއް ނަގައި ޕާޓީގެ ނައިބު ރައީސް، އަބްދުލް ރަހީމް އަބްދުﷲ އާއި ޒާހިދު ރަމީޒް ވަކިކޮށްފައިވާ ކަމަށް ވެސް އެ ފެކްޝަނުން ވަނީ އީސީއަށް އަންގައިފަ އެވެ.