ދުނިޔެ

އިނގިރޭސިވިލާތުގައި ހުރި އާރްޓީ ޗެނަލްގެ ބެންކް އެކައުންޓްތައް ފްރީޒްކޮށްފި

ރަޝީއާއަށް ނިސްބަތްވާ ބައިނަލްއަގުވާމީ ނިއުސް ނެޓްވޯކެއްކަމަށްވާ، އާރްޓީގެ ބެންކް އެކައުންޓުތައް އިނގިރޭސިވިލާތުން ފްރީޒްކޮށްފި އެވެ.

އާރްޓީގެ އެކަންޓު އޮންނަ، އިނގިރޭސި ސަރުކާރުގެ ބޮޑު ހިއްސާއެއްވާ، ނޭޝަނަލް ވެސްޓްމިނިސްޓާ ބެންކުން އެ ޗެނަލްއަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ބެންކުން ބްރޮޑްކާސްޓަރުންނަށް އެއްވެސް ހިދުމަތެއް ދިނުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ވެސްޓްމިނިސްޓާ ބެންކްގެ މައި ބޭންކް ކަމަށްވާ، ރޯޔަލް ބެންކް އޮފް ސްކޮޓްލެންޑުން ވެސް އާރްޓީއަކަށް ހިދުމަތެއް ނުދޭނެ ކަމަށާއި އެކަމާ ގުޅިގެން އިތުރު މަޝްވަރާއެއް ކުރަން ބޭނުން ނުވާ ކަމަށް އެ ބޭންކުން އެ ޗެނަލަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

އެ ސިޓީ ލިބިފައިވާކަން އެ ޗެނަލްގެ ޗީފް އެޑިޓަރު މާގަރީޓާ ސައިމޮޔަން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

"އިނގިރޭސިވިލާތުގައި ހުރި އަޅުގަނޑުމެންގެ ހުރިހާ އެކައުންޓެއް ވަނީ ބްލޮކްކޮށްލާފައި. އެކަމާ ގުޅިގެން އެއްވެސް މަޝްވަރާއެއްވެސް ކޮށްފައެއް ނުވޭ. އަދި ކުރިން އަންގާފައެއް ވެސް ނެތް. އަދި އެކަމާ މެދު މަޝްވަރާ ކުރަން ވެސް ބޭނުމެއް ނުވޭ،" މާގަރީޓާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މި މައްސަލާގައި ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ވިދާޅުވީ އިނގިރޭސިވިލާތުން އެ ޗެނަލާ މެދު އެޅި ފިޔަވަޅަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާ ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އިނގިރޭސިން އީޔޫ އިން ވަކިވުމާ އެކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބައެއް ވެސް ދޫކޮށްލާފައިވާ ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.