ރާއްޖެ ކުޅިވަރު

ބީޖީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެއްޖެ

Oct 17, 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިރޭ ނިއުރޭޑިއަންޓާ ދެކޮޅާށް ކުޅުނު މެޗުން އެއްވަރުވެ ތާވަލުގެ އެންމެ ފުލުގައި އޮތް ބީޖީ ސްޕޯޓްސް ކުލަބު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެއްޖެއެވެ.

ދެހާސް ތޭރަ ވަނަ އަހަރުން ފެށިގެން ފުރުތަމަ ޑިވިޝަންގައި ވާދަ ކުރަމުން އަންނަ ބީޖީ ރެލިގޭޓްވީ މިރޭގެ މެޗުން އެއްވަރުވުމުން ލީގްގައި އެޓީމު ކުޅޭ ފަހު މެޗުން މޮޅުވިޔަސް ތާވަލުގެ ހަތް ވަނައިގައި އޮތް ވިކްޓރީއާ ޕޮއިންޓްގެ ގޮތުން އަރާ ހަމަ ނުކުރެވޭނެތީއެވެ.

މިދިޔަ އހަރުން ފެށިގެން ލީގަށް ގެނެވުނު ބަދަލުގެ ސަބަބުން ލީގްގެ އެނެމެ ފުލަށް ދާޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓޤ ވާނެއެވެ. ހަތް ވަނަ އަށް ދާ ޓީމު ޖެހޭނީ ދެ ވަނަ ޑިވިޝަންގެ ރަނަރަފް ޓީމާއެކު ރެލިގޭޝަން ކުޅޭށެވެ.

ބީޖީ ލީގްގައި ކުޅޭ އެންމެ ފަހު މެޗްގައި ވާދަ ކުރާނީ ވިކްޓްރީއާއެވެ.

މިރޭގެ މެޗްގައި ފުރަތަމަ ލަނޑު ޖެހީވެސް ނިއު އިންނެވެ. އެޓީމުގެ ލަނޑު ކާމިޔާބު ކުރީ ހަމްޒާ މުހައްމަދު (ހަމްޕް) އެވެ.
ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން ނިއުގެ މުހައްމަދު މުސްލިހަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދަނިކޮށް ބީޖީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބީޖީގެ ޑެނިއަލް ފިލޮމެން ކާމިޔާބު ކުރި ލަނޑުންނެވެ.

މެޗް އެއް ވަރުވުމުން ލިބުނު އެއް ޕޮއިންޓާއެކު ނިއު ވަނީ ވާދަވެރި ވެލެންސިއާ އަރާ ހަމަކޮށްފައެވެ. ދެ ޓީމަށްވެސް 20 ޕޮއިންޓް ލިބޭއިރު، ލަނޑުގެ ތަފާތުން ކުރި ލިބުމުން ތާވަލުގެ ކުރި ލިބެނީ ވެލެންސިއާ އަށެވެ. ނިއު ހަ ވަނައިގައި އޮތް އިރު، ވެލެންސިއާ އޮތީ ފަސް ވަނައިގައެވެ.