ދުނިޔެ

ދަރިންނަށް ވެކްސިން ދޭން ދެކޮޅުހެދި ގިނަ އަދަދެއްގެ ބަޔަކު ޕާކިސްތާނުން ހައްޔަރުކޮށްފި

ފުލުހުންގެ ބެލުމުގެ ދަށަށް މި މީހުންތައް ގެންގޮސްފައި ވަނީ ހަނގުރާމަވެރިންގެ ނުރައްކާ ބޮޑު ޕިޝާވަރުގައި މިހާރު ކުރިއަށް ދާ ވެކްސިން ކެމްޕޭނަކާ ދިމާކޮށެވެ. ޕާކިސްތާނުގައި ޕޯލިއޯ ވެކްސިނާ ދެކޮޅަށް އެންމެ ބޮޑަށް ދެކޮޅުހަދަނީ ތާލިބާނުންނާއި އެމީހުންނާ ގުޅިފައިވާ ފަރާތްތަކުންނެވެ.

އެ ފަރާތްތަކުން ބުނާ ގޮތުން ޕޯލިއޯއާ ދެކޮޅު ނަމުގައި ހިންގާ ވެކްސިންގެ ކެމްޕޭނަކީ އެމެރިކާގެ ސީއައިއޭއާ ގުޅިގެން ހިންގާ ނުބައި ޕްރޮޕެގެންޑާއެކެވެ.

ވެކްސިން ދޭން ދެކޮޅު ހެދި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާއިރު މީގެ ކުރިން ޕާކިސްތާނުން މިގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ. ނަމަވެސް ފުލުހުން މިފަހަރު ބުނަނީ ދަރިންނަށް ވެކްސިން ދޭން އެއްބަސްވެ އެކަމަށް ވައުދުނުވަނީސް އެއްވެސް މީހަކު ދޫކޮށްނުލާނެ ކަމަށެވެ.

ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން މި މީހުންތައް ހައްޔަރުކޮށްފައި ވަނީ މުޖުތަމައުގެ އާންމުން ނުރައްކަލަށް ހުށަހަޅާ ކަމުގެ ތުހުމަތުގަ އެވެ.

ޕާކިސްތާނަކީ ޕޯލިއޯ ނުރައްކާ އެންމެ ބޮޑު ގައުމުތަކުގެ ލިސްޓްގެ ކުރީގައި އޮތް ގައުމެކެވެ. ޕޯލިއޯ ނައްތާލުމަށް ޕާކިސްތާނުގެ ސަރުކާރުން މިފަދަ ގިނަ ކެމްޕޭންތަކެއް ހިންގިޔަސް އެދެވޭ އެއްބާރުލުމެއް އާންމުންގެ ފަރާތަކުން ނުލިބެ އެވެ.

ކެމްޕޭން ހިންގާ ފަރާތްތަކާ ދެކޮޅަށް ތާލިބާނުން އާންމުކޮށް ހަމަލާ ވެސް ދެ އެވެ. އެގޮތުން ވެކްސިން ދިނުމުގެ ހަރަކާތެއްގައި އުޅުނު ހަތަރު މީހަކު ނޮވެމްބަރު މަހު ވެސް މަރާލާފައިވެ އެވެ.

ދަރިންނަށް ވެކްސިން ދޭން ޕާކިސްތާނުގެ ބައެއް މީހުން ދެކޮޅުހަދާ މައްސަލާގައި އެމީހުންނަށް އެންމެ ބޮޑަށް ފާޑުކިޔާ ފަރާތަކީ އެމެރިކާ އެވެ. ނަމަވެސް އެމެރިކާގައި ވެސް މިފަހުން، ދަރިންނަށް ވެކްސިން ދޭން ބެލެނިވެރިންގެ ބަޔަކު ދެކޮޅުހަދައިގެން މައްސަލަ ނިކަން ބޮޑަށް ހޫނުވެގެން ދިޔަ އެވެ.