އެމެރިކާގެ ރިޔާސީ އިންތިހާބު 2016

ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ޓްރަމްޕް މިހާރުންސުރެ ވިދާޅުވެއްޖެ

Oct 18, 2016
4

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕް މިހާރުން ސުރެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ވިސްކޮންސިންގެ ގްރީން ބޭގައި ކުރިއަށް ގެންދިޔަ ކެމްޕޭން ރެލީއެއްގައި ޓްރަމްޕް ވިދާޅުވީ 2008 އަހަރުގެ ރިޔާސީ އިންތިހާބުގައި ގަވައިދާ ހިލާފަށް އެމެރިކާއަށް ހިޖުރަކޮށްފައިވާ މީހުން، އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާ އަށް ވޯޓް ދިން ކަމަށެވެ.

އަދިވެސް ވޯޓްގައި މަކަރު ހެދުމުގެ ކަންކަން ކުރިއަށްދާ ކަމަށާއި މީގެ 10 އަހަރު ކުރިން މަރުވެފައިވާ މީހުން، އިންތިހާބުތަކުގައި މިހާރުވެސް ވޯޓްލަމުން ދާ ކަމަށެވެ.

ވިސްކޮންސިންގެ ކެމްޕޭން ރެލީއަށް ވަޑައިގެންނެވުމުގެ ކުރިން، ކުރެއްވި ޓްވީޓެއްގައި ޓަރްމްޕް ވިދާޅުވީ ވޯޓް އޮޅުވާލުމުގެ ކަންތައްތައް މަތީ ދަރަޖައެއްގައި ހިނގާ ކަމަށާއި ރިޕަބްލިކަން ޕާޓީގެ ލީޑަރުން އެކަންކަން ގަބޫލު ކުރައްވަން ބޭނުންފުޅު ނުވަނީ ކީއްވެގެން ކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ޓްރަމްޕް ވަނީ އިންތިހާބުގައި ނާޖާއިޒު ކަންކަން ކުރަމުންދާކަމަށް ވިދާޅުވެ ސީދާ އެ މައްސަލައަށް ވާހަކަފުޅު ދައްކާފައެވެ. ވޯޓް ބަދަލު ކުރުމަށް ނުވަތަ އޮޅުވާލުމަށް ގިނަ ކަންކަމެއް އަވަހަށް ނިންމަމުންދާ ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.

ރޭ ބޭއްވި ކެމްޕޭން ހަރަކާތްތަކުގައި ޓްރަމްޕް ވިދާޅުވީ މަރުވެފައިވާ މީހުންގެ ތެރެއިން 1.8 މިލިއަން މީހުންގެ ނަމުގައި "ކޮންމެވެސް މިހަކު ވޯޓް ލާނޭ" ކަމަށެވެ.

"މުޅި ގައުމުގައި ވޯޓް ލާ މީހުން އެބައުޅޭ، އެމެރިކާގެ ރައްޔިތަކަށް ނުވިޔަސް އިންތިހާބުގައި ވޯޓް ލާނެ،" ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.