ރައްޔިތުންގެ މަޖިލިސް

ކޮމަންވެލްތުން ވަކިވުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

Oct 18, 2016

ރާއްޖެ ކޮމަންވެލްތުން ވަކިވުމާމެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތުގެ ލަފައެއް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވަން ނިންމައިފި އެވެ. މި މައްސަލަ ކޮމިޓީއަށް ފޮނުވަން ފާސްކުރީ މިއަދު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 40 މެންބަރުންގެ ވޯޓުންނެވެ.

މި މައްސަލަ ދިރާސާ ކުރަން ފޮނުވީ ގައުމީ ސަލާމަތުގެ ކޮމިޓީއަށެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމާ މެދު ރައްޔިތުންގެ މަޖިލީހަށް ފެންނަ ގޮތުގެ ލަފައެއް ހޯއްދެވުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. ނަމަވެސް މަޖިލީހުން މި މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް މިމަހުގެ 13 ވަނަ ދުވަހު ސަރުކާރުން ވަނީ ނިންމާފަ އެވެ.