ރާއްޖެ ކުޅިވަރު

އެފްއޭކަޕް ކްއާޓާ ފައިނަލްގައި އީގަލްސްއާ ޓީސީ ކުރިމަތި ލުމަކަށް

Oct 18, 2016

އެފްއޭ ކަޕްގެ ކްއާޓާ ފައިނަލްގައި، އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ދެވަނަ ޖާގަ ހޯދަން ވާދަ ކުރާ އީގަލްސް އާއި ޓީސީ ބައްދަލު ކުރަން ޖެހިއްޖެ އެވެ.

ބާކީ ހަތަރު މެޗް އޮއްވާ މާޒިޔާއިން ލީގް ޗެމްޕިއަންކަން ކަށަވަރު ކުރުމުން މިހާރު އެންމެ ބޮޑަށް ވާދަވެރިކަން އޮތީ ލީގްގެ ދެ ވަނަ ޖާގަ ހޯދަން ވާދަ ކުރާ ޓީސީއާ އީގަލްސްއާ ދެމެދުއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އީގަލްސް ދެ ވަނައިގައި އޮތް ނަމަވެސް ތިން ވަނަ ބުރުގައި ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން، ލީގް ހޯދުމުގެ ފުރުސަތު ވެސް އީގަލްސްއަށް ގެއްލުނެވެ. އަދި ޓީސީ ނިއުރޭޑިއަންޓް އޮތުން މޮޅުވުމުން އެޓީމު ވަނީ ތާވަލުގެ ދެ ވަނަ އަށް ޖެހިލާފައެވެ. ދެޓީމުގެ ދެމެދުގައި އެއް ޕޮއިންޓްގެ ފަރަގެއް އޮތް އިރު، ލީގް ފަހު މެޗްތަކުގައި ނަތީޖާ ނިކުންނަ ގޮތުން ދެ ވަނަ މަގާމު ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.

މިހާރު ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕްގައި ވެސް އެންމެ ވާދަވެރި ދެޓީމަކީ ޓީސީއާ އީގަލްސްއެވެ. އެފްއޭ ކަޕްގައި މި ދެޓީމު ބައްދަލު ކުރާ ކްއާޓާ ފައިނަލް މެޗް އޮންނާނީ މިމަހު 31 ވަނަ ދުވަހުއެވެ.

އެފްއޭކަޕް އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާއިރު، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ވާދަ ކުރަން ޖެހޭނީ ދެ ވަނަ ބުރުގައި މިމަހު 25 ގައި ޔުނައިޓަޑް ވިކްޓްރީ އާއި ވިލިމާލޭ ޔުނައިޓަށް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މާޒިޔާ ކުޅޭ ކްއާޓާ ފައިނަލް މެޗް އޮންނާނީ އަންނަ މަހު ދެ ވަނަ ދުވަހުއެވެ.

އެންމެ ފަހުގެ އެފްއޭކަޕް ފައިނަލްގައި ޕެނަލްޓީ ޖަހައިގެން މާޒިޔާ އަތުން ބަލިވި ނިއުރޭޑިއަންޓް މިމަހު 30 ވަނަ ދުވަހު ބައްދަލު ކުރާނީ ދެ ވަނަ ބުރުގައި ބީޖީ ސްޕޯޓްސް ކުލަބާއި ވޭރު ސްޕޯޓްސް ކުލަބު މިމަހު 25 ވަނަ ދުވަހު ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެފްއޭކަޕްގެ ތާރީހްގައި އެންމެ ކާމިޔާބު ޓީމަކީވެސް ނިއު އެވެ. އެޓީމު ވަނީ 26 ފަހަރުގެ ތެރެއިން 12 ފަހަރަށް މުބާރާތް ކާމިޔާބުކޮށްފައެވެ. ދެ ފަހަރަށް އެފްއޭކަޕް ތަށި މިލުކުވެސް ކުރިއެވެ.

ނިއުއަށްފަހު އެފްއޭކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ވެލެންސިއާއެވެ. އެޓީމުން ވަނީ މުބާރާތް ހަ ފަހަރު ކާމިޔާބު ކޮށްފައެވެ. ކްއާޓާ ފައިނަލްގައި އެޓީމު ވާދަ ކުރާނީ ވިކްޓްރީއާ ދެކޮޅަށެވެ. އެ މެޗް އޮންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހުއެވެ.

ކްއާޓާ ފައިނަލް މެޗްތަކަށް ފަހު ސެމީ ފައިނަލް ފުރަތަމަ މެޗް އޮންނާނީ ނޮވެމްބަރު މަހު ފަސް ވަނަ ދުވަހުއެވެ. ދެ ވަނަ ސެމީ ފައިނަލް މެޗް އޮންނާނީ ހަ ވަނަ ދުވަހުއެވެ.

ފައިނަލް މެޗް އޮންނާނީ އަންނަ މަހު 10 ވަނަ ދުވަހުއެވެ. އެފްއޭ ކަޕަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތެވެ.