ހަބަރު

މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި

Oct 18, 2016
1

މިއަދު ހެނދުނުސުރެ މާލެ ސިޓީއަށް ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ފެން ބޮޑުވެފައިވާތީ ފެން ހިންދުމުގެ މަސައްކަތަށް ސިފައިން ނިކުމެއްޖެ އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ، މާލައަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ހިނގާބިނގާ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެހި ދުއްވުމަށް އުދަގުވަމުން ދާތީވެ، މިއަދު މެންދުރު ފަހުން ފެށިގެން މަޖީދީމަގުގެ ހުޅަނގު ފަރާތު މަރާމާތު ކުރަމުންދާ ސަރަހައްދުގައި ޕަންޕު ޖައްސައިގެން ފެންހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މީގެ އިތުރުން އައިޖީއެމް ހޮސްޕިޓަލް ސަރަހައްދު ވެސް ފެންހިއްކުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މީގެ އިތުރުން މި ސަރަހައްދުތަކުގައި ގުޅިފައިވާ މަގުތަކުންވެސް ފެން ހިއްކުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ދަނީ ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖެއަށް ވިއްސާރަ ކުރާނެ އެވެ.